މަސްޖިދު ސުންނަތަކީ ތިބާ ﷲ ތައާލާއަށް ލޯބިވާވަރު ދައްކާލަން ލިބޭ ފުރުޞަތެއް! ކޮންމެ ވަޤުތަކު މިސްކިތަށް އެރުނަސް 2 ރަކްޢަތްކުރަން އެއްވެސް ހުރަހެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 7މ 18ސ
މަސްޖިދު ސުންނަތަކީ ތިބާ ﷲ ތައާލާއަށް ލޯބިވާވަރު ދައްކާލަން ލިބޭ ފުރުޞަތެއް! ކޮންމެ ވަޤުތަކު މިސްކިތަށް އެރުނަސް 2 ރަކްޢަތްކުރަން އެއްވެސް ހުރަހެއް ނެތް!

މަސްޖިދު ސުންނަތް ނުވަތަ ތަޙިއްޔަތުލް މަސްޖިދަކީ ތިބާ ﷲ ތައާލާއަށް ލޯބިވާވަރު ދައްކާލަން ލިބޭ ފުރުޞަތެކެވެ. ސަޖިދަކުރުން ގިނަކުރާވަރަކަށް އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން އިތުރުވެގެންދާނެއެވެ. އިން ޝާ ﷲ. އަދި ސުވަރުގޭގައި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި އެންމެ އަރިއަހުގައިވުމަށް ކުރަން އޮތް އެއްކަމަކީ ސަޖިދަކުރުން ގިނަކުރުމެވެ. ސަޖިދަކުރުން ގިނަކުރުމަކީ ސުންނަތް ނަމާދުތައް ކުރުން ގިނަ ކުރުމެވެ. މަސްޖިދު ސުންނަތް ކުރުމުން 4 ސަޖިދަ ކުރެވޭނެއެވެ.  

ސުންނަތް ނަމާދުތައް ކުރުން ހުއްދަވެގެން ނުވާ ވަޤުތުގައިވެސް މަސްޖިދު ސުންނަތުގެ 2 ރަކްޢަތް ކުރެވޭނެއެވެ. ވީމާ ކޮންމެ ވަޤުތަކު މިސްކިތަށް އެރުނަސް 2 ރަކްޢަތްކުރަން އެއްވެސް ހުރަހެއް ނެތެވެ.  

މަސްޖިދު ސުންނަތުގެ 2 ރަކްއަތަކީ މިސްކިތަށް ކުރެވޭ ސަލާމެއް ކަމަށް ދެކޭށެވެ! އަދި ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ތިމާއަށް އިތުރުވުމަށާއި ސުވަރުގޭގައި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި އެންމެ އަރިއަހުގައިވުމަށް އެދިގެންވެސް ކުރަން އޮތް ކަމެކެވެ.   

މިސްކިތަށް ކޮންމެ ވަޤުތަކުއެރިނަމަވެސް މަސްޖިދު ސުންނަތް ކުރެވޭނެކަން:  

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين. 

ސުވާލު: ތަޙިއްޔަތުލް މަސްޖިދުގެ ދެ ރަކުޢަތް، މަޣްރިބު ނަމާދުގެ ބަންގީގެ ކުރިން ކުރެވިދާނެ ހެއްޔެވެ؟ ނަމާދުކުރުން ނަހީކުރައްވާފައިވާ ވަގުތުތަކަކީ ކޮބާ ހެއްޔެވެ؟ 

ޖަވާބު: ނަމާދުކުރުން ނަހީކުރައްވަފައިވާ ވަގުތުތަކަކީ: ފަތިސްނަމާދުގެ ފަހުން، އިރު ލޮންސިއެއްގެ މިންވަރަށް އަރައްޖައުމަށް ދާންދެނެވެ. އެއީ އިރުއަރާގަޑިން ފެށިގެން ގާތްގަނގަޑަކަށް 15 މިނެޓު ނުވަތަ 20 މިނެޓު ވަންދެނެވެ. (އެއަށްފަހު ނަމާދު ކުރެވޭނެއެވެ.) (  އިރު އަރާ ގަޑިން ފެށިގެން 12 މިނެޓު ފަހުން ލޮންސިއެއްގެ މިންވަރަށް އިރު އުފުލޭނެކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. މިކަމުގައި ރައްކާތެރި ގޮތަކީ 15 މިނެޓު ނުވަތަ 20 މިނެޓު މަޑުކޮށްލުމެވެ.) މިއީ އޭގެ އެއް ވަގުތެވެ. 

ދެވަނަ ވަގުތަކީ: މެންދުރުނަމާދުގެ ވަގުތު ފެށުމުގެ އިރުކޮޅެއް ކުރިއެވެ. އެއީ އިރު މެދުން ފިލުމުގެ ގާތްގަނޑަކަށް 10 މިނެޓު ކުރިންނެވެ. 

ތިންވަނަ ވަގުތަކީ: ޢަޞުރު ނަމާދު ފަހުން ފެށިގެން އިރުއޮއްސެންދެނެވެ. 

މިއީ ނަމާދުކުރުން ނަހީކުރައްވާފައިވާ ވަގުތުތަކެވެ.  

ހުރިހާ ވަގުތެއްގައިވެސް ތަޙިއްޔަތުލް މަސްޖިދު ކުރެވޭނެއެވެ. މިސްކިތަށް ކޮންމެ އިރެއްގައި ވަދެވުނަސް ދެ ރަކުޢަތުގެ ނަމާދެއް ނުކޮށް މިސްކިތުގައި ނުއިށީންނާށެވެ. [4] އެއީ ނަމާދުކުރުން ނަހީކުރައްވާފައިވާ ވަގުތެއްކަމުގައި ވިޔަސް މެއެވެ.

އަދި ޢިލްމުގެ އަހުލުވެރިންގެ ބަސްފުޅުތަކުގެ ތެރެއިން މިކަމުގައި އެންމެ ބުރަދަން ހުރި (ރާޖިޙު) ބަސްފުޅަކީ ސުންނަތް ނަމާދުތަކުގެ ތެރެއިން ސަބަބީ ނަމާދުތައް (މިސާލަކަށް: ކޭތަ ނަމާދު، ޠަވާފުކޮށްގެން ކުރާ ދެ ރަކުޢަތުގެ ނަމާދު) އެ ވަގުތުތަކުގައި ކުރުން ނަހީކުރައްވާފައި ނުވާ ކަމެވެ. އަދި ކިއެއް ހެއްޔެވެ. އެ ވަގުތުތަކުގައި އެ ނަމާދުތައް ކުރެވިދާނެއެވެ. ފަތިސް ނަމާދުގެ ފަހުން ނުވަތަ ޢަޞުރު ނަމާދުގެ ފަހުން މިސްކިތަށް ވަދެއްޖެނަމަ (ތަޙިއްޔަތުލް މަސްޖިދުގެ) ދެ ރަކުޢަތް ކުރާށެވެ. އަދި މެންދުރު ނަމާދަށް ގޮވުމުގެ ކުރިން ވަދެވުނަސް (ތަޙިއްޔަތުލް މަސްޖިދުގެ) ދެ ރަކުޢަތް ކުރާށެވެ. ރޭގަނޑުވިޔަސް އަދި ދުވާލު ވިޔަސް ކޮންމެ އިރެއްގައިވެސް (މިސްކިތަށް) ވަދެވިއްޖެނަމަ (ތަޙިއްޔަތުލް މަސްޖިދުގެ) ދެ ރަކުޢަތް ނުކޮށް ނުއިށީންނާށެވެ. 

ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙުލް ޢުޘައިމީން رحمه الله 

މަޞްދަރު: فتاوى نور على الدرب، الشريط رقم: (319). 


 

--   އިރު އަރާ ގަޑިން ފެށިގެން 12 މިނެޓު ފަހުން ލޮންސިއެއްގެ މިންވަރަށް އިރު އުފުލޭނެކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. މިކަމުގައި ރައްކާތެރި ގޮތަކީ 15 މިނެޓު ނުވަތަ 20 މިނެޓު މަޑުކޮށްލުމެވެ.

*ޚުލާޞާކޮށް އެ 3 ވަގުތަކީ:

1.    ފަތިސްނަމާދު ފަހުން ފެށިގެން އިރު ލޮންސިއެއްގެ މިންވަރަށް އަރަންދެން

2.    މެންދުރު (އިރު މެދު ޖެހި) އެންމެ ހޫނު ގަދަވާ ވަގުތުން ފެށިގެން، އިރު މެދުން ފިލަންދެން

3.    ޢަޞުރު ނަމާދު ފަހުން ފެށިގެން އިރު އޮއްސެންދެން

* ތަފްޞީލުކޮށް އެ 5 ވަގުތަކީ:

1.    ފަތިސްނަމާދު ފަހުން ފެށިގެން އިރުއަރަންދެން

2.    އިރު އަރާ ވަގުތުން ފެށިގެން ލޮންސިއެއްގެ މިންވަރަށް އިރު އަރަންދެން

3.    މެންދުރު (އިރު މެދު ޖެހި) އެންމެ ހޫނު ގަދަވާ ވަގުތުން ފެށިގެން، އިރު މެދުން ފިލަންދެން

4.    ޢަޞުރު ނަމާދުން ފެށިގެން އިރު އޮއްސެންދެން

5.    އިރުއޮއްސެން ދާ ވަގުތުން ފެށިގެން އިރުއޮއްސުން ފުރިހަމަ ވަންދެން

 

 ޢުޤްބާ ބުން ޢާމިރު رضي الله عنه ވިދާޅުވިއެވެ. ثَلَاثُ سَاعَاتٍ كَانَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَنْهَانَا أَنْ نُصَلِّيَ فِيهِنَّ، أَوْ أَنْ نَقْبُرَ فِيهِنَّ مَوْتَانَا: «حِينَ تَطْلُعُ الشَّمْسُ بَازِغَةً حَتَّى تَرْتَفِعَ، وَحِينَ يَقُومُ قَائِمُ الظَّهِيرَةِ حَتَّى تَمِيلَ الشَّمْسُ، وَحِينَ تَضَيَّفُ الشَّمْسُ لِلْغُرُوبِ حَتَّى تَغْرُبَ» [رواه مسلم 293 – (831)] މާނައީ: ތިން ވަގުތެއްގައި ނަމާދުކުރުން އަދި މަރުވެފައިވާ މީހުން ވަޅުލުން، ﷲ ގެ ރަސޫލާ صلى الله عليه وسلم ނަހީކުރެއްވިއެވެ. “(އެއީ) އިރުއަރަމުން ދާ ގަޑީގައި އެ ރަނގަޅަށް (ލޮންސިއެއްގެ މިންވަރަށް) އަރަންދެނެއެވެ. އަދި މެންދުރު (އިރު މެދު ޖެހި) އެންމެ ހޫނު ގަދަވާ ވަގުތު، އިރު މެދުން ފިލަންދެނެވެ. އަދި އިރު އޮއްސެންދާން ފެށުމުން، އިރު އޮއްސެން ދެނެވެ.” ސަބަބެއް ނުވާ ނަމާދުތައް މި ގަޑިތަކުގައި ކުރުމެއް ނުވެއެވެ. އެއީ މިސާލަކަށް ﷲ އަށްޓަކައި ދެ ރަކުޢަތުން ދެ ރަކުޢަތުން އެމީހަކު ކުރަމުންދާ ނަމާދުތަކެވެ. އަދި ޟުޙާ ނަމާދަކީވެސް ސަބަބީ ނަމާދެއް ނޫނެވެ. އެހެންކަމުން ޟުޙާ ނަމާދުކުރުމަށް އެދޭ މީހާވެސް އެ ނަމާދުކުރުމުގައި ނަމާދުކުރުން ނަހީކުރައްވާފައިވާ ވަގުތުތަކުން އެއްކިބާވުން ހުށްޓެވެ. 

- ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. «فَإِذَا دَخَلَ أَحَدُكُمُ الْمَسْجِدَ، فَلَا يَجْلِسْ حَتَّى يَرْكَعَ رَكْعَتَيْنِ» [رواه مسلم 70 – (714)"  މާނައީ: “ފަހެ ތިޔަބައިމީހުން ކުރެ މީހަކު މިސްކިތަށް ވަންނަ ހިނދުގައި، ދެ ރަކުޢަތުގެ ނަމާދެއް ނުކޮށް މިސްކިތުގައި ނުއިށީންނާށެވެ."

 

- ލިޔުމުގެ މަސްދަރު: ދިސަލަފިއްޔާ

 

މިއަދު އޮންލައިން