ކައިވެނިކުރުމަށްފަހު ފިރިމީހާ އަނބިމިހާއަށް ކޮްށްދޭންޖެހޭ ކަންކަން ދެބައަކަށް ބެހިގެންވެއެވެ. ފުރަތަމަ ބައިގައި ހިމެނޭ ބައެއް ކަންކަމަކީ ތަނމަވަސްކަން ހުރި ވަރަކުން ކޮށްދޭންޖެހޭ ކަންކަމެވެ. އަނެއް ބައަކީ ތަނަވަސްކަން ކިތަންމެ ކުޑަ ނަމަވެސް ކޮށްދެވޭނެ ކަންކަމެވެ. އެގޮތުން ބަލައިފިނަމަ ލޯތްބާއި އަޅައިލުން ދިނުމާއި އެކުގައި އާޚިރަތް ހޯދަން މަސައްކަތްކުރުން ހިމެނެއެވެ.
އަނބިމީހާއަށް އަދާކޮށްދޭންޖެހޭ ޙައްޤުތައް އަދާނުކުރެވޭނަމަ ކައިވެނީގެ އެއްބަސްވުން އެވަނީ ބާޠިލުވެފައެވެ. އެހެނީ ކައިވެނީގެ އިޤްރާރުގައި ސޮއިކުރުވައި ފިރިމީހާ އާއި އަނބިމީހާ ޙަވާލުކުރަނީ ވަރަށް ގިނަ ކަންތައްތަކެއް ޝަރުޠުކުރުވައިފައެވެ. އެއިގެ ތެރޭގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި ކާންބޯން ދިނުމާއި ބަލިވެއްޖެނަމަ ބޭސްފަރުވާކޮށްދިނުންފަދަ އަނބިމީހާއަށް ބޭނުންވާ ހުރިހާ ކަންކަން ހިމެނެއެވެ.
މިހުރިހާ ކަންކަމުގެ އިތުރަށް ލޯތްބާއި އަޅައިލުން ދިނުމާއި އެކުގައި އާޚިރަތް ހޯދަން މަސައްކަތްކުރުމަކީ އެންމެ މުހިންމު ޝަރުޠުތަކެކެވެ.
މިކަންކަން ކޮށްނުދެވޭނަމަ އަނބިމީހާ އަޅުވެތިކޮށްގެން އެންމެ ދުވަހަކުވެސް ގެންގުޅެގެން ނުވާނެއެވެ. އަވަހަށް މިނިވަންކޮށް ދޫކޮށްލާށެވެ! ދެވަނަ ފިރިއަކާއިއެކު ޒަވާޖީ ހަޔާތެއް ފެށުމުގެ ފުރުޞަތު އަވަހަށް ފަހިކޮށްދޭށެވެ!
މިބުނަނީ އެއްވެސް ޙާލެއްގައި އެމީހެއްގެ ނެތް ފެންވަރުން ކަންކަން ކޮށްދިނުމުގެ ވާހަކައެއް ނޫނެވެ. ހުރިފެންވަރުން ކަންކަންކޮށްދިނުމުގެ ވާހަކައެވެ. ދެމީހަކު ކައިވެނިކުރާނީ ހުރި ފެންވަރު އެނގި، އެކަމަށް ރުހިގެންނެވެ. އެއީވެސް ކައިވެނީގެ އެއްބަސްވުމުގެ ބައެކެވެ. ހަމައެއާއިއެކު މިބުނަނީ އެއް އަނބި ނުބެލެހެއްޓިގެން އުޅެމުން ދެވަނަ އަންތބަކު ހޯދައި ދޮށީ އަނބިމީހާ އިތުރަށް ނިކަމެތިކުރުން ހުއްދަ ވާހަކައެއް ނޫނެވެ.
ވަރިކުރާނަމަ ރަނުގެ ގޮތުގައި ދިންތަކެތި އަތުލައިގެންނުވާނެއެވެ. އެއީ ހުއްދަކަމެއް ނޫނެވެ. އެތަކެތި އަތުލައިފިނަމަ އެއިން ކުރާ ފައިދާއަށްވުރެ ލިބޭ ގެއްލުން މާބޮޑުވާނެއެވެ. ބަލިމަޑުކަމެއް، ކުރާ މަސައްކަތުން ގެއްލުން ލިބުން، ވަޒީފާ ގެއްލުން ފަަދ ކަމެއް މެދުވެރިވެގެންވެސް ތިމާއަށް ބޮޑެތި ގެއްލުންތަކެއް ލިބިގެން ހިނގައިދާނެކަމަށް ބިރުވެތިވާށެވެ!
ކައިވެނިކުރުމަށްފަހު އެކުގައި ހޭދަކުރީ މަދު ދުވަސްކޮޅެއް ނަމަވެސް ގިނަދުވަސްތަކެއް ނަމަވެސް ކައިވެނި ރޫޅައިލުމަކީ ދެން އެހެން ގޮތެއް ނެތިގެން ނޫނީ ކޮށްގެންވާނެ ކަމެއް ނޫނެވެ. ކައިވެނި ރޫޅައިލުމުން ސަލާމަތްކުރަން ކުރެވެންހުރި ހުރިހާ މަސައްކަތެއް ދެމަފިރިންވެސް ޢާއިލާއިންވެސް އަދި ހެޔޮއެދޭ މީހުންވެސް ކުރަންޖެހޭނެއެވެ.
ހުރިހާ މަސައްކަތަކަށްފަހުގައިވެސް ކައިވެނި ރޫޅައިލުން ނޫންގޮތެއް ނެތިއްޖެ ނަމަ އެކަންކުރުން އަވަސްވެގަންނަންވާނެއެވެ. މިޒަމާނުގައި އެކަން ލަސްކުރުމަކީ އިތުރު މުޞީބާތްތައް ކުރިމަތިވާކަމެކެވެ. އިތުރު ފާފަތައް ކުރުމަށް މަގުފަހިވެގެންދާ ކަމެކެވެ.
އަނބިމީހާ ކަމުނުގޮސްގެން ވަރިކުރަން ނިންމައިފިނަމަ (ވަރިކުރުން ނޫން ގޮތެއް ނެތްކަމަށް ނިންމައިފިނަމަ) އޭނާ އަޅުވެތިކޮށް އަނިޔާނުކުރާށެވެ! އޭނާގެ ޙައްޤުތައް އޭނާއަށް ދިނުމާއިއެކު އަވަހަށް ވަރިކުރާށެވެ! ވަރިކުރުމަށްފަހު ޢިއްދައިގެ މުއްދަތުގެ ޙައްޤުތައްވެސް އަދާކުރާށެވެ! އެކަންކަމަކީ ޤިޔާމަތް ދުވަހުވެސް އަދާކުރަންޖެހޭނެ ޙައްޤުތަކެކެވެ.
- މުފްތީ މެންކުގެ ދަރުސަކުން