އިޚްލާޞްތެރިކަމާއެކު ފަރުޟް 5 ނަމާދުކުރާމީހަކު ނިކަމެތިވާން ދޫކޮށެއް ނުލައްވަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 10ސ
އިޚްލާޞްތެރިކަމާއެކު ފަރުޟް 5 ނަމާދުކުރާމީހަކު ނިކަމެތިވާން ދޫކޮށެއް ނުލައްވަވާނެ! އިން ޝާ ﷲ

ﷲ ތަޢާލާގެ ޙަޟްރަތަށް ކިޔަމަންތެރިކަން އަދާކުރަން ކުރަންޖެހޭ ފުރަތަމަ ކަމަކީ ބަރާބަރަށް ފަރުޟް 5 ނަމާދުކުރުމެވެ. އިޚްލާޞްތެރިކަމާއިއެކުގައެވެ. ސުވާލަކީ އެކަމަށް ސަމާލުކަން ދެވެނީ ކިހައި މިންވަރަކަށް ހެއްޔެވެ؟

ވިސްނައިލާށެވެ! ތިބާއަށް ނިކަމެތިކަމެއް ލިބިއްޖެނަމަ އެކަމުގައި ތިބާ ޢާއިއެކު ބައިވެރިވާނީ ވަރަށް މަދުމީހެކެވެ. ސަތޭކައަކުން މީހެއްކަން މިދަނީ ފެންނަމުންނެވެ. ހިތާމައާއި ހިތްދަތިކަމުގެ ވަގުތުގައިވެސް ﷲ ތަޢާލާ ތިބާ ދޫކޮށެއް ނުލައްވަވާނެތެވެ. އެހީތެރިވެވޮޑިގެން ތިބާއަށް ބޭނުން ޖެހިފައިވާ ކަންކަން ފުއްދަވައިދެއްވަވަތެވެ.

ވީމާ އެމީހުން ރުއްސަން ﷲ ތަޢާލާއަށް ދޭންޖެހޭ ސަމާލުކަން ނުދީ ހުންނަން ހެޔޮވެދާނެހެއްޔެވެ؟ ދިރިއުޅުމުގައި ކުރަންޖެހޭ މަސައްކަތް ކިތަންމެ މުހިންމު ނަމަވެސް ނަމާދަށްވުރެ އިސްކަން ނުދޭށެވެ! ސުވަރުގެ ލިބުމުގެ ތަޅުދަނޑިއަކީ ﷲ ތަޢާލާއަށް އީމާންވުމެވެ. ސުވަރުގެގޭގެ ދޮރުކޮޅުތައް ތިބާއަށްޓަކައި ހުޅުވިގެންދިއުމުގެ ބާރަކީ ނަމާދެވެ! ވީމާ ކޮންމެ ޙާލަތެއްގައި ނަމަވެސް ނަމާދުވަގުތުޖެހުމުން ނަމާދުކުރަން އިސްކަންދޭށެވެ! އަދި އެކަމުން ލިބެން އޮތް އެންމެ ގިނަ ސަވާބު ލިބިގަތުމަށްޓަކައި ޖަމާއަތުގައި ނަމާދުކުރުން އާދަކުރާށެވެ! ސުވަރުގެ އެދޭމީހުންގެ ކިބައި އެންމެ ބޮޑަށް ހަރުލައްވަން ޖެހޭނެ ސިފައަކީ އެއީއެވެ!

ކަނޑުދަތުރުކުރާއިރު މޫސުން ރަނގަޅު ކަނޑުމަތި އަމާން އޮމާން ދުވަސްތަކުގައި ދަތުރުކުރަމުންދާއިރު އެ ނިޢްމަތްތައް މިންވަރުކުރެއްވެވި ﷲ ތަޢާލާގެމަތިން ހަނދާނެއް ނުކުރެވެއެވެ. ނަމަވެސް ގަނޑުގަދަވެ ދަތުރުކުރަން އުނދަގޫވެއްޖެ ނަމަ ﷲ ތަޢާލާއަށް ދުޢާކުރެއެވެ.

އެހެން ކަންކަމުގައިވެސް މިފެންނަނީ ހަމަ އެފަދަ ގޮތެކެވެ. ތިމާއަށް ބޭނުންވާކަންކަން ހާޞިލުކުރެވި ސަލާމަތް ޞިއްހަތުގައި ހުރެވޭއިރު ﷲ ތައާލާގެމަތިން އޮންނަނީ ހަނދާން ނުކުރެވިފައެވެ. ނަމަވެސް ކިރިޔާވެސް ދަތިކަމެއް، ހިތްހަމަނުޖެހުމެއް މެދުވެރިވެއްޖެ ނަމަ ﷲ ތައާލާއަށް ދުޢާކުރަން އަވަސްވެގަނެއެވެ.

ﷲ ތަޢާލާއީ ރަޙްމާންވަންތަ ރަޙީމްވަންތަ ރަސްކަލާނގެ ކަމަށްވުމުން ކޮންމެ ޙާލަތެއްގައި ވެސް މީސްތަކުން ކުރާ ދުޢާ ޢިޖާބަކުރައްވަވަތެވެ. އެއީވެސް އެކަމުން ޢިބްރަތް ޙާޞިލުކޮށް ޢަމަލުތައް އިޞްލާޙްކޮށް ތައުބާވުމަށް ދެއްވަވާ ފުރުޞަތު ކަމުގައި ޤަބޫލުކުރާށެވެ! ބުއްދިވެރިންނަކީ އެފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފާމީހުންނެވެ.

ތިމާއެދޭގޮތަށް ކަންކަންވުމަށް އެދުންވެރިވާމީހާ ﷲ ތަޢާލާގެ ރަޙްމަތުގައި ހުންނައިރު ދުޢާކުރުން ގިނަކުރާށެވެ! ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބޭނީ އެއިރުންނެވެ. ކަން މިހެން އޮތް ނަމަވެސް ރަޙްމަތުގައި ހުރެވޭއިރު ގިނަ ބައަކަށް އޮންނަނީ ﷲ ތަޢާލާގެ ޙައްޤުތަކަށްވުރެ އެކުގައި އުޅޭ މީހުންނަށް ދެވޭ ސަމާލުކަން އިތުރުކުރެވިފައެވެ. ނަމާދުވަގުތު ޖެހުމުން ނަމާދަށް އަވަސްވެގަތުމުގެ ބަދަލުގައިވެސް އެމީހުންނާއިއެކު އެބަ ވަގުތު ހޭދަކުރެއެވެ.

މީސްތަކުންނޭވެ! އިޚްލާޞްތެރިކަމާއިއެކު ފަރުޟް 5 ނަމާދުކުރަމުން ގެންދާށެވެ! އެމީހަކު ނިކަމެތިވެ ދަތިޙާލުގައި އުޅޭކަށް ދޫކޮށެއް ނުލައްވަވާނެތެވެ. އިމްތިޙާންތައް ކުރިމަތިކުރައްވަވާނެތެވެ. ނަމަވެސް އަރައިގަނެވޭނެ މަގެއް ދައްކަވާނެތެވެ. އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން