އުޚުތުންނަށް!: ކިތަންމެ ބޮޑަށް ލޯބިވީނަމަވެސް ޙަޤީޤަތް ނުބަލައި ކައިވެނިނުކުރާށެވެ! ކައިވެނިނުކޮށް މައިންބަފައިންނާއި ވަކިވެގެން ނުދާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 53ސ
އުޚުތުންނަށް!: ކިތަންމެ ބޮޑަށް ލޯބިވީނަމަވެސް ޙަޤީޤަތް ނުބަލައި ކައިވެނިނުކުރާށެވެ! ކައިވެނިނުކޮށް މައިންބަފައިންނާއި ވަކިވެގެން ނުދާށެވެ!

އަޅުގަނޑުމެންގެ ތިބީ 3 ފިރިހެންކުދިންނާއި 2 އަންހެން ކުދިންނެވެ. އެންމެ ހަގަށް ލިބިފައިހުރީ އަންހެން ކުއްޖެކެވެ. ގޭދޮށު ފިހާރައެއްގެ ސޭޓަކަށް އުޅުނު ބޭރުމީހަކާއި ގުޅި ރާއްޖެ ދޫކޮށް ފިލައިގެންގޮސް 5 އަހަރު އުޅެފައި އެނބުރި އައީ 2 ދަރިން ގޮވައިގެންނެވެ. އައިއިރު ހުރީ އެމީހާ ކުރި އަނިޔާތަކުގެ ސަބަބުން ޖިސްމާނީ ގޮތުންވެސް ވަރަށް ބަލި ޙާލުގައެވެ. ދަރިފުޅު ބުނީ އެގޮތަށް ކަންތައް ކުރެވުނީ އޭނާ ދެއްކި ހުވަފެންތައް ޤަބޫލުކުރެވިގެންކަމަށެވެ.  

މާފަށް އެދި ރޮއި އާދޭސްކުރީމާ ދަރިއެއް ވީމާ ގެއަށް ނުވައްދައެއް ނުކެރުނެވެ. ބޭސްކޮށްނުދީ ވާނެ ގޮތެއްވާން ދޫކޮށްލާކަށްވެސް ނުކެރުނެވެ. ގެނައި 2 ދަރިންނަށް އަޅާނުލައި ދޫކޮށްލާކަށްވެސް ނުކެރުނެވެ.  

މިވާހަކަ މިއަދުނޫހަށް ޙިއްޞާކޮށްލަން ބޭނުންވީ މިއަދުނޫސް މެދުވެރިކޮށް އަންހެން ދަރިންގެ ގާތުގައި ވާހަކައެއް ބުނެލަންވެގެންނެވެ. އެވާހަކައަކީ ދޭސީއަކަސް ބިދޭސީއަކަސް އެމީހުންގެ އަވާގައި ޖެހި ގޮތް ނުއެނގޭ މީހުންނާއި ގުޅި މައިންބަފައިން ދޫކޮށްލާފައި ނުދާށެވެ! ތިއަ ދަރިން ކައިވެނިކުރަންދެން ތިއަ ދަރިންގެ ބެލެނިވެރިކަން ﷲ ޙަވާލުކުރައްވަވާފައިވަނީ މައިންބަފައިންނާއިއެވެ. އެކަން އެގޮތަށް ނިންމަވާފައި އެވަނީ ﷲ އެވެ. ވީމާ ﷲ އަންގަވާފައިވާ ގޮތަސްވުރެ މޮޅު ގޮތް ހޯދޭނެ ކަމަށް ހީވެސް ނުކުރާށެވެ!  

ކިޔުންތެރިޔާފާހަގަކުރައްވާފައިއެވާ މައްސަލައަކީ މިއަދުނޫހުން ކިޔުންތެރިންގެ ސަމާލުކަމަށް ވަރަށް ގިނައިން ގެނެސްދެވިފައިވާ މައްސަލައެކެވެ. ތިރީގައި އެވަނީވެސް އެގޮތުން ޝާއިޢުކުރި ލިޔުމެކެވެ. ވަރަށް ޢިބްރަތްތެރި ވާހަކައެކެވެ. އުންމީދުކުރަނީ ކޮންމެވެސް ބައަކަށް ހޭލުންތެރިކަން ލިބޭނެ ކަމަށެވެ.  

އިންސާނުންގެ ދިރިއުޅުން ބަދަލުވެއްޖެއެވެ. ކުރަން ބޭނުންވާ ކަންކަން ގިނަވެއްޖެއެވެ. ކުރަންބޭނުންވާ ކޮންމެކަމެއް ކުރުމަކީ މިނިވަންކަން ކަމުގައިވެއްޖެއެވެ. ނުކުރެވިއްޖެނަމަ އެއީ އަޅުވެތިކަން ކަމުގައި ދެކެވެން ފަށައިފިއެވެ.  

ނަމަވެސް ޙަޤީޤީ އަޅުވެތިކަމަކީ ކޮބައިކަން އެނގޭހެއްޔެވެ؟ ކުޑަ ވާހަކައެއް ކިޔައިދޭނަމެވެ.  

ސާރާއަށް އަޙްމަދުފެނުނު ވަގުތު ފުރަތަމަވެސް ޤަބޫލުކުރެވުނީ އަޙްމަދަކީ އޭނާގެ ޙަޔާތުގެ ބައިވެރިޔާކަމަށް ހަދަން އެންމެ އެކަށީގެންވާ މީހާ ކަމަށެވެ. ފިރިމީހާގެ ކިބައިން ފެނުމަށް ސާރާ އެދޭ ހުރިހާ ސިފަތަކެއް އަޙްމަދުގެ ކިބައިގައި އެބަހުރި ކަމަށެވެ. ސާރާ ލިބުމަށް އުންމީދުކުރާ ހުރިހާ އުފާވެރިކަމެއް އަޙްމަދުގެ ކިބައިން ލިބޭނެ ކަމަށެވެ.  

ސާރާ އަމިއްލައަށް އަޙްމަދަށް ލޯބިހުށަހެޅިއެވެ. އަޙްމަދަކީ ކޮންކަހަލަ މިޒާޖެއްގެ ކާކުކަންވެސް ބަލައިލުމެއް ނެތިއެވެ. އޭނާ ދިރިއުޅެން ކުރަނީ ކޮން މަސައްކަތެއްކަތާއި ނަމާދުކުރޭތޯ ވެސް ބަލައިލުމެއް ނެތިއެވެ.  

ސާރާ އާއި އަޙްމަދުގެ ގުޅުން ސާރާގެ މައިންބަފައިންނަށް އެނގުމުން އެކަމާއިދެކޮޅުހެދިއެވެ. އަޙްމަދަކީ އަޚްލާޤީ ގޮތުން ވަރަށް ދަށުދަރަޖައިގެ މީހެއްކަމާއި މަސްތުވާތަކެތީގެ ވިޔާފާރިކުރުމާ ގުޅުންހުރި މީހެއްކަމަށް ބުންޏެވެ. ނަމަވެސް އެ އަޑުތައް އަހަން ސާރާ ބޭނުމެއް ނުވިއެވެ. މައިންބަފައިން ދޫކޮށްލާފައި ގެއިން ނުކުމެގެން ގޮސް އަޙްމަދާއިއެކު ދިރިއުޅެން ފެށީއެވެ. ހަފްތާއެއްހައި ދުވަސްތެރޭ ކައިވެނިކުރާނެކަމަށް އަޙްމަދު ބުނި ބަސް ޤަބޫލުކޮށްގެންނެވެ. 

ކަންކަން މެދުވެރިވީ ވަރަށް ތަފާތުގޮތަކަށެވެ. ކައިވެނިކުރާ ދުވަހެއް ނައެވެ. އަޙްމަދު ސާރާ ބޭނުންކުރަނީ އަންތބެއްގެ ގޮތުގައެވެ. ނަތީޖާއަކަށްވީ ސާރާ ބަލިވެއިނުމެވެ. ބަނޑަށް 4 މަސްފުރުނުތަނާ މަސްތުވާތަކެތީގެ މައްސަލައެއްގައި އަޙްމަދު ބަންދުކޮށް 10 އަހަރުގެ ޖަލުޙުކުމެއް އިއްވައިފިއެވެ.  

އަހްމަދު އެއްވެސް ފައިސާއެއް ސާރާ އާއި ޙަވާލެއް ނުކުރެއެވެ. ސާރާއަށް ކައިބޮއިހެދޭނެ ގޮތެއްވެސް ނެތެވެ. މައިންބަފައިންގެ މޫނުގައި ކޮޅުފައިންޖެހިފައިވުމުން މައިންބަފައިން ގާތަށް ދިއުންވެސް އެއީ ކުރެވޭވަރުގެ ކަމަކަށް ނުވިއެވެ. ޚާއްޞަކޮށް ކައިވެނީގެ ބޭރުން ލިބިފައިވާ އަޙްމަދުގެ ދަރިއެއް ބަނޑުގައި އޮއްވައި ގެއަށް ދިއުމަކީ ސާރާއަށް ކުރަން ކުޅަދާނަ ކަމަކަށް ނުވިއެވެ. ނަމަވެސް ގެއަށް ނުގޮސް ކުރެވޭނެ އިތުރު އެއްވެސް ކަމެއް ނުވިސްނުނެވެ. ނަތީޖާއަކަށްވީ ކޮންމެފަދަ ޙާލަތެއް ކުރިމަތިވިނަމަވެސް ކެތްތެރިވާން ނިޔަތް ގަނެގެން ސާރާ އޭނާގެ މައިންބަފައިން ގާތަށް ދިއުމެވެ.  

ގޭގެފެންޑާމައްޗަށް އަރައި ރަނގަބީލު ޖެހިތަނާ ސާރާގެ މޫނުމައްޗަށް އަނދިރިވެ ވެއްޓުނީއެވެ. ދޮރޮހުޅުވީ މަންމައެވެ. މަންމައަށް ށާރާ ފެނުމާއިއެކު ރޯންފެށިއެވެ. މައިމީހާގެ ރުއިމަށް ކެތްނުކުރެވިގެން ބައްޕަ ވެސް އެންމެފަހުން ސާރާ އެހާލަތުގައި ވެސް ދަރިއެއްގެ ގޮތުގައި ޤަބޫލުކުރިއެވެ. އަދި ތައުބާލައިދީ އިޞްލާޙުކުރުވައިގެން ކުރިންވެސް ގެންގުޅުނު ފަދައިން ގޭގައި ގެންގުޅެން ފެށިއެވެ.  

ތެދެކެވެ. މިޒަމާނުގެ ޑިމޮކްރަސީގައި ބޮޑުވުމުން ބޭނުން ގޮތަކަށް އުޅުމުގެ މިނިވަންކަން ކުދިންނަށް ލިބެއެވެ. އެއީ އެކުއްޖެއްގެ އަމިއްލަ މިނިވަންކަމެވެ. ބެހެވިގެންވެސް ނުވާނެއެވެ! އަހަރެންގެ ސުވާލަކީ ސާރާއަށް ދިމާވިފަދަ ހާލަތު އެތައް މިލިއަން އަންހެން ކުދިންނަށް ދިމާވަމުން އަންނައިރު އެމީހުންނަށް ޙައްޤުތަކާއި މިނިވަންކަން ދިން ޑިމޮކްރސީކޮބައިހެއްޔެވެ؟ ޙައްޤުތަކަށް ވަކާލާތުކުރާ ޖަމިއްޔާތަކުން ފޯރުކޮށްދެނީ ކޮން އެހީތެރިކަމެއް ހެއްޔެވެ؟  

އިބްނު ޘައިމިއްޔާ ވިދާޅުވެފައިވެއެވެ. ޙަޤީޤީ އަޅުވެތިކަމުގައި އުޅޭބައަކީ އެބައިމީހުންގެ ހިތްތައް ﷲ ތަޢާލާ އާއި ދުރުވެތިކޮށްގެން އުޅޭ މީހުންނެވެ. އަދި އެމީހާގެ ބޭނުންތައް އެމީހާ އަޅުވެތިކޮށްފައިވާ މީހުންނެވެ.  

ސާރާގެ ވާހަކައިންވެސް އެނގިގެންދަނީ އެބަސްފުޅުގެ ތެދުކަމެވެ. ސާރާއަށް އޭނާގެ ހިތް ﷲ ތަޢާލާ އާއި ދުރުހެލިކުރެވުނީއެވެ. އޭނާގެ ހިތުގެ އެދުންތައް އޭނާ އަޅުވެތިކުރީއެވެ. ލޯބިވުން ފަދަ ކިތަންމެ ރީތި ނަމެއް ކީނަމަވެސް ޙަޤީޤަތަކީ އެއީއެވެ.  

ލޮބުވެތިކަނބަލުންނޭވެ! ތިއަ ކަނބަލުންނަށް އިސްލާމް ދީނުގައި ދީފައިވާ ޙިމާޔަތާއި ރައްކައުތެރިކަން ދޫކޮށްނުލާށެވެ! ލޯބީގެ ނަމުގައި ތެޅިފޮޅި ނުގަންނާށެވެ! ﷲ ތަޢާލާ ދެކެ ލޯބިވާށެވެ! ﷲ ތަޢާލާ ދެއްވަވާފައިވާ މިނިވަންކަމާއި ޙައްޤުތަކަށްވުރެ އިތުރަށް ލިބިގަންނަން މަސއްކަތްނުކުރާށެވެ! މުސްލިމުން ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރަންވީ ވަކި ޤައުމެއްގައި ދިރިއުޅޭތީއެއް ނޫނެވެ. އިނގިޜޭސިވިލާތުގައި ނަމަވެސް އެމެރިކާގައި ނަމަވެސް އަދި އެހެން ޤައުމެއްގައި ނަމަވެސް މުސްލިމުން އުޅެންވީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށެވެ!  

ސާރާއަށް ކުރިމަތިވި ޙާލަތު ފަދަ ކަންކަމުން ޢިބްރަތް ޙާޞިލުކުރާށެވެ! ލޯބިވާންވީ ﷲ ތަޢާލާ ދެކެއެވެ. ޢަމަލުކުރަންވީ ﷲ ތަޢާލާ އެންގެވި ގޮތަށެވެ! ތިބާ ބޭނުންވާ ދުނިޔަވީ ލޯބި ލިބުންވެސް ވަނީ އެއިރުންނެވެ.

 

- ލަވް އިސްލާމްގެ ދަރުސަކުން

މިއަދު އޮންލައިން