ކީރިތި ޤުރްއާން ކިޔަވާއިރުވެސް މާނަ ކިޔާއިރުވެސް ހިތަށް ބިރުވެރިކަން ނުވަންނަނަމަ ކުރާ ފައިދާ ބޮޑުތަނުން ކުޑަވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 7ސ
ކީރިތި ޤުރްއާން ކިޔަވާއިރުވެސް މާނަ ކިޔާއިރުވެސް ހިތަށް ބިރުވެރިކަން ނުވަންނަނަމަ ކުރާ ފައިދާ ބޮޑުތަނުން ކުޑަވާނެ!

ފުރަތަމަ މިބުނަނީ އިޞްލާޙްކޮށްލަން އޮތް ކަމެއްގެ ވާހަކައެވެ. އޭނާއަކީ މިސްކިތުގައި ޢާންމުކޮށް ޤުރްއާން ކިޔަވަން އިންނަ މީހެކެވެ. އޭނާ ކިޔަވާއިރު އިންނަނީ އަނގަލައްޕައިގެންނެވެ. އޭނާ ބުނަނީ ތުންފަތް ޙަރަކާތް ނުކުރިޔަސް ދޫ ޙަރަކާތްތެރިކުރުވާ ކަމަށެވެ. ނަމަވެސް ދުލާއިއެކު ތުންފަތް ޙަރަކާތް ނުކުރުވައި އަކުރުތައް ކިޔަންވާ މަޚްރަޖުގައި ކިޔެވުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ވީމާ މިހުރީ އިޞްލާޙްކޮށްލަން ޖެހޭ ކަންކަމެވެ. އެހެނީ ކިޔައިލުމާއި ކިޔެވުމަކީ ތަފާތު ދެކަމެކެވެ.  

މިރޭގެ މަޢުޟޫއަށް ޖެހިލަމާ ހިނގާށެވެ! މިރޭ ބުނެލަން ބޭނުންވަނީ ޤުރްއާން ކިޔަވާއިރު ހިތަށް ބިރުވެރިކަން ވައްދަން މަސައްކަތްކުރާށެވެ! މިކިޔެވެނީ އާދައިގެ އެއްޗެއް ނޫނެވެ. ﷲ ތަޢާލާގެ ކަލާމްފުޅެވެ. ވަޙީބަސްފުޅެވެ. ބަޔާންވެގެންވާ ކޮންމެ އަކުރަކަށްވެސް ސަމާލުކަންދޭންވާނެއެވެ.  

ހުރިހާ މުސްލިމުންނަކީ ޢަރަބި ބަސް އެނގޭ ބައެއް ނޫނެވެ. މާނަކިޔަންޖެހެނީ އެެހންވެގެންނެވެ. މާނަކިޔާއިރުވެސް ބަލަންވީ ވީހާ ގިނަ ޞަފްޙާތަކެއް ކިޔުމަކަށް ނޫނެވެ. ކިޔޭ އެއްޗެއް ހިތަށް ގެނެސް ދަސްކުރެވޭތޯއެވެ. ހިތުގައި ހަރުލެއްވޭތޯއެވެ. އެކަމުގެ ފައިދާކުރާނީ އެއިރުންނެވެ.  

ދާދިފަހުން ދިމާވި ކަމެކެވެ. އޭނާއަކީ ދީނީ ޢިލްމްވެރިއެއް ނޫނެވެ. ޢަރަބިބަސްވެސް ދަންނަ އަންހެނެއް ނޫނެވެ. ނަމަވެސް ގިނައިން ޤުރްއާން ކިޔަވައި މާނަކިޔައި އުޅޭ އަންހެނެކެވެ. ދެކެވުނު ވާހަކައެއްގެ ތެރެއިން ވަރިކައިވެނީގެ މައްސަލައެއްގައި ﷲ ތަޢާލާގެ ވަޙީބަސްފުޅުގައި އޮންނަނީ މިހެން ނޫންހޭ؟ ބުނާއިރަށް ބުނީ ތިއައީ ބަޤަރާ ސޫރަތުގެ އާޔަތެއް ކަމަށެވެ. އަދި އިރުކޮޅަކުން އާޔަތްވެސް އަހުރެންނަށް މެސެޖްކުރިއެވެ.  

އެކަމުން އެނގެނީ އޭނާ މާނަކިޔަނީ ސަމާލުކަންދީގެން ކަމެވެ. އޭނާ ކިޔަވާ އާޔަތްތައް އެކުގައި ހިތުދަސްނުވިނަމަވެސް އޭނާގެ ހިތުގައި ހަރުލާފައި ހުންނަ ކަމެވެ. ވީމާ މާނަކިޔާއިރު ކިޔަންވީ ހިތުގައި ހަރުލެއްވުމުގެ ނިޔަތާއިއެކުގައެވެ. އެކަމަށް ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދިގެން އިޚްލާޞްތެރިކަމާއިއެކުގައެވެ.

-  އިސްލާމީ ތިލަފަތުގެ ދަރުސަކުން 

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ! އެފެންވަރަށް ދިއުމަށް ތިމާވެސް މަސައްކަތްކުރާށެވެ! ކޮންމެ މީހަކަށް އެހާފުރިހަމައަށް ނުލިޔެވިދާނެއެވެ. ނަމަވެސް މަސައްކަތްކޮށްފިއްޔާ ހިތް އެފެންވަރަށް ގެންދެވިދާނެއެވެ. އިން ޝާ ﷲ

ކީރިތި ޤުރްއާން މަތިވެރިކުރުމާއި ޤުރްއާނަށް ޚިދުމަތްކުރުމަކީ އެންމެ މަތިވެރި އެއް އަޅުކަމެވެ. ކީރިތި ޤުރްއާނަށް ބޮޑެތި ޚިދުމަތްތައް ކުރެއްވެވި ބޭފުޅުންގެ ވާހަކަތަކުގެ ހަނދާން އައުކުރަންޖެހެއެވެ. އެކަމުގެ ސަބަބުން އެފަދަ ޚިދުމަތްކުރަން މީސްތަކުންނަށް ހިތްވަރުދިނުމުގެ ގޮތުންނެވެ. އެހެންކަމުން މިއީ ހަނދުމަ އައުކޮށްލުމެކެވެ.

ކީރިތި ޤުރްއާން ލިޔުއްވުމަށް މަޝްހޫރު ޝައިޚް ޢުޘްމާން ޠާހާ ވިދާޅުވަނީ މިހާރު ލިޔުއްވަން އިންނަވާއިރު އަތްޕުޅުން ޤަލަމްކޮޅު ދޫވެގެން ވެއްޓޭކަމަށެވެ. އޭނާ ކީރިތި ޤުރްއާން ލިޔުއްވަވަނީ ލިޔުއްވާ ހިތްޕުޅުންނެވެ. އެމުރުގެ ގޮތުން ކިތަންމެ ދޮށިވެފައި ހުންނެވި ނަމަވެސް އަމާޒަކީ އެންމެ ފަހު ނޭވާއާއި ހަމައަށްވެސް އެކަން ކުރެއްވުމެވެ.  

ޝައިޚް ޢުޘްމާން ޠާހާ ޚަތިމްގެ ކޮންމެ ތަންކޮޅެއް ލިޔުއްވަން އިށީންނަވަނީ ވެސް ވުޟޫކުރައްވައިގެންނެވެ. ކޮންމެ ދުވަހަކު މަސައްކަތްކުރެއްވި ނަމަވެސް ޚަތިމެއް ފުރިހަމަކުރެއްވުމަށް 3 އަހަރު ހޭދަވެއެވެ. އަދި ޤުރްއާން ލިޔުއްވަން ހޭދަކުރައްވާ ވަޤުތުތަކުގަ ކުރެއްވޭ އިޙްޞާޞް ތަފާތެވެ. ޚާއްޞަކޮށް ސުވަރުގެއާއި ނަރަކައިގެ ވާހަކަތައް ހިމެނޭ ބައިތަށް ލިޔުއްވަން އިންނަވާއިރުއެވެ. ސުވަރުގޭގެ ވާހަކަތައް ބަޔާންކުރާ އާޔަތްތައް ލިޔުއްވާއިރު އެވާހަކަތައް ނުނިމޭނެ ނަމައެވެ ހިތްޕުޅަށް އަރާ ކަމަށެވެ. އަދި ނަރަކައިގެ ވާހަކަތައް ލިޔުއްޔާއިރު އަތްޕުޅު ތުރުތުރުއަޅައި ދައުފޮދުހިއްލާ ކަމަށެވެ!

ދިވެހީން ޢާންމުކޮށް ކިޔަވާ ޚަތިމުތަކުގައި އެވަނީ ޝައިޚް ޢުޘްމާން ޠާހާގެ އަތުލިޔުއްވުމެވެ.

* އަޑު އައްސަވާލެއްވުން މުހިންމު ވީޑިއޯއެއް މަޝްހޫރު މުޙައްމަދު ޢާޞިފުގެ އަޑުން:

 

 

މިއަދު އޮންލައިން