ކަންކަން ދިމާވުމުން ލަފާ ހޯދަން ގިނަ ބއަކަށް ޢަމަލުކުރެވެނީ މުސްލިމުން އެކަންކުރަން އޮންނަ ގޮތަކަށް ނޫނެވެ. ނަތީޖާޢެއްގެ ގޮތުން ލަފާހޯދެނީ މުސްލިމުން ޢަމަލުކޮށްގެން ނުވާނެ ގޮތްގޮތަށް ކަންކަން ކުރުމަށެވެ. އެހެން އެވަނީ ލަފާހޯދަން ގޮސްގެންނުވާނެ މީހުންގެ ގާތަށްގޮސް ލަފާހޯދޭތީއެވެ.
މިޘާލަކަށް ކަމެއް ކުރިމަތިވެގެން ލަފާހޯދަން ދިއުމުން ކޮންމެވެސް ބާވަތެއްގެ މޭވާއެއް ހަތްފޮތިކޮށްފައި ކޮންމެ ފޮތްޗަކަށް އަލްޙަމްދު ކިޔަވައި ފުމެގެން އެއްފަހަރާ 7 ފޮތިކާންބުނެފާނެއެވެ. އެއްގޮތަކަށްވެސް އެފަދަ ކަންކަން ޤަބޫލުނުކުރާށެވެ! މިބާވަތުގެ އެއްވެސް ކަމެއް ރަސޫލް (ﷺ) ކުރައްވަވާފައެއް ނުވެއެވެ. އަދި އެފަދަ ކަމެއް ކުރަން އިރުޝާދުދެއްވަވާފައެއްވެސް ނުވެއެވެ. ވީމާ މިފދަ ކޮންކަމަކީ ބިދުޢައެކެވެ. އެކަންކުރުމުން އެދެވެނީ އިސްލާމް ދީނާއި ދުރަށެވެ! އެ ލެނބެވެނީ ޝައިޠޯނާގެ ފަރާތަށެވެ!
ކަންބޮޑުވާންޖެހޭ އެއްވެސް ކަމެއް މެދުވެރިވެއްޖެނަމަ ކަންނެތްވެ ނިދަން ނޯވެ އެނދުން ތެދުވެ ވުޟޫކޮށް ދަމުނަމާދުކުރާށެވެ! ކުރެވުނުހައި ގިނައިން އިސްތިޣްފާރުކުރާށެވެ! އެކަމެއް ހިންމަވައިދެއްވެވުން އެދި ﷲ ތަޢާލާއަށް ދަންނަވާށެވެ! ޤުރްއާން ކިޔެވުން ގިނަކުރާށެވެ! ފަރުޟު 5 ނަމާދާއި ސުންނަތް ނަމާދުތައް ކުރުމުގައި ސާބިތުވާށެވެ! ޞަދަޤާތްކުރުން ގިނަކުރާށެވެ!
ސުންނަތުގަ އޮތްގޮތް ބަލަންވީ އަޅުކަންކުރުމުގަ އެކަންޏެއް ނޫނެވެ! ދިރިއުޅުމުގެ ކޮންމެ ކަމެއްގައެވެ. ޢާއިލީ މައްސަލަތަކުގައިވެސްމެއެވެ. އެހެނީ ﷲ ތަޢާލާ އެންމެ ރުހިވޮޑިގަންނަވާ އިންސާނަކީ ރަސޫލް (ﷺ) އެވެ.
ވީމާ ޤުރްއާނުގައި ފެންނަން ނެތް ކޮންމެ ކަމެއްގައި ސުންނަތުގައި އޮތްގޮތް ބަލާށެވެ! ރަސޫލް (ﷺ) ކޮންމެ ކަމެއްވެސް ކުރައްވަވާފައިވާނީ ﷲ ތަޢާލާ އެންމެ ބޮޑަށް ރުހިވޮޑިގަންނަވާނެ ގޮތަށެވެ.
ކޮންމެ ކަމަކަށް ބޭނުންވިޔަސް ޤުރްއާނާއި ސުންނަތުގައިވާ މަގުން ޢަމަލުކުރަން މަސައްކަތްކުރާށެވެ! އެކަމެއް ﷲ ތަޢާލާ ހިންމަވައިދެއްވަވާނެތެވެ! އިން ޝާ ﷲ
--މުފްތީ މެންކުގެ ދަރުސަކުން