އެންމެ ނުރައްކާތެރިބައަކީ ޅިޔަނުންނާ ފަހަރިން ކަމަށް އޮއްވައި އަޚުންނާ އުޚުތުންގެ ނުރައްކާ މާބޮޑުވަމުން އަންނައިރު ހަމައެކަކަށްވެސް އިމެއްނެތި އިތުބާރު ނުކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 10ސ
އެންމެ ނުރައްކާތެރިބައަކީ ޅިޔަނުންނާ ފަހަރިން ކަމަށް އޮއްވައި އަޚުންނާ އުޚުތުންގެ ނުރައްކާ މާބޮޑުވަމުން އަންނައިރު ހަމައެކަކަށްވެސް އިމެއްނެތި އިތުބާރު ނުކުރާށެވެ!

ކޮންމެ މީހަކަށްވެސް ހެޔޮކޮށް ހިތައި އަދި އެހީތެރިވެދެވެން އޮންނަ ކަންކަމުގައި އެހީތެރިވެދިނުމަކީ އަހުރެމެން ކޮންމެ މީހަކުވެސް ކުރަންޖެހޭ ކަމެކެވެ. އެކަމުން ކުރާނެ ފައިދާތައް ވަރަށް ގިނަކަމެކެވެ. ތިމާގެ ދުނިޔަވީ ހަޔާތަށްވެސް އަދި އުޚުރަވީ ޙަޔާތައްވެސް އެކަމުގެ ފައިދާ ކުރާނެއެވެ.

އެހެންކަމާއިއެކުވެސް އިންތަކެއް ގެންގުޅެންވާނެއެވެ. ތިބާގެ ހެޔޮކަން ބޮޑުވުމުން އެކަމުގެ ފައިދާ ނަގައި ތިބާ އަރަންގެންގޫޅޭ ފައިވާނަށް އަރައިގެން ދިއުމުން ހުސްފަޔާ ތިބާއަށް ހިނގަންޖެހޭނެ މިންވަރަށް ހެޔޮވުމަކީ މައްސަލައެކެވެ. މިބުނަނީ އެމީހަކު ކޮންމެ ކަމެއް ކުރިނަމަވެސް ތިބާ އަޅައިނުލާނެ ކަމަށް އަނެކާއަށް ވިސްނޭވަރަށް ދީލަތިނުވާށެވެ.

ގިނަ ބައެއްގެ މިޒާޖު ބަދަލުވެއްޖެއެވެ. ތިމާއަށް ހެޔޮކޮށް ހިތާނަމަ އެމީހަކަށް ތިމާވެސް ހެޔޮކޮށް ހިތަންޖެހޭނެ ކަމަށް ޤަބޫލުކުރާ މީހުން މަދުވެއްޖެއެވެ. ތިމާއަށް އެހީތެރިވެދޭ މީހާއަށް އިޚްލާޞްތެރިވެ ތެދުވެރިވާންޖެހޭނެކަމަށް ޤަބޫލުކުރާ މީހުންވެސް މަދުވެއްޖެއެވެ. ވީމާ މިޙާލަތުގައި އޮތީ އަނެކާއާއިމެދު އިތުރަށް ސަމާލުކަން ދިނުމެވެ.

ނިކަން ވިސްނައިލަބަލާށެވެ! ތިބާ އެމީހަކަށް ހެޔޮކޮށް ހިތައި އިތުބާރުކޮށް ގެއަށްވައްދައި އުޅޭ މީހުންގެ ތެރެއިން ތިބާގެ ކަރުގައި ހިފާހެއްޔެވެ؟ ތިބާގެ ހިތް ކަތިލާ ހެއްޔެވެ؟ ބައިވެރިޔާ ޖަހައިނުގަނޭހެއްޔެވެ؟ ދެމަފިރިންގެ މެދުގައި ފިތުނަ ނުއުފައްދުވާ ހެއްޔެވެ؟ ފުރުޞަތު ލިބިއްޖެނަމަ ދަރިންގެ ޢިއްފަތްތެރިކަމަށް އަރައިނުގަނޭހެއްޔެވެ؟

މިފަދަ ކަންކަން ކޮންމެ ދުވަހަކުހެން އެތައް ބައަކަށް މެދުވެރިވަމުން އަންނައިރު އެކަންކަމަށް ހޭލުންތެރިނުވެ ހުއްޓައި ދެރައެއް ލިބުމުން ކިތަންމެ ބޮޑަށް އަނެކާ ކުށްވެރިކުރިއްޔާ ނުވަތަ ރުޅިއަޔަސް އެކަމުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ ލިބެންވީ ގެއްލުން އޮންނާނީ ލިބި ނިމިފައި ނޫންހެއްޔެވެ؟

އިލްތިމާސްކުރަން ބޭނުންވަނީ މީހުންނަށް ހެޔޮކޮށް ނުހިތުމަށާއި އެހީތެރިނުވުމަކަށް ނޫނެވެ. އިލްތިމާސްކުރަން ބޭނުންވަނީ ކޮންމެ މީހަކަށްވެސް ވަކިވަރަކަށް އިތުބާރުކުރުމަށާއި ގުޅުންތައް އިންތަކެއްގެ ތެރޭގައި ބޭއްވުމަށެވެ. ވީމާ އެންމެންވެސް ބައިތިއްބަންވާނީ އެމީހަކު އަތްދަމާލިޔަސް ތިބާއާއި ހަމައަށް ނުފޯރުވޭނެ ހިސާދުގައެވެ.

އަހުރެމެންގެ ދީނަށް ބަލާށެވެ! ޅިޔަން ފަހަރިންނަކީ ހަމަ އަޚުންނާއި އުޚުތުން ނޫންހެއްޔެވެ؟ ނަމަވެސް އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭ މީހުންގެ ތެރޭގައި ޅިޔަން ފަހަރިން އެއޮތީ ސަބަބެއް އޮތުމުންނެވެ. މިއަދުގެ ޙާލަތު މިވަނީ ޝައިޠޯނާގެ މަގުގައި މާބޮޑަށް ކުރިއަރައިފައެވެ. ނަތީޖާއަކީ ބައެއް ފަހަރު ޅިޔަން ފަހަރިންނަށްވުރެ ތިމާގެ އަމިއްލަ އަޚުންނާއި އުޚުތުންގެ ކިބައިން ލިބޭ އަނިޔާ މާބޮޑުވުމެވެ. ލިބޭ ހިތްދަތިކަން މާބޮޑުވުމެވެ. މިހުރީ ހަމަ ހައްތާވެސް ޢިބްރަތް ޙާޞިލުކުރަންޖެހިފައިވާ ކަންކަމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން