ދެމަފިރިންކުރެ މީހަކަށް ކުށެއް ކުރެވޭކަން ފާހަގަކުރެވިއްޖެނަމަ އެކަމަށް ނަޞޭޙަތްތެރިޥާންޖެހޭނީ ދެމީހުން އެކަނި ތިބެ! ފަޟީޙަތްކޮށް ބޭޒާރުކޮށްފިނަމަ ގާތީ ބަދަލުހިފުން!

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 26ސ
ދެމަފިރިންކުރެ މީހަކަށް ކުށެއް ކުރެވޭކަން ފާހަގަކުރެވިއްޖެނަމަ އެކަމަށް ނަޞޭޙަތްތެރިޥާންޖެހޭނީ ދެމީހުން އެކަނި ތިބެ! ފަޟީޙަތްކޮށް ބޭޒާރުކޮށްފިނަމަ ގާތީ ބަދަލުހިފުން!

ދެމަފިރިން ލޯބިން އުޅޭއިރުވެސް ކުށެއް ކުރެވިދާނެ ނޫންތޯއެވެ؟ އެޙާލަތުގައި އެކުވެރިންގެ ގާތުގައި އެވާހަކަ ދައްކައި ބޭޒާރުކުރުމަކީ ކޮންކަހަލަ ކަމެއްތޯ؟  

ސުވާލުކުރެއްވި ކިޔުންތެރިޔާއަށް ބުނެލަން އޮތީ ކޮންމެ މީހަކަށްވެސް ކުށެއް ކުރެވިދާނެކަން އެއީ ހަމަ ޔަޤީންކަމެކެވެ. ކުރެވުނީ ފާފައެއް ނަމަ އޮތީވެސް ތައުބާވުމެވެ. އަދި ފިރިމީހާގެ ގާތުން މާފަށް އެދެންޖެހޭ ބާވަތުގެ ކުށެއްނަމަ މާފަށް އެދެންވާނެއެވެ. ފިރިމީހާއަށް ކުށެއް ކުރެވުނަސް އޮތީ ހަމަ އެގޮތެވެ.  

ސުވާލުގެ ދެން އޮތް ބައަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެއެވެ. އިން ޝާ ﷲ  

ކިތަންމެ ގާތްމީހަކު ނަމަވެސް އިޞްލާޙްކުރުމުގެ ބޭނުމުގަ އެމީހަކު ފަޟީޙަތްނުކުރާށެވެ! ޚުދު ތިމާގެ ޙަޔާތުގެ ބައިވެރިޔާ ނަމަވެސް އިޞްލާޙްކުރަން އެދޭނަމަ އެކަނި ބަހައްޓައިގެން ނަޞޭޙަތްދޭށެވެ! ވިސްނައިދޭން މަސައްކަތްކުރާށެވެ.  

އަމިއްލައަށް ވިސްނައިލާށެވެ. ތިބާއަށް ކުރެވޭ ނުރަނގަޅު ކަމެއްގެ ވާހަކަ މީސްތަކުންގެ ތެރޭގައި ދައްކާނަމަ ތިބާއަށް ވެގެންދާނެ ގޮތަށެވެ. ތިބާއަށް އެކަމަށް ރުހެވޭނެ ހެއްޔެވެ؟ އެފަދަ ޙާލަތުގައި ގިނަ ބައަކަށް ބުނެވެނީ "އާނ! އެކަން އޮންނާނީ ކޮށްފަ! ދެން ކަލެއަށް ކީއްތަ ކުރެވޭނީ؟" ފަދަ ގޮތްދޫނުކުރުމާއި ޖަދަލުކުރުމުގެ ބަސްތަކެވެ. އެއީ ރަނގަޅު ގޮތް ނޫންނަމަވެސް އެކަން އެހެންވެދާނެކަން ޤަބޫލުކުރާށެވެ!  

ބައިވެރިޔާއަށް ކުށެއް ކުރެވުނީއެވެ. ދެމީހުން އެކަނިވެލާށެވެ. ނުވަތަ ދެމީހުން އެކަނިވާ ވަޤުތެއްގައި އެކަމެއްގެ ވާހަކަ ދައްކާށެވެ. ކުށް ކުރެވުނު މީހާއަށް ކަންކަން ޤަބޫލުކުރަން ފަސޭހަވާނީވެސް އެއިރުންނެވެ. އެއިގެ އިތުރުން މީސްތަކުންގެ މެދުގައި ފަޟީޙަތް ނުކުރީތީ އުފާވެސްކުރާނެއެވެ. ދެމީހުންގެ މެދުގައި ލޯބިވެސް އިތުރުވާނެއެވެ.  

އެހެނަސް ބައެއް މީހުން އެކަންކަމަށް ވިސްނާނުލައި ގޭގެ އެންމެގެ މެދުގައި ނުވަތަ ރައްޓެހިންގެ ތެރޭގައި އެބާވަތުގެ ވާހަކަތައް އެބަ ދައްކައެވެ. ތިމާގެ ހުރި މޮޅުކަން ނުވަތަ ރަނގަޅުކަން ދައްކަން ބޭނުންވެގެންވެސް އެގޮތަށް ކަންކަން އެބަކުރެއެވެ. އެހެނަސް އެއީ އެއީ ހަަމ ހެދޭ ވަރަށް ބޮޑު ގޯހެކެވެ. ކުރެވޭ ވަރަށް ނުރަނގަޅު ކަމެކެވެ. އެއިރުން ކަންކަން ދާނީ އިތުރަށް ގޯސްވަމުންނެވެ.  

އެއްވެސް މީހަކީ އެމީހަކަށް ކުރެވޭ ކުށްތައް އެހެން މީހުންނަށް އެނގެން ބޭނުންވާނެ މީހެއް ނޫނެވެ. ޚުދު ތިމާވެސް ބޭނުމެއް ނުވާނެއެވެ. ވީމާ އެެހން މީހުންނާއިމެދުގައިވެސް ޢަމަލުކުރަންވާނީ އެގޮތަށެވެ.  

އަމިއްލަ ދަރިންނަށް ނުވަތަ ކިތަންމެ ގާތް މީހަކަށް ނަޞޭޙަތްދިންކަމުގައިވީނަމަވެސް މިބުނި މަގުން ޢަމަލުކުރާށެވެ. ނަތީޖާ ފެންނާނީ އެއިރުންނެވެ.  

ނިންމާލަމުންވެސް ސުވާލުކޮށްލަން ބޭނުންވަނީ އެހެން މީހަކު ތިމާ ފަޟީޙަތްކުރަން ރުހޭނަން ހެއްޔެވެ؟ ހަމައެކަކުވެސް ނުރުހޭނެއެވެ. ވީމާ ތިމާއަކީވެސް އެހެން މީހުން ފަޟީޙަތްކުރާ މީހަކަށް ނުވާށެވެ.  

ހަމައެއާއިއެކު ވިސްނައިލާށެވެ. ބޭނުންވެގެން މިއުޅެނީ އަނެކާ ފަޟީޙަތްކުރާކަށް ނޫނެއްނޫންހެއްޔެވެ؟ ބޭނުންވަނީ މައްސަލަ ޙައްލުކުރަން ނޫންހެއްޔެވެ؟ ވީމާ ކޮންމެ ކަމެއްގައިވެސް އެންމެ ފައިދާކުރާނެ ގޮތަށް ޢަމަލުކުރަން މަސައްކަތްކުރާށެވެ.

 

- އަލަފް

 

މިއަދު އޮންލައިން