ސިޙުރުހާހޫރައާ އެސްފިނާއާ އެންމެހާ ނުރައްކާތަކުން ސަލާމަތްވެހުރުމަށް ކޮންމެ މީހަކަށްވެސް ކުރެވިދާނެ ކަންކަން ޙަދީޘުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 11މ 45ސ
ސިޙުރުހާހޫރައާ އެސްފިނާއާ އެންމެހާ ނުރައްކާތަކުން ސަލާމަތްވެހުރުމަށް ކޮންމެ މީހަކަށްވެސް ކުރެވިދާނެ ކަންކަން ޙަދީޘުން-

ސިޙުރުހާހޫރައާއި އެސްފީނާ އާއި އެންމެހައި ނުރައްކަލަކުން ސަލާމަތްވުމަށް މިއަދު މިވަނީ ގަދައަޅައި މަސައްކަތްކުރަންޖެހިފައެވެ. އެކަމަށް އޮތް މަގުތަކާއި ކުރަންވީ ކަންކަން ޙަދީޘްފުޅުތަކުން ފެންނަން އެބައޮތެވެ. ކަންކަން ކުރިމަތިވުމުން ކަންބޮޑުވުމަކީ އެކަމަށް އޮތް ޙައްލެއް ނޫނެވެ. ޙައްލަކީ ކުރަންހުރި ކަންކަން ކޮންމެ ދުވަހަކުވެސް ކުރަމުން ގެންދިއުމެވެ. 

ތިރީގައި އެވަނީ ކޮންމެ މީހަކަށްވެސް ކުރެވިދާނެ ކަންކަމެވެ. ކުރަން އޮތްކަމަކީ ކުޑަ ވަޤުތުކޮޅެއް ހޭދަކޮށްލައި ޙަދީޘްފުޅުތަކުން ފެންނަންހުރި ޛިކުރުތައް ކިޔުމެވެ. 

ރޫހާނީ ބަލިމަޑުކަމުން ސަލާމަތް ވެވޭނެ 5 ގޮތް- 

ސިހުރުހާހޫރަ އާއި ޖިންނި ޝައިޠާނުންގެ ފަރާތުން ކުރިމަތިވާ އުނދަގޫތަކުގެ ވާހަކައަކީ އަބަދުވެސް އަޅުގަނޑުމެންގެ މުޖުތަމަޢުގައި ދެކެވެމުންދާ ވާހަކަތަކެއް. އެގޮތުން މިބަލާލާނީ ކީރިތި ޤުރުއާނާއި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތުގެ އަލީގައި ސިހުރުހާހޫރަ އާއި ޖިންނި ޝައިޠާނުންގެ ނުބައިކަމުން ސަލާމަތްވެ ރައްކާތެރި ވުމަށްޓަކައި ކުރެވިދާނެ 5 ކަމެއްގެ މައްޗަށް. 

އެގޮތުން ފުރަތަމައީ އިޚްލާޞް، ފަލަޤި، ނާސް 3 ސޫރަތް ކިޔެވުން. މީ ބަރަކާތްތެރި 3 ސޫރަތް. ކިޔަވާ ފަރާތްތަކަށް ވާ ރައްކާތެރިކަމެއް. ބަލިތަކަށް ވާ ފަރުވާއެއް. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސިހުރުޖެހި ވަޑައިގަތުމުން މި 3 ސޫރަތް ކިޔަވާ ވިދާޅުވި. އަދި ހަމަ އެހެންމެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އާލާސްކަންފުޅެއް ކުރިމަތި ވެއްޖެނަމަ މި 3 ސޫރަތް ކިޔަވާ ވިދާޅުވުމަށްފަހު އަތަށް ފުމެލައްވާ ގައިގައި ފިރުމާލައްވާ ކަމުގައި ރިވާވެގެންވޭ. 

ހެނދުނާއި ހަވީރު މި 3 ސޫރަތް ކިޔެވުމަކީ އެންމެހާ ނުބައި ކަމަކާއި ގެއްލުމަކުން މީހާއަށް ސަލާމަތްތެރިކަމާއި ރައްކާތެރިކަން ލިބިގެނދާނެ ކަމެއް. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގައިވޭ --- މާނައީ " ހެނދުނު ވުމުންނާއި އަދި ހަވީރު ވުމުން --- މާނައަކީ ފަލަޤް ސޫރަތާއި ނާސި ސޫރަތް 3 ފަހަރު ކިޔަވާށޭ. ތިބާއަށް ހުރިހާ ކަމަކަށް އެ ފުދޭނެއެވެ."  މާނައަކީ ހުރިހާ ގެއްލުމަކާއި ހުރިހާ ނުބައި ކަމަކުން މީހާއަށް ސަލާމަތްތެރިކަމާއި ރައްކާތެރިކަން ލިބިގެންދާނެއެވެ.

އަދި ހަމަ އެހެންމެ ކޮންމެ ނަމާދަކަށް ފަހުގައާއި، ރޭގަނޑު ވުމުން މި ސޫރަތްތައް ކިޔެވުމަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ އިރުޝާދު ދެއްވާފައި. މާތް ﷲ ރުއްސުންލެއްވި އުޤުބަތު ބުން ޢާމިރުގެ ކިބައިން ރިވާވެގެންވެއެވެ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. ކަލޭގެފާނު ރޭގަނޑަކާ ބައްދަލު ކޮށްފިނަމަ އެ ސޫރަތްތައް އެރޭ ކިޔަވާށެވެ. އެއީ އިޚްލާސް، ފަލަޤް އަދި ނާސް މި 3 ސޫރަތެވެ. އުޤުބަތު ބުނި ޢާމިރު ވިދާޅުވެފައިވޭ، ކޮންމެ ނަމާދަކަށްފަހު " މުޢައްވިޒާތި" އެބަހީ އިޚްލާސް، ފަލަޤް، ނާސް ކިޔުމަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ތިމަންކަލޭގެފާނަށް ޢަމުރު ކުރެއްވިއެވެ. މި ތިން ސޫރަތް ކިޔެވުމަކީ ޖިންނީންނާއި އިންސާނުންގެ އެސްފީނާއިން ސަލާމަތް ކަމާއި ރައްކާތެރިކަން ލިބިގެންދާނެ ކަމެކެވެ. 

އަބޫ ސަޢީދު ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވޭ، ފަލަޤް ސޫރަތާއި ނާސި ސޫރަތް ބާއްވާލެއްވުމާއި ހަމައަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޖިންނީންނާއި އިންސީންގެ އެސްފީނާއިން ރައްކާތެރިކޮށްދެއްވުން އެދި ދުޢާ ކުރައްވާކަމުގައިވޭ. އެއަށްފަހުގަ ފަލަޤް ސޫރަތާއި ނާސި ސޫރަތް ބާއްވާ ލެއްވުމުން މިދެ ސޫރަތް ކިޔަވާ ވިދާޅުވުމަށް ފަހުގައި އެހެނިހެން ދުޢާތައް ދޫކޮށްލެއްވިއެވެ. އަދިހަމަ އެހެންމެ ރޭގަނޑު ނިދުމުގެ ކުރިން މި ތިން ސޫރަތް ކިޔެވުމަކީ ސުންނަތެއް އަދި ރައްކާތެރިކަމެއް. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކޮންމެ ރެއަކު އަވަހާރަފުޅު ލެއްޕެވުމުގެ ކުރިން މި ސޫރަތްތައް ކިޔަވާވިދާޅުވުމަށްފަހު ދެއަތްޕުޅަށް ފުމެލައްވާ މޫނާއި ހަށިކޮޅުގައި އަތްޕުޅު ފިރުމާލައްވާކަމުގައި ރިވާވެގެންވޭ. މި ތިން ސޫރަތް ކިޔެވުމަކީ ރައްކާތެރިކަމެއް، ފަރުވާއެއް. އެގޮތުން ހެނދުނާއި ހަވީރު އަދި ކޮންމެ ނަމާދެއްގެ ފަހުގައާއި ރޭގަނޑުގައި، އަދި ހަމައެހެންމެ ނިދުމުގެ ކުރިން މި ސޫރަތްތައް ކިޔެވުމަކީ ކޮންމެހެން  ބޭނުންތެރިކަމެއް. 

ދެވަނައީ އާޔަތުލް ކުރުސި ކިޔެވުން. އެއީ ކީރިތި ޤުރުއާނުގައިވާ އެންމެ މަތިވެރި އާޔަތް. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްފައިވާ ބަސްފުޅެއްގައިވޭ ---- މާނައީ "ކީރިތި ޤުރުއާނުގައިވާ އެންމެ މަތިވެރި އާޔަތަކީ --- މިއެވެ." އަދި ހަމައެހެންމެ އާޔަތުލް ކުރުސި ކިޔެވުމަކީ ސުވަރުގެ ދިއުމަށް މެދުވެރިވާ ސަބަބެއް. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވޭ " ކޮންމެ ފަރުޟު ނަމާދެއްގެ ފަހުގައި އާޔަތުލް ކުރުސި ކިޔަވައިފިކަމުގައި ވަނީނަމަ އޭނާ ސުވަރުގެ ވަނުމަށް މަރު ފިޔަވާ އިތުރު ހުރަހެއް ނުވެއެވެ." 

އާޔަތުލް ކުރުސި ކިޔެވުމަކީ ޖިންނި ޞައިޠާނުންގެ ނުބައިކަމުން ރައްކާތެރިކަން ލިބިގެންދާނެކަމެއް. އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާ ވެގެންވޭ، ފިޠުރު ޒަކާތުގެ މުދާ ބެލެހެއްޓުމަށް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ތިމަންކަލޭގެފާނާ ހަވާލު ކުރެއްވިއެވެ. އެއްފަހަރަކު އެތަނަށް މީހަކު ވަދެ ވައްކަން ކުރަން ފެށުމުން، ތިމަންކަލޭގެފާނު އޭނާ ހިފަހައްޓާ ތިބާގެ މައްސަލަ ކީރިތި ރަސޫލާގެ އަރިހަށް ހުށައަޅާނެކަމަށް ބުނުމުން އޭނާ ބުންޏެވެ. ތިބާ ނިދަން ތަންމައްޗަށް އަރާ ހިނދު އާޔަތުލް ކުރުސި ކިޔަވާށޭ.  ފަހެ އޭރުން ތިބާގެ ކައިރިން ދުރު ނުވެ ތިބާ ރައްކާތެރި ކޮށްދޭނެ ފަރާތެއް މާތް ﷲ ގެ ޙަޟްރަތުން ލައްވަވާނެއެވެ. އަދި އިރު އެރުމާ ހަމައަށް ތިބާއާ ޝައިޠާނާ ގާތް ނުވާ ހުއްޓެވެ.

މިވާހަކަ ފަހުން ކީރިތި ރަސޫލާއަށް ދެންނެވުމުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. ހަމަ ކަށަވަރުން އެއީ ބޮޑު ދޮގުވެރިއެކެވެ. އެހެން ނަމަވެސް މިފަހަރު އޭނާ ތެދު ބުނެފިއެވެ. އެއީ ހަމަ ކަށަވަރުން ޝައިޠާނާއެވެ. އެހެންކަމުން ކޮންމެ ނަމާދަކަށްފަހުގައާއި، ހެނދުނާއި ހަވީރު އަދި ރޭގަނޑު ނިދުމުގެ  ކުރިން އާޔަތުލް ކުރުސި ކިޔެވުމަށް ފަރުވާތެރި ވާންޖެހޭ. 

ތިންވަނައީ أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ

މި ދުޢާ ކިޔުން. މި ދުޢާގެ މާނައީ " މާތް ﷲ ގެ ފުރިހަމަ ވެގެންވާ ކަލިމަފުޅުތައް މެދުވެރިކޮށް އެކަލާންގެ ހެއްދެވި އެންމެހާ މަޚްލޫޤުންގެ ނުބައިކަމުން މިއަޅާ އެކަލާންގެ ހަޒްރަތުން ރައްކާތެރިކަމަށް އެދެމެވެ." މި ދުޢާ ކިޔުމަކީ އެންމެހާ ނުބައި ކަމަކުން ސަލާމަތްކަމާއި ރައްކާތެރިކަން ލިބިގެންދާނެ ކަމެއް. ދަތްއަޅާ ނުވަތަ ވިހަލާ ސޫފިތަކުގެ ވިހައިންވެސް ސަލާމަތްތެރިކަން ލިބިގެންދާނެކަމެއް. 

އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވާ ރިވާޔަތެއްގައި ވަނީ، މީހަކު ނަބިއްޔާގެ އަރިހަށް ވަޑައިގެން ވިދާޅުވިއެވެ. އޭ ﷲ ގެ ރަސޫލާއޭ، ރޭގައި ތިމަންގެ ގައިގައި ނަގުލަންދާއްޓެއް ކަށި ޖަހައިފިއެވެ. އެހިނދު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އޭނާއަށް ޙަދީޘް ކުރެއްވިއެވެ. --- މަނައީ " ރޭގަނޑު ވީ ހިނދުأَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ

މިފަދައިން ތިބާ ކީނަމަ ތިބާއަށް އެއްވެސް ގެއްލުމެއް ނުވީހެވެ." އަދިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހުން ރިވާވެގެންވާ ރިވާޔަތެއްގައި ވެއެވެ. --- މާނައީ " ރޭގަނޑު ވާ ހިނދު 3 ފަހަރު أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ

މިފަދައިން ކިޔައިފި ނަމަ އެރެއެއްގައި ދަތްއަޅާ ނުވަތަ ކަށިޖަހާ އެއްވެސް އެއްޗެއްގެ ފަރާތުން އެމީހަކަށް ގެއްލުމެއް ނުލިބޭނެއެވެ.

އަދި ހަމައެހެންމެ މި ދުޢާއަކީ މަންޖިލަކަށް ނުވަތަ ރަށަކަށް ފޭބުމަށްފަހު އެތަނުގެ ނުބައި ކަމުން ރައްކާތެރިވުމަށް ކިޔުން ޝަރުޢުވެގެންވާ ދުޢާއެއް. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙާދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވޭ  " މަންޖިލަކަށް ނުވަތަ ތަނަކަށް ފޭބުމަށްފަހު أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ

މިފދައިން ކިޔައިފިނަމަ އޭނާ އެތަނުން ދަތުރު ކޮށްފުމަށް ދާންދެން އެއްވެސް ގެއްލުމެއް އޭނާއަކަށް ނުލިބޭނެތެވެ. " 

އެހެންކަމުން ފަޅުރަށަކަށް ނުވަތަ އެހެންވެސް ތަނަކަށް ގޮސްފިނަމަ ނުވަތަ ދަތުރެއްގައި ރަށަކަށް ފައިބާނަމަ، ފުރަތަމަވެސް މި ދުޢާ ކިޔުމަކީ އެންމެހާ ނުރައްކަލުން މީހާ ސަލާމަތްވާނެ ސަބަބެއް. އެހެންކަމުން ހާއްސަކޮށް ރޭގަނޑުވާ ހިނދުގައާއި އަދި ހަމަ އެހެންމެ ތަނަކަށް ގޮއްސި ކަމަށް ވާނަމަ މި ދުޢާ ކިޔުމަށް ފަރުވާތެރި ވާންޖެހޭ. 

ހަތަރުވަނައީ; 

بِسْمِ اللهِ الَّذِيْ لا يَضُرُّ مَعَ اسْمِهِ شَيْءٌ فِي الأَرْضِ وَلا فِي الْسَّمَاءِ وَهُوَ السَّمِيْعُ الْعَلِيْمُ މި ދުޢާ ކިޔުން. މި ދުޢާގެ މާނައީ، " ﷲ ގެ އިސްމުފުޅުގެ ބަރަކާތުން ރައްކާތެރިކަން ލިބިގަންނަމެވެ. އެކަލާންގެ އިސްމުފުޅުގެ ބަރަކާތާއިއެކު، ބިމާއި އުޑުން އެއްވެސް އެއްޗެއް ގެއްލުމެއް ނުދޭނެތެވެ. އަދި އެކަލާންގެއީ މޮޅަށް އައްސަވާ ވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާންގެއެ." 

އުސްމާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާ ވެގެންވެއެވެ. ރަސޫލުﷲ ޞާއްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވޭ --- މާނައީ " އެއްވެސް މީހަކު ހެނދުނާއި އަދި ހަވީރު --- މިފަދައިން 3 ފަހަރު ކިޔައިފިނަމަ އެމީހަކަށް އެއްވެސް ގެއްލުމެއް ނުލިބޭނެނެތެވެ." އަދިވެސް އެހެން ރިވާޔަތެއްގައި އުސްމާނުގެ ފާނުގެ އަރިހުން ރިވާ ވެގެންވެއެވެ، ހެނދުނު 3 ފަހަރު މި ދުޢާ ކިޔައިފިކަމުގައި ވާނަމަ ހަވީރު ވެއްޖައުމަށް ދާންދެން އެމީހަކަށް ކުއްލި މުޞީބާތެއް ކުރިމަތި ނުވާ ހުއްޓެވެ. އަދިހަމައެހެންމެ ހަވީރު މި ދުޢާ 3 ފަހަރު ކިޔައިފިކަމުގައި ވާނަމަ ހެނދުނު ވެއްޖައުމަށްދާންދެން އެމީހަކަށް ކުއްލި މުޞީބާތެއް ކުރިމަތިނުވާނެތެވެ.

އިމާމު ޤުރުތުބީ ރަޙީމަހުﷲ ވިދާޅުވެފައިވޭ، ތިމަންކަލޭގެފާނަށް މި ޙަދީޘް ބަސްފުޅު އިވިވަޑައިގަތުމަށް ފަހު އަބަދުވެސް މު ދުޢާ ކިޔަވާ ވިދާޅުވަމެވެ. އެގޮތުން މި ދުޢާ ކިޔަވާ ވިދާޅުވިއިރުގައި އެއްވެސް ގެއްލުމެއް ތިމަންކަލޭގެފާނަށް ލިބިވަޑައެއް ނުގަންނަވައެވެ. އެހެންނަމަވެސް އެއްރެއެއްގައި ތިމަންކަލޭގެފާނުގެ ގައިގައި ނަގުލަންދާއްޓެއް ކަށިޖެހިއެވެ. އެހިނދު ތިމަން އެކަމާ ވިސްނާ ފިކުރު ކުރެއްވީމެވެ. އެހިނދު އެދުވަހުގަ އެދުޢާ ނުކިޔޭކަން ހަނދުމަފުޅު ވިއެވެ. އެހެންކަމުން ކޮންމެ ދުވަހަކުވެސް ހެނދުނާއި ހަވީދު މި ދުޢާ ކިޔުމަކީ ކޮންމެހެން ބޭނުންތެރިކަމެއް. އޭގެ ސަބަބުން އެންމެހާ ނުބައި ކަމަކުން މީހާއަށް ސަލާމަތްތެރިކަމާއި ރައްކާތެރިކަން ލިބިގެންދާނެކަމެއް. 

ފަސްވަނައީ ގެއިން ނުކުންނައިރު  بِسْمِ اللَّهِ تَوَكَّلْتُ عَلَى اللَّهِ لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ މި ފަދައިން ކިޔުން. މު ދުޢާގެ މާނައީ "ﷲ ސުބުޙާނަހޫ ވަތަޢާލާގެ އިސްމުފުޅުގެ ބަރަކާތުން ނިކުންނަމެވެ. އެންމެހާ ކަމެއް ﷲ ސުބުޙާނަހޫ ވަތަޢާލާއާ ހަވާލުކޮށް ވަކީލު ކޮށްފީމެވެ. އަދި އެއްވެސް ބާރެއްވެސް އަދި އެއްވެސް ރައްކާތެރިކަމެއްވެސް ﷲ ގެ ހަޒްރަތުން މެނުވީ ނުވެއެވެ. ހެޔޮކަމެއް ކުރުމުގެ ބާރެއްވެސް އަދި ނުބައި ކަމަކުން ސަލާމަތް ވުމުގެ ބާރެއްވެސް ﷲ ގެ ހަMqރަތުން މެނުވީ ނުވެއެވެ." ގެއިން ނިކުންނައިރު މި ދުޢާ ކިޔުމަކީ ރައްކާތެރިކަން ލިބިގެންދާނެ ސަބަބެއް. 

އަނަސްގެފާނު އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވޭ --- މާނައީ " މީހަކު ގެއިން ނިކުންނަހިނދު --- މިފަދައިން ކިޔައިފިނަމަ އޭނާއަށް ބުނެވޭނެތެވެ، ތިބާއަށް މަގު ދެއްކިއްޖެއެވެ. އަދި ތިބާއަށް ފުދިއްޖެއެވެ. އަދި ތިބާ ރައްކާތެރި ކުރެވިއްޖެއެވެ. އަދި ޝައިޠާނުން އޭނާއާ ދުރަށް ފިލަން ދުވާނެއެވެ." އަދި އެހެން ރިވާޔަތެއްގައި ވެއެވެ. " އަދި އެއް ޝައިޠާނަކު އަނެއް ޝައިޠާނަކަށް ބުނާނެތެވެ. އެމީހަކަށް މަގު ދެއްކި ރައްކާތެރި ކުރެވިފައިވާ މީހަކަށް ތިބާ ހުށަހެޅި ގަންނާނީ ކިހިނަކުންހެއްޔެވެ." 

އެހެންކަމުން ގެއިން ނިކުންނައިރު މި ދުޢާ ކިޔައިގެން ނިކުމެއްޖެނަމަ އަޅުގަނޑުމެންނަކަށް އެއްވެސް ބިރުވެރިކަމެއް ނުރައްކާތެރިކަމެއް ނެތް. އަޅުގަނޑުމެންގެ މައްޗަށް ވަނީ ޔަޤީންކަމާއެކު ދުޢާތައް ކިޔާ، ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ފުރިހަމައަށް ވަކީލުކުރުން. މި އާޔަތްތަކާއި ދުޢާތައް ދަސްކޮށް ކޮންމެ ދުވަހަކުވެސް މި  ދުޢާތަކާއި އާޔަތްތައް ކިޔުމަށް ފަރުވާތެރިވެލައްވާ. އޭރުން ޖިންނި ޝައިޠާނުންނާއި، އެސްފީނައާއި ސިހުރުހާހޫރައިގެ ނުބައިކަމުން ސަލާމަތްތެރިކަމާއި ރައްކާތެރިކަން ލިބިގެން ދާނެ. 

މަސްދަރު: ނަޞޭޙަތް 

ގުޅުންހުރި ވީޑިއޯ:

https://naseyhai.com/videos/7xaEMJaQ

 

މިއަދު އޮންލައިން