ތަނަވަސްކަމަށް ލޯބިކުރެވޭވަރު ބޮޑުވަމުން އައިސް ރައްތެއްސަކާއި ބައްދަލުވެ ވާހަކަދެކެވުނަސް ފުރަތަމަވެސް ކޮސްލެވޭ ސުވާލަކަށްވެފައި އޮންނަނީ މިހާރުލިބޭ އާމްދަނީގެ ވާހަކައެވެ. އެކަމަކު އަނެކާ ތިމާ މިއުޅެނީ ނުފުދި ވަރަށް ދަތިޙާލުގައި ކަމަށް ބުންޏަސް އެއްވެސް އެހީއެއް ނުވެއެވެ. އެހީއަކަށް އެދުނަސް ގިނަ މީހުން ދައްކާނީ ބަހަނާއެކެވެ. އެކަންކަމުންވެސް އެނގެނީ ތިމާ ދިރިއުޅޭ ދަތިޙާލުގެ ވާހަކަ ކޮންމެހެން ބުނަންޖެހިގެން ނޫނީ މީސްމީހުންގެ ގާތުގައި ނުބުނެ ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދުން ގިނަކުރަންވީ ކަމެވެ.
ބައެއް މީހުންނަށް އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބެނީ އަތުގައި ފައިސާ ގިނަވިވަރަކުންނެވެ. އެހެނަސް އަތުގައި ނުވަތަ ބޭންކު އެކައުންޓުގައި ފައިސާ ގިނަވުމަކީ ސުވަރުގެވައްދަވާ ސަބަބެއް ނޫނެވެ! އަދި އެއީ ވަރަށް މަދުމީހަކަށް ނޫނީ ސުވަރުގެވަނުމަށް ހުރަސްއެޅޭކަމެކެވެ. ވީމާ އަތުގައި ފައިސާމަދުވުމުން ދެރަނުވާށެވެ! އެކަން އެގޮތަށް މެދުވެރިކުރެއްވެވީ ތިބާދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާތީކަމަށް ބަލައި އުފާކުރާށެވެ!
އަތުގައި ފައިސާ މަދުވުމުން، ގެދޮރުނެތުމުން، އަދި ވަޒީފާ ނެތުމުން ވެސް މާޔޫސްނުވާށެވެ! އެކަމަކުން ތބާއަށް އެންމެ ފައިދާކުރާނެ ވަގުތު ތިބާއަށް އެކަންކަން ﷲ ތަޢާލާ ފުރިހަމަކުރައްވަވައިދެއްވަވާނެތެވެ! އިން ޝާ ﷲ
އަތްމަތި ދަތިނަމަވެސް އެކަން އެންމެންނަށް ނުއަންގާށެވެ! ކޮންމެހެން ބުނަންޖެހޭ މީހެއްގެ ގާތު ނޫނީ ނުބުނާށެވެ! އެކަމަކީ ތިބާއާއި ﷲ ތަޢާލާ އާއި ދެމެދުގައި ބާއްވާ ސިއްރަކަށް ހަދާށެވެ! އެފަދަ ކަންކަން މީހުންނަށް ހާމަކުރުމުން ގިނަ ފަހަރު ހީކުރާނީ ކަމަކު އެދެނީ ކަމަށެވެ! މިހާރަކަށް އައިސް ގިނައީ ކަންކަމު އެދުމުން ނަފްރަތުކުރާމީހުންނެވެ. އަތުގައި ފައިސާ ނެތްނަމަ ނިކަމެތިކޮށްހިތާ މީހުންނެވެ.
އަސާސީ ބޭނުންތައް ފުއްދައިލެވޭނަމަ އެމީހަކީ ﷲ ތަނަވަސްކަން ދެއްވަވާފައިވާ މީހެކެވެ. އެންމެ އިރަކު ނަމަވެސް ކާންލިބޭނަމަ އެހުރެވެނީ ހަމަ ތަނަވަސްކަމުގައެވެ. އެވަރުވެސް މިންވަރުކުރެއްވެވި ކަމަށްޓަކައި ޝުކުރުކުރާށެވެ! ޝުކުރުކުރުމަކީ ތަޤްވާވެރިވެ ހެޔޮޢަމަލުތައް ގިނަކުރަން މަސައްކަތްކުރުމެވެ.
ނިކަންވިސްނައިލަބަލާށެވެ! ރަސޫލް (ﷺ) ޙަވާލުކުރެއްވެވި މެހްމާނަށް ގޭގައި ހުރި ހަމައެކި ކާއެތިކޮޅު ކާން ދެއްވަވާފައި އެކަން މެހްމާނަށް ސިއްރުކުރެއްވެވި ޞަހާބީ އާއިމެދު ﷲ ތަޢާލާ ވަނީ ވަގުތުން ތަޢްރީފެގެ ބަސްފުޅު ވަޙިކުރައްވަވައިފައެވެ. މިކަމުން އެނގިގެންދަނީ ނިކަމެތިކަން ހާމަނުކުރުމުގެ ފައިދާއެވެ. ކިތަންމެ މަދު އެތިކޮޅެއް އަތުގައި ހުރިނަމަވެސް ﷲ ތައާލާގެ މަގުގައި ހޭދަކުރުމުގެ ފައިދާއެވެ.
މެހްމާނަށް ކާން ދެއްވެވުމަށްފަހު ގޭގެ އަހުލުވެރިން އެރޭ ތިބީ ނުކައެވެ. ނަމަވެސް އެކަމުގެ ފައިދާ އެލިބުނު މިންވަރު ނިކަންދެކިބަލާށެވެ! 7 އުޑުމަތިން ތަޢްރީފްގެބްސްފުޅު ﷲ ތަޢާލާ ވަޙީކުރެއްވެވުމަށްވުރެ ބޮޑު ނިޢްމަތެއް އެއްވެސް މީހަކަށް ލިބޭނެ ހެއްޔެވެ؟
- އިސްލާމީ ތިލަފަތުގެ ދަރުސަކުން