ގިނަ ބައަކަށް މިއަދު އެންމެ ބޮޑަށް ސަމާލުކަންދެވޭ އެއްކަމަކީ ނުވަތަ ސަމާލުކަން ދެވޭ ކަމަކީ ރީތި ޒުވާނުންނާއި ގުޅުންހިންގުމަށް ކަމަށް ބުނެވޭ ޙާލަތަށް އެކަން އިތުރުވެއްޖެއެވެ. އެކަން ޢާންމުވެއްޖެއެވެ. މަދު މީހެއްގެ ކިބައިން ނޫނީ ﷲ ތަޢާލާއަށް ބިރުވެތިވުމުގެ ސިފަ ނުފެންނާތީއެވެ.
ބައެއް މީހުން އެމީހުންގެ އަނބިދަރިންނަށް ޚަރަދުކުރަންހުންނަ ފައިސާކޮޅު އެފަދަ ނުބައި ކަންކަމަށް ޚަރަދުކުރާތީ އަނބިދަރިންނަށް ނިކަމެތި ޙާލުގައި އުޅެންޖެހޭ ކަމުގެ ޝަކުވާއަކީވެސް ހަމަ ވަރަށް ގިނައިން ލިބެމުން އަންނަ ޝަކުވާއެކެވެ. މިއީ ވަރަށް ދެރަކޮށް ހިނގަމުން އަންނަ ކަމެކެވެ. ޚަރަދުކުރާނެ ފައިސާ އަތުގައި ހުރިނަމަވެސް ޙަރާމް ކަންކަމަށް ޚަރަދުކުރުމަކީ ކުރެވޭ ވަރަށް ބޮޑު ފާފައެކެވެ. އަދި އެކަމަކީ އެމީހަކަށް ﷲ ތަޢާލާ ލައްނަތް ލައްވަވާނެ ކަމެކެވެ. ދެއްވަވާ ރިޒުޤުގައި ބަރަކާތް ނުލައްވަވާނެ ކަމެކެވެ.
މީސްތަކުންނޭވެ! ހުރިހާވެސް މައްސަލައަކީ ﷲ ތަޢާލާއަށް ބިރުވެތިނުވެވޭ ކަމެވެ. ޝައިޠޯނާ ދޭ ވަސްވާސްތަކަށް ހެއްލެވި ޢަމަލުކުރެވޭ ކަމެވެ. ހިތަށް އެރިހާ ފާފަތަކެއް ކޮށްފައި ފަހުން ތައުބާވުމުން ސުވަރުގެ ވައްދަވާނެ ކަމަށް ޝައިޠޯނާދޭ ވަސްވާސްތަކަށް ހެއްލެވި، އެކަންކަން ޤަބޫލުކޮށް ޢަމަލުކުރެވޭ ކަމެވެ.
ރިޒުޤް ދެއްވަވަނީ ﷲ ތަޢާލާއެވެ. ތަނަވަސްކަން ދެއްވަވަނީވެސް ﷲ ތަޢާލާއެވެ. އެއީ އެއްވެސް މީހެއްގެ މޮޅުކަމުން ޙާޞިލުކުރެވޭނެ ކަންކަމެއް ނޫނެވެ. ވީމާ ޖީބަށް ފައިސާކޮޅެއް ވެއްދޭ އިރަށް ﷲ ތަޢާލާގެ މަތިން ހަނދުމަނެތިކޮށް ނުލާށެވެ! ޝުކުރުވެރިވާށެވެ! ﷲ ތަޢާލާ އަންގަވާފައިވާ މަގުން ހޭދަކުރާށެވެ! އެމީހަކަށް ޙަޤީޤީ އުފާވެރިކަން ލިބުންވަނީ އެއިރުންނެވެ! އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން