ބައިވެރިޔާއަށް ކޮށްދޭންޖެހޭ ކަންކަން ކޮށްނުދެވުމުން އެކަމަށް ޢުޒުރުދައްކަން ދޮގުހަދާ މީހުންނާއެކު އުފާވެރި ދިރިއުޅުމެއް ނުލިބޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ބައިވެރިޔާއަށް ކޮށްދޭންޖެހޭ ކަންކަން ކޮށްނުދެވުމުން އެކަމަށް ޢުޒުރުދައްކަން ދޮގުހަދާ މީހުންނާއެކު އުފާވެރި ދިރިއުޅުމެއް ނުލިބޭނެ!

ދެމަފިރިން އެކުގައި ދިރިއުޅެމުން އަންނައިރު އެކަކު އަނެކެއްގެ ކިބައިން އެދޭ ކަންކަން ކޮށްނުދެވިވެސް ހިނގައިޑާނެއެވެ. ތަނަވަސްކަން ހުރިނަމަވެސް ހަނދާން ނެތުމާއި ވަޤުތު ނުވުމަކީވެސް ހަމަ ކުރިމަތިވާ މައްސަލަތަކެވެ. އަދި އެނޫން ސަބަބެއްވެސް މެދުވެރިވެދާނެއެވެ. 

މިފަދަ ކަންކަން ދިމާވުމުން ޢުޒުރު ދައްކަން ދޮގުހެދުމަކީ އެކަމެއް ކޮށްނުދެވުމަށްވުރެ މާބޮޑު ނުބައެކެވެ. މާބޮޑެތި މައްސަލަތައް ކުރިމަތިވާ ކަމެކެވެ. މިސާލެއްގެ ގޮތުން އެކުވެރިއަކަށް ކުރިމަތިވި ކަމެއްގެ ވާހަކަ ބުނެލާނަމެވެ. 

އަނބިމީހާ އޮތީ ކަމަކު ބުނެފައެވެ. އިރުއޮއްސުނުފަހުން ގެއަށް ދިއައީ އެކަމަސް ފަރުވާކުޑަކޮށްލައި ހަނދާންނައްތާލައިގެން ހުރެއެވެ. ގެއަށް ގޮސް އަނބިމީހާގެ ގާތުގައި ބުނީ މަސައްކަތް ނިމުނީ ދެންމެ ކަމަށްވުމުން އެކަމާއި އުޅޭނެ ވަޤުތެއް ނުވީ ކަމަށެވެ. 

ހަމައެރޭ ދެމަފިރިން އެކުގައި ކާންތިއްބައި އެކުވެރިއަކު ފޯނުކުރުމުން ދެއްކި ވާހަކައިން އެނގުނީ ހަވީރު 4 ޖެހީންސުރެ އިރުއޮއްސެންދެން ތިބީ ކޮފީއެއްގައިކަމެވެ. އަނބިމީހާ އެވަޤުތު އެއްވެސް އެއްޗެއް ނުބުނެއެވެ. ނަމަވެސް އުފެދުނު ނަފްރަތު ވެގެންދިއައީ ދުވަސްކޮޅެއްފަހުން ދެމަފރިންނަށް ވަކިވާންޖެހުނު ސަބަބަށެވެ. 

ދެމަފިރިން ދިރިއުލެމުން ދިއައީ އަނބިމިހާގެ ކިބައިން ގިނަ ބޭނުންތައް ފުއްދައިގެންނެވެ. ފިރިމީހާއަށް އެކަމުން ލިބުނު ދެރަ ވަރަށް ބޮޑުވިއެވެ. އަދި ޙާލަތު ކުރިމަތިވީ އޭނާއަށް ހެދުނު ދޮގަކުންކަން ވިސްނުމުން ވަކިންބޮޑަށް ދެރަވާންޖެހުނެވެ. 

މިފަދަ މައްސަލަތަކަސް އޮތް ހައްލަކީ ތެދުވެރިވުމެވެ. ހަޤީޤަތް އޮޅުވާނުލައި ތެދުބަހުން ވާހަކަދެއްކުމެވެ. ބައިވެރިޔާއަށް ކޮށްދޭންޖެހޭ ކަންކަން ކޮށްނުދެވުމުން އެކަމަށް ޢުޒުރުދައްކަން ދޮގުނުހަދާށެވެ! ދޮގުހަދާނަމަ އިތުބާރުގެއްލޭނެއެވެ. ޙަޤީޤަތަކީ ދޮގުހަދާ މީހުންނާއެކު އުފާވެރި ދިރިއުޅުމެއް ނުލިބޭނެ ކަމެވެ. ދޮގުހެދުމަކީ ބޮޑު ޙަރާމްކަމެއްގެ ގޮތުގައި ލައްވަވާފައިވަނީ މިފަދަ ކަންކަމުން ސަލާމަތްވެ ތިބުމަށެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން