ދައްޖާލު ދުނިޔޭގައިވާކަން ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސިޔަރަތުން ވަރަށް ސާފުކޮށް އެނގެން އެބައޮތެވެ. ވަރުގަދަ ޗޭނަކުން ޗޭނުޖަހާފައި އޮއްވައި ފެނުނު މީހުން އެކަމުގެ ޚަބަރު އިތުރުޞާޙިބާއަށް ވަނީ ދަންނަވައިފައެވެ. އަންނަން އޮތީ ޗޭނުތަކުން ވީއްލި އޭތި މީސްތަކުންގެ ތެރެއަށް ފައުލުވާނެ ދުވަހެވެ.
އެކި ސައިޒުގެ ދައްޖާލުތައް ފަޅުވަމުން ގޮސް އެންމެ ފަހުން ފައުޅުވާނެ ބޮޑު ދައްޖާލުގެ ސިފަތައް ހަދީޘްފުޅުތަކުން ފެންނަން އެބަހުއްޓެވެ. އަދި ފެންނާނެ އެއްކަންތަކުގެ ތެރޭގައި އެއެތީގެ ނިތްކުރީގަ "ކާފިރު" ލިޔެވިފައިވުން ހިމެނެއެވެ. އަދި އެގޮތަށް ލިޔެވިފައިވީނަމަވެސް ފެންނާނީވެސް ހަމައެކަނި މުސްލިމުންނަށެވެ. ކާފިރުންނަކަށް ނުފެންނާނެއެވެ.
މިއީ ވަރަށް ފުންކޮށް ވިސްނައިލުން މުހިންމު ކަމެކެވެ. އަހުރެން ވިސްނި ވިސްނުމުން ޤަބޫލުކުރެވުނީ އެގޮތަށް އެކަން މެދުވެރިކުރައްވަވަނީ މުސްލިމުންނަށް އެއީ ބޮޑު ދައްޖާލުކަން އަންގަވައިދެއްވެވުމަށެވެ. އެއެތީގެ ފިތުނައިން މުސްލިމުން ސަލާމަތްކުރެއްވެވުމަށެވެ. އެއެތި ދައްކާ ވާހަކަ ޤަބޫލުނުކުރުމަށް އެންގެވުމަށެވެ.
އަދި އެގޮތަށް މިންވަރުކުރައްވަވަނީ އެއެތީގެ ފިތުނައިން މުސްލިމުން ސަލާމަތްކުރެއްވެވުމަށެވެ. އެކަމުން އެނގިގެންދަނީ މުސްލިމުން ޙައްޤު ގޮތުގައި ތިބިނަމަ ފިތުނަތަކުން ސަލާމަތްކުރައްވަވާނެ ކަމެވެ. އިބިލީހުގެ ވަސްވާސްތަކުންވެސް ސަލާމަތްވެ ތިބެވޭނެ މަގު ދައްކަވާނެ ކަމެވެ.
ވީމާ އަހުރެން ތިއަ އެންމެ ބޭކަލުންނާއި ކަނބަލުންގެ އަރިހުން މިއެދެނީ ވަށައިގެން ފެންނަމުން މިދާ ކަންކަމަށް ނުހެއްލި ޙައްޤު މަގުގައި ޘާބިތުވެ ތިބުމަށެވެ. މިހާރުވެސް މިވަނީ އެކި ސައިޒުގެ ދައްޖާލުތައް ފައުޅުވެފައެވެ. އެދައްޖާލުތަކުގެ ފިތުނަތައް މިވަނީ ޢާންމުވެފައެވެ. އަހަރެމެންނަށް އޮތީ ސަލާމަތްވެތިބެން މަސައްކަތްކުރުމެވެ. މަސައްކަތްކުރާމީހުންނަށް މަގުދައްކަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން