މައިންބަފައިންގެ ހިތުގަ ޖައްސުވައި ރޮއްވުމަކީ އެމީހަކަށް ސުވަރުގެ ނުލިބިދާނެ ކަމުގެ ބިރު އެންމެ ބޮޑު އެއްކަންތައް! އެކަން ޙަދީޘްފުޅުން އެނގެން އެބައޮތް!: ޑރ. ޔާސިރު ޤާޟީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 51ސ
މައިންބަފައިންގެ ހިތުގަ ޖައްސުވައި ރޮއްވުމަކީ އެމީހަކަށް ސުވަރުގެ ނުލިބިދާނެ ކަމުގެ ބިރު އެންމެ ބޮޑު އެއްކަންތައް! އެކަން ޙަދީޘްފުޅުން އެނގެން އެބައޮތް!: ޑރ. ޔާސިރު ޤާޟީ

މައިންބަފައިންނަށް އަޅާލައި ލޯބިދޭންވީ އެމީހުން މުސްކުޅިވުމަކުން ނޫނެވެ. ބަލިކަށިވުމަކުންވެސް ނޫނެވެ. މައިން ބަފައިން ރުއްސައި އުފަލުގައި ބެއިތިއްބުމަކީ އަބަދުވެސް ކުރަންޖެހޭނެ ކަމެކެވެ. އެމީހުން މުސްކުޅިވެއްޖެނަމަ ނުވަތަ ބަލިޙާލެއްގައި އުޅޭނަމަ އޮތީ އިތުރަށް ސަމާލުކަން ދިނުމެވެ. އިތުރަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.  

ޙަދީޘްފުޅުގައި ވަނީ "ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުންވަނީ މައިންބަފައިންގެ ރުހުން ހޯދިގެންނެވެ. މައިންބަފައިންގެ ނުރުހުން އޮތް މީހަކަށް ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާނެތެވެ." އެހެންވީމާ ﷲ ތަޢާލާގެ ރުހިވޮޑިގަތުމަށް އެދޭމީހާ މައިންބަފައިންނަށް ހެޔޮކޮށްހިތައި އެމީހުންގެ ރުހުން ހޯދަން އެބަޖެހެއެވެ. ހަމައެފަދައިން ނަރަކައިގެ ޢަޛާބަށް ބިރުވެތިވާ މީހާ އެމީހެއްގެ މައިންބަފައިންގެ ނުރުހުމަށް ކަންބޮޑުވާންޖެހޭނެއެވެ.  

މިކަންކަން އެނގިގެންދަނީ ރަސޫލް ގެ އަރިއަހުގައިވުމަށް ޔަމަނުން އައި ޒުވާނާއަށް ކުރެއްވެވި ޙަދީޘްފުޅުންނެވެ. އެޒުވާނާއައީ ޞަޙާބީއަކަށްވެގެން ރަސޫލް ގެ އަރިއަހުގައި ހުރެ އިސްލާމް ދީނަށް ނަޞްރުދީ ﷲ ތަޢާލާގެ މަގުގައި ޖިހާދުކުރުމަށެވެ. އޭނާ ދެންނެވީ އެކަންކަމަށް އެދޭވަރުން އޭނާ އައީ އޭނާގެ މައިންބަފައިން ރޮއިރޮއިތިއްބައި ދޫކޮށްލާފައި ކަމަށެވެ.  

ޙަދީޘްފުޅު ކުރެއްވެވީ ކީކޭކަމަށް ހެއްޔެވެ؟ "ﷲ ތަޢާލާގެ ރުހިވޮޑިގަތުން ބޭނުންނަމަ އެމީހުންގެ ގާތަށް އެނބުރިދާށެވެ! އެމީހުންގެ ހިތުގައި ޖައްސުވައި ރޮއްވާފައި އައިފަދައިން އެމީހުންނަށް އުފާވެރިކަން ހޯދައިދީ އެމީހުން ހިނިތުންކުރުވާށެވެ."  

ރަސޫލް އޭނާއަށް ބަޔާންކޮށްދެއްވެވީ މައިންބަފައިން ރޮއްވާފައި އައިސްގެން ސުވަރުގެ ނުލިބޭނެކަމެވެ. ހަމައެއާއިއެކު ޙަދީޘްފުޅުގައި އޮތީ ސުވަރުގެ ވަނުމަށް އެންމެ ފަސޭހަ މަގަކީ މައިންބަފައިންގެ ރުހުން ލިބުން ކަމަށެވެ. (އެމީހުންނަށް ހެޔޮކޮށް ހިތައިގެން އެމީހުން ލޯބިވާދަރިއަކަށްވުން ކަމަށެވެ.) 

މަޝްހޫރު ޞަޙާބީ ޢަބްދުﷲ އިބްނަ ޒުބައިރުގެ ބައްޕާފުޅު އަވަހާރަވުމުން ވިދާޅުވިއެވެ. "ތިމަން ކީރިތި މިކުރައްވަވަނީ ބައްޕާފުޅު އަވަހާރަވެގެނެއް ނޫނެވެ. އެންމެ ފަސޭހައިން ސުވަރުގެ ވަދެވެން އޮތް މަގު ބަންދުވުމުންނެވެ."  

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. މައިންބަފައިން ދުނިޔޭގައި ތިބިނަމަ އެމީހުންނަށް ހެޔޮކޮށްހިތާށެވެ. އެމީހުން ނިޔާވެފައިވާނަމަވެސް ކުރެވެންހުރި ކަންކަން އެބަހުއްޓެވެ. ޞަޙާބީ ބޭކަލެއްގެ މަންމާފުޅު އަވަހާރަވުމުން ވަޑައިގެން މަންމައަށްތަކައި ކުރެއްވެވޭނެ ހެޔޮކަންކަމަކީ ކޮބައިތޯ ސުވާލުކުރެއްވެވުމުން ޙަދީޘްފުޅު ކުރެއްވެވިއެވެ.  

"މަންމައަށްޓަކައި ހެޔޮދުޢާކުރާށެވެ! މަންމަގެ ފާފަފުއްސަވައިދެއްވެވުމަށް އެދޭށެވެ! އޭނާގެ ފަރާތުން ޞަދަޤާތްކުރާށެވެ. އޭނާގެ ފަރާތުން އުޟްޙިޔާ ކަތިލާށެވެ. ޙައްޖުވެ ޢުމުރާވާށެވެ. އޭނާގެ ތިމާގެ މީހުންނާއި ރައްޓެހިންނަށް ޒިޔާރަތްކުރާށެވެ." މިހިރީ އަހަރެމެންނަސް ކުރެވެންހުރި ކަންކަމެވެ.  

ޒުވާނުންނޭވެ! މިއަދު މައިންބަފައިން ހިތުގައި ޖެއްސުވިދާނެއެވެ. ނަމަވެސް ހަނދާންކުރާށެވެ! އެކަން އައިސް ތިބާ ޢާއި ބައްދަލުކުރާނެއެވެ. މުޅި ޢުމުރުގައި ހިތާމަކުރަންޖެހޭނެއެވެ.

- ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން  

މިދަރުސް ދެއްވަމުން ޑރ. ޔާސިރު ޤާޟީ ކީރިތި ކުރެއްވިއެވެ. ކީރިތިކުރައްވަމުން ކުރެއްވި ސުވާލަކީ "މައިންބަފައިން ރޮއްވާފަ ސުވަރުގެވަދެވޭނެ ކަމަށް ހީކުރަނީހެއްޔެވެ؟" ވީމާ މިއީ ހަމަ ކޮންމެ މީހަކުވެސް ވިސްނައިލުން މުހިންމު ކަމެކެވެ.  

މައިންބަފައިން ދެރަވިޔަސް އަދި ރުޅިއަޔަސް ކުރަންޖެހޭނެ އޮތީ އެންމެ ކަމެކެވެ. އެއީ ﷲ ތަޢާލާގެ މަގުގައި ކުރަންޖެހޭ ކަންކަމެވެ. މިމައްސަލަ ކުރިމަތިވާނީ މައިންބަފައިންނަކީ ކާފިރުން ކަމުގައިވާނަމައެވެ. ވީމާ އަހުރެމެން މުސްލިމުންގެ ތެރެއަކު މިމައްސަލައެއް ނުއޮންނާނެއެވެ. އަދި ކިއެއްތަ؟ ދަރިން ﷲ ތަޢާލާގެ މަގުގައި ކަންކަން ކުރާނަމަ މައިންބަފައިންނަށް ލިބޭ އުފާވެރިކަން ދާނީވެސް އިތުރުވަމުންނެވެ.

 

މިއަދު އޮންލައިން