އަހުރެމެންނަށްވެސް ދީނުގަ ޘާބިތުވެވިއްޖެނަމަ އިބިލީހަށް ޖެހޭނީ އަހުރެމެންނަށް ފިލަން ދުވަން! ކައިރިވެއްޖެނަމަ އަތުލައިވެސް ގަނެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 3ސ
އަހުރެމެންނަށްވެސް ދީނުގަ ޘާބިތުވެވިއްޖެނަމަ އިބިލީހަށް ޖެހޭނީ އަހުރެމެންނަށް ފިލަން ދުވަން! ކައިރިވެއްޖެނަމަ އަތުލައިވެސް ގަނެވޭނެ!

ޢުމަރުގެފާނު ފެންނައިރަށް އިބިލީސް ގޯޅިއަޅައި ފިލާވާހަކައާއި ބައެއް ޞަޙާބީންނަށް އިބިލީސްފެނި ބައްދައި އަތުލައިގަނެވުނު ވާހަކަ އަޑުއަހަމެވެ. މިޒަމާނުގައިވެސް އެފުރުޞަތު އޮންނާނެތޯ؟  

ކިޔުންތެރިޔާގެ ސުވާލުގެ ޖަވާބަކީ އެފުރުޞަތު މިހާރުވެސް އޮންނާނެއެވެ. ޝަރުޠަކީ އެބޭކަލުންފަދައިން ދީނުގައި ޘާބިތުވެ ތިބެވޭ ބައަކަށް ވެވުމެވެ. އެކަމުގެ ދަލީލަކީ ރަނގަޅު ގޮތުގައި ދީނުގައި ޘާބިތުވެ ތިބެވޭ މީހުން ދެކެ މިހާރުވެސް ޝައިޠޯނާ ޖެހިލުންވާ ކަމެވެ. އެމީހުން ލައްވައި ފާފައެއްވެސް ނުކުރުވެއެވެ. އަދި އޮޅުމެއްގެ ތެރެއިން ކިތަންމެ ކުޑަކުޑަ ފާފައެއް ކުރެވުނަސް ތައުބާވުމަށް އަވަސްވެގަންނާތީ އިބިލީހަށް ޖެހެނީ މާޔޫސްވެ ދުރުގައި ހުންނާށެވެ.  

ޢިލްމްވެރިން ބަޔާންކުރައްވާ ގޮތުގައި ފާފައެއް ކުރެވިއްޖެނަމަ ތައުބާވުމަށް އަވަސްވެގަނެ އަދި ވިއްދައިގެން ހެޔޮކަމެއް ކުރާނަމަ ޝައިޠޯނާ މަސައްކަތްކުރާނީ އެމީހަކު ފާފައެއް ކުރިއަ ނުދިނުމަށެވެ. ފާފައެއް ކުރެވުމުން ވިއްދައިގެން 2 ރަކްއަތް ނަމާދެއް ކުރާނަމަ އެނަމާދުގައި 4 ސަޖިދަކުރާތީ އިބިލީސް ދެރަވެ ކަރުނަވެސް އަޅާނެއެވެ.  

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ.  

މިއީ އެއްވެސް ނުބައިކަމެއްކުރުމަށްފަހު މިއީ ޝައިޠޯނާ ތިމާލައްވައި ކުރުވި ކަމެއް ކަމަށް ބުނެގެން ފަރުޖައްސައިލެވެން ނެތްކަމުގެ ހެކި ވަރަށް ސާފުކޮށް ފެނިގެންދާ ހާދިސާއެކެވެ. އަބޫހުރައިރަތުގެފާނުގެ ކުރިފުޅުމަތީގައި އިބިލީސް ނިކަމެތިވެ އާދޭސްކުރަން ޖެހުނު ހާދިސާގެވާހަކައެވެ.  

މިހާދިސާއިން އެނގިގެންދަނީ އިބިލީސް ބަލިކަށިވެ ނިކަމެތިވެގެންދިއަ މިންވަރެވެ. އެއްވެސް މީހަކު އެންމެ ދަށުދަރަޖައިން ނިކަމެތިނުވާނަމަ، އެކަން ނުކޮށް ސަލާމަތްވެވޭނެ އެއްވެސް އިތުރުގޮތެއް އެމީހަކަށް އޮތްނަމަ އެމީހާގެ ބާރު ކެނޑިގެންދާނެ ކަމެއްގެ ވާހަކަ އެމީހަކު އަމިއްލައަށް ބުނެ ނުދޭނެކަން އެއީ ޔަޤީން ކަށަވަރު ކަމެކެވެ. މިކަމާއި އެއްވެސް މީހަކު ދެބަހެއް ނުވާނެއެވެ!  

އިބިލީސް އެންމެ ބޮޑަށް ބޭނުންވާނީ އިންސާނުންގެ މައްޗަށް ބާރުފޯރުވުމަށެވެ. ނަމަވެސް އިބިލީހަށް ގޮތް ހުސްވެ ހަތަރު އުދަރެސް ފެނުޖެހުމުން ކިޔައިދިނީ އެކަމެއް ކުރުމުން އިބިލީހުގެ އެއްވެސް ބާރެއް އިންސާނުންގެ މައްޗަށް ނުހިންގޭނެ ކަންތަކެވެ. މިކަމުން އެނގެނީ އީމާންކަން އެފެންވަރަށް މަތިކުރެވުމުން އިބިލީހަށް ވައިވެސް ނޭޅެވޭނެކަމެވެ.  

މިކަމަށް ދަލީލު ލިބޭ އިތުރުކަމެއްވެސްވެއެވެ. އެއީ ޢުމަރުގެފާނު ހިންގަވާފައިވަޑައިގަންނަވާތަން ފެނުމުން އަވަސްއަވަހަށް ފިލާކަމެވެ.  

ވިސްނުންތެރިކަމާއިއެކު އަޑުއަހާށެވެ!  

ތަފާތު ސިފަތަކުގައި އިބިލީސް އަބަދުވެސް މީހުންނަށް ފެނެއެވެ. ނަމަވެސް އިބިލީސް އަތުލައިގަތުމަކީ ކުރެވޭ ކަމެއް ނޫން ނަމަވެސް އަބޫހުރައިރަތުގެފާނު ވިދިވިދިގެން 3 ރޭ އިބިލީސް އަތުލައިގެންނެވިއެވެ. އެއީ ﷲ ތަޢާލާ އަބޫހުރައިރަތުގެފާނަށް ދެއްވެވި ޚާއްޞަ ބާރެކެވެ.  

ޙަދީޘްގައި އޮންނަނީ އަބޫހުރައިރަތުގެފާނު ހުންނެވީ ޒަކާތަށް އެއްކުރެވިފައިވާ މުދާ ބެލެހެއްޓެވުމާއި ހަވާލުވެވަޑައިގެން ކަމަށެވެ. އަދި އެގޮތަށް ހުންނަވަނިކޮށް ރޭގަނޑު ފަޤީރެއްގެ ހެދުމުގައި ވަރަށް ބޮޑު ފަޤީރަކަށް ހެދިގެން އައިސް ޒަކާތުގެ މުދަލުން ވައްކަން ކުރަން އުޅެނިކޮށް އަބޫހުރައިރަތުގެފާނު އަތުލައިގެންނެވީ ކަމަށެވެ. އެކަމުން އަބޫހުރައިރަތުގެފާނަށް ވަރަށް ބޮޑު ސިހުމެއްވެސް ލިބިވަޑައިގެންނެވިއެވެ. އެއީ ޒަކާތު މުދަލުން ވައްކަން ކުރާނީ ކޮންފަދަ ނުބައި މީހެއް، ކާކު ކަމާއިމެދުގައި ސުވާލު އުފެދުނެވެ.   

އަތުލައި ގެންނެވުމަށްފަހު ރަސޫލް (ޞޢވ) ގެ އަރިއަހަށް ގެންދަވަން އުޅުއްވުމުން އޭނާއަކީ ވަރަށް ނިކަމެތި ހާލުގައި ޢާއިލާގެ ގިނަ ބައަކު ގޮވައިގެން ދިރިއުޅެންޖެހފައިވާ މީހެއްކަމަށާއި ވައްކަން ކުރެވުނީ މަޖުބޫރުވެގެން ކަމަށް ބުނެ އަބޫހުރައިރަތުގެފާނުގެ އަރިއަހުގައި ދެން ވައްކަން ކުރަން ނުއަންނާނެ ކަމަށް ދަންނަވައި ސަލާމަތްވެގެން ފިލީއެވެ.  

އަބޫހުރައިރަތުގެފާނު ހެނދުނު ވަޑައިގެން ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް އެކަމުގެ ވާހަކަތައް ދެންނެވިއިރުވެސް އިތުރު އެކަލޭގެފާނަށް ވަނީ އެނގިވަޑައިގެންފައެވެ. އެހެނީ އެކަމުގެ ވާހަކައިން ފުރަތަމަ ސުވާލު ކުރެއްވެވީ އިތުރު އެކަލޭގެފާނެވެ.  

ކަންހިނގައިދިއަ ގޮތުގެ ވާހަކަތައް ދެންނެވުމުން ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘް ފުޅު ކުރެއްވެވީ އޭނާ އެ ހެދީ ދޮގެއް ކަމަށާއި އޭނާ އެނބުރި އަންނާނެ ކަމަށެވެ.  

ރަސޫލް () ގެ ބަސްފުޅުތައް ތެދުވާނެކަން އެނގިވަޑައިގަންނަވާތީ  އަބޫހުރައިރަތުގެފާނު ދެވަނަ ރޭ ހުންނެވީ އިތުރަށް ސަމާލުކަން ދެއްވަވައިގެންނެވެ. އެރޭ ވެސް ކަންތައްވީ ހަމަ ކުރީ ރޭ ފަދައިންނެވެ. އެރޭވެސް ހަމަ އެސިފައިގައި ހުރެ އައިސް ވައްކަން ކުރީއެވެ. އަތުލައިގަތުމުން ހަމަ ކުރީރޭ ދެއްކި ބަހަނާތައް ދެއްކުމަށްފަހު ސަލާމަތްވެގެން ފިލީއެވެ.  

ދެވަނަ ދުވަހު ފަތިހު ވެސް އަބޫހުރައިރަތުގެފާނު ރަސޫލް ()ގެ އަރިއަހަށް ވަޑައިގެންނެވުމުން ފުރަތަމަވެސް ސުވާލު ކުރެއްވެވީ ހަމަ ކުރީ ދުވަހު ފަދައިންނެވެ. އަދި އަބޫ ހުރައިރަތުގެފާނު ޖަވާބު ދެއްވެވީވެސް ހަމަ ކުރީ ދުވަސް ފަދައިންނެވެ. އެދުވަހުވެސް ރަސޫލް ޙަދީޘްފުޅު ކުރެއްވެވީ އޭނާއަކީ ދޮގުވެރިއެއް ކަމަށާއި އެނބުރި އަންނާނެ ކަމަށެވެ.  

ތިންވަނަ ރޭ އަބޫ ހުރައިރަތުގެފާނު ހުންނެވީ އޭނާ އަތުލައި ގަނެ ރަސޫލް ()ގެ އަރިއަހަށް ގެންދެވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވަވައިގެންނެވެ. އެރޭވެސް ކަންތައް މެދުވެރިވީ ހަމަ ކުރީ 2 ރޭ ފަދައިންނެވެ.  

އެ ރޭ އިބިލީސް ސަލާމަތްވާން ބޭނުންކުރީ އިތުރު އުކުޅެކެވެ. އަބޫ ހުރައިރަތުގެފާނަކީ ކަންކަން ދަސްފުޅުކުރައްވަން ވަރަށް ބޮޑަށް ޝައުޤްވެރިވެވަޑައިގަންނަވާ ބޭފުޅެއްކަން އެނގޭތީ ޚާއްޞަކަމެއް ދަސްކޮށްދިނުމަށްފަހު ފިލީއެވެ.  

ހެނދުނު އަބޫހުރައިރަތުގެފާނު ވަޑައިގެން ރަސޫލް () އަށް އެރޭ ކަންތައް ހިނގައިދިއަގޮތުގެ ވާހަކަ ދެންނެވިއެވެ. އަދި ޢެނާ ބުނެދިން ކަންތައްވެސް ބަޔާންކޮށް ދެއްވެވިއެވެ. އެއީ ރޭގަނޑު ނިދުމުގެ ކުރިން އާޔަތުލްކުރުސި ކިޔަވައިފިނަމަ އެމީހަކު ނިދިން ހޭލަންދެން އެމީހަކު ހިމާޔަތްކޮށް ދެއްވެވުމަށް ﷲ ތަޢާލާ ބެލެނިވެރިއަކު ބަހައްޓަވާނެ ކަމެވެ. އަދި އެ ވަގުތުގައި (ނިދިން ހޭލަންދެން) ޝައިޠާނާއަށް އެމީހަކާއި ކައިރި ނުވެވޭނެ ކަމެވެ.  

ރަސޫލް () ޙަދީޘްފުޅު ކުރެއްވެވިއެވެ. "އޭނާ އަކީ ދޮގުވެރިއެކެވެ. ނަމަވެސް މިފަހަރު ތިއަ ބުނީ ތެދެކެވެ." އެއަށްފަހު ފާއިތުވި 3 ރޭ ތިއަ ބައްދަލުވީ ކާކާއިކަން ނުވަތަ ތިއަ އަތުލައިގަނެވުނީ ކާކުކަން އެނގިވަޑައިގަންނަވާތޯ ސުވާލުކުރެއްވުމުން އެނގިވަޑައި ނުގަންނަވާ ކަމަށް އަބޫހުރައިރަތުގެފާނު ދެންނެވިއެވެ. ރަސޫލް () ޙަދީޘްފުޅު ކުރެއްވެވީ އެއީ ޝައިތާނާ، އިބިލީސް ކަމަށެވެ. އެހެންކަމުން އަބޫހުރައިރަތުގެފާނު ވެވަޑައިގެންފައިވަނީ 3 ފަހަރުމަތިން އިބިލީސް އަތުލުއްވައި ގެންނެވުނު ބޭކަލަކަށެވެ.  

އިބިލީސް އެގޮތަށް އެބުނީ އެނާގެ ތަޖުރިބާއިން ކަމަށް ބެލެވެއެވެ. އެހެނީ ކުރުސި ކިޔައިގެން ނިދާ މީހުންނާއި އިބިލީހަށް ކައިރި ނުވެވޭކަން އިބިލީހަށް ރަނގަޅަށް އެނގޭނެއެވެ. އެކަން މީސްތަކުންނަށް ރަސޫލް () އަދި އެއިރު ބަޔާންކޮށް ނުދެއްވަވާތީ މީސްތަކުންނަށް ނުއެނގި އޮތީއެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން