ގިނަ ބައަކަށް އަބަދުވެސް އުޅެންޖެހެނީ އެމީހުން ކުރަން ބޭނުންވާ ކަންކަން ކާމިޔާބު ނުކުރެވިގެންނެވެ. ކޮންމެ ކަމެއްވެސް ކާމިޔާބުކުރެވެން އޮތީ އެކަމެއް ﷲ ތަޢާލާ ހިންމަވައި ދެއްވެވުމުންނެވެ. ވީމާ މިއާޔަތަށް ވިސްނައިލާށެވެ!
ﷲ ތަޢާލާގެ ވަޙީބަސްފުޅުގައި ވަނީ މިފަދައިންނެވެ.
اذْهَبْ أَنتَ وَأَخُوكَ بِآيَاتِي وَلَا تَنِيَا فِي ذِكْرِي
"ތިމަންރަސްކަލާނގެ އާޔަތްތަކާއިގެން ކަލޭގެފާނާއި، ކަލޭގެފާނުގެ އަޚް ވަޑައިގަންނަވާށެވެ! އަދި ތިމަންރަސްކަލާނގެ ހަނދުމަކުރެއްވުމުގައި، ތިޔަ ދެބޭކަލުން ފަރުވާކުޑަ ނުކުރައްވާށެވެ!"
މިއާޔަތުގެ ތަފްސީރަށް ބަލައިފިނަމަ ﷲ ތަޢާލާ ވަޙީކުރައްވަވަނީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ކޮންމެ ކަމެއް ކުރަންވެސް ކުރިއަށް ދިއުމަށެވެ. އަދި ކަންކަންކުރަން އެކަނި އުޅުމުގެ ބަދަލުގައި އެހެން މީހުން ބައިވެރިކޮށްގެން ކަންކަން ކުރަން އުޅުމަށެވެ. އެއިރުން އެކަމެއްގައި ބަރަކާތް ލައްވަވާނެ ކަމެވެ.
ހަމައެއާއިއެކު ކޮންމެ ކަމެއް ކުރަން އުޅުނު ނަމަވެސް، ކޮންމެ މަސައްކަތެއް ކުރިނަމަވެސް ﷲ ތަޢާލާ އާއި ބާއްވަންޖެހޭ ގުޅުން ބާއްވަންޖެހޭނެ ކަމާއި ގިނަގިނައިން ﷲ ތަޢާލާގެ މަތިން ހަނދާންކުރަންޖެހޭނެ ކަމެވެ. ކިތަންމެ ވަރަކަށް މަސައްކަތް ބުރަވިނަމަވެސް ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމުގައި ފަރުވާކުޑަކޮށްގެން ނުވާނެކަމެވެ.
މިއީ އާޔަތަކަށް ބަލައިފިނަމަ މިއީ ވަރަށް ކުރުކުރު އާޔަތެކެވެ. ނަމަވެސް އާޔަތުގައި އެވަނީ ދުނިޔޭގައި އުޅޭއުޅުމުގައި ކަންކަންކުރަންވީމަގެވެ. ފަސްނުޖެހި ކުރިއަށް ދިއުމެވެ. ކޮންމެ ކަމެއް ކުރިނަމަވެސް އެކަނި ކުރަން ނުއުޅެ އިތުރު ބައަކު ބައިވެރިކޮށްގެން އެންމެންވެގެން އެކަމެއް ކުރަން އުޅުމެވެ. އަދި އެކަމެއްގައި އުޅޭއިރު ﷲ ތަޢާލާގެމަތިން ޛިކުރުކުރުމުގައި ދެމިތިބެންޖެހޭނެ ކަމެވެ. އެއިރުން އެކަމެއް އެމީހަކަށް އެކަމެއް ހިންމަވައި ދެއްވަވާނެކަން ޔަޤީންކުރާށެވެ!
ނަމަވެސް މިއަދު އަހަރެމެންނަށް ކަންކަން ކުރަން އުޅެވޭ ގޮތާއިމެދު ވިސްނައިލާށެވެ. އިޞްލާޙްކުރަންޖެހޭ ކަންކަން އިޞްލާޙްކޮށްލާށެވެ! ކާމިޔާބީ މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ
- ޝައިޚް މުޙައްމަދު އަލް ނަޤަވީގެ ދަރުސަކުން