ޤިޔާމަތް ދުވަހު އެހެންމީހުންގެ ފާފަތައް ގަންނަން ޖެހޭނެ ބައަކު ތިބޭނެއެވެ. އެދުވަހު މުޢާމަލާތުކުރަންޖެހޭނީ ދުނިޔޭގައި މިގެންގުޅޭ ފައިސާއަކުން ނޫނެވެ. އެމީހަކު ނުހަނު ބުރަ އުފުލައިގެން ކުރި ހެޔޮ ޢަމަލުތަކުންނެވެ. ތިމާ ކުޅަ ހެޔޮ ޢަމަލުތައް ދީފައި އެހްން މީހުންގެ ފާފަތައް ގަންނަން ޖެހޭނެ މީހަކަށް ވެއްޖެނަމަ ކުރަންޖެހޭނެ ހިތާމައަށް ވިސްނައިލާށެވެ.
މިކަން އެންމެ ބޮޑަށް ކުރިމަތިވާނީ ޣީބަބުނި މީހުންނަށެވެ. މީސްތަކުންގެ ވާހަކަ ދައްކަމުން ހިނގި މީހުންނަށެވެ. މީސްމީހުންގެ މެދުގައި ފިތުނަ އުފެއްދި މީހުންނަށެވެ. އެކިބާވަތުގެ ވާހަކަތައް ދައްކައިގެން ދެމަފިރިންގެ މެދުގައި މައްސަލަތައް ޖެއްސުވި މީހުންނަށެވެ.
މިހެން ބުނަން މިޖެހެނީ އެފަދަ ކަންކަންކުރާ މީހުން ކޮންމެ ދުވަހަކުވެސް އެތައް ފަހަރަކު އެކަންކުރެއެވެ. ކުރާވަރަކަށް ދާނީ އެމީހެއްގެ ފަތުގައި ލިޔުވެމުންނެވެ. އެމީހަކަށް އެކަން ކުރެވުނު ވަރު އެނގިގެންދާނީ ޤިޔާމަތް ދުވަހުއެވެ. ކިތައް މީހުންކުރި ފާފަތައް ގަންނަން ޖެހޭނެ ކަމާއި ތިމާކުޅަ ހެޔޮ ޢަމަލުތަކުން އެކަމަށް ހޭދަކުރަންޖެހޭނެވަރު އެނގޭނީ ހިށާބު ބައްލަވާ ވަޤުތުގައެވެ.
ފުރަތަމަ ޖެހޭނީ ބަދަލުދޭށެވެ. އަނެކާގެ ފާފަތައް ތިމާގެ ކޮނޑަށް ބަދަލުވާން ފަށާނީ ބަދަލުދެމުން ގޮސް ތިމާ ކުޅަ ހެޔޮ ޢަމަލުތައް ހުސްވުމުންނެވެ.
އާނއެކެވެ! އެކި ޢިބާރާތްތަކުން އެންމެ ގިނައިން ދެއްކޭ އެއްވާހަކައަކީވެސް މިއެވެ. ސަބަބަކީ ވިސްނައިދޭން މިވަރަށް މަސައްކަތްކުރާއިރުވެސް މިފަދަ ފާފަތައް ކުރާ މީހުންގެ ޢަދަދު ދުަވހެއް ދުވަހަކަށް އިތުރުވަމުން އަންނާތީއެވެ.
މީސްތަކުންނޭވެ! ޣީބަބުނުން ހުއްޓައިލާށެވެ! ތައުބާވާށެވެ! އެއްވެސް މީހެއްގެ ވާހަކަ ދެކެވިފައިވާނަމަ އެމީހެއްގެ ކިބައިން މާފަށް އެދޭށެވެ. އަދި އެބައަކަށް ބަދަލުދޭން ތިމާއަށް ތިމާއަށް ޖެހޭނެ އެންމެންގެ ފާފަތައް ފުއްސަވައިދެއްވަވައި ހެޔޮ ރަޙްމަތް ލެއްވެވުން އެދިގެން ދުޢާކުރަމުން ގެންދާށެވެ.
- މުފްތީ މެންކުގެ ދަރުސަކުން