ޒިނޭކުރެވުނީތީ ވީދެރައިން ވިސްނާ ނުލައި ނަރަކައަށް ފުންމާލެވެން އުޅުނު ޒުވާނަކަށް އެކަމުން ސަލާމަތްވެވުނު ގޮތުގެ ވާހަކަ- ދަސްކޮށް ޢަމަލުކުރަންޖެހޭ ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 6ސ
ޒިނޭކުރެވުނީތީ ވީދެރައިން ވިސްނާ ނުލައި ނަރަކައަށް ފުންމާލެވެން އުޅުނު ޒުވާނަކަށް އެކަމުން ސަލާމަތްވެވުނު ގޮތުގެ ވާހަކަ- ދަސްކޮށް ޢަމަލުކުރަންޖެހޭ ފިލާވަޅެއް!

އެއްރޭ ދަންވަރު އަހަރެންނަށް ޒުވާނަކު ގުޅިއެވެ. ގުޅާފައި ބުނީ ޒިނޭކުރެވިއްޖެ ކަމަށާއި އެކަމުގެ ސަބަބުން ލިބުނު މާޔޫސްކަމުގެ ސަބަބުން ދުނިޔޭގައި އުޅެން ބޭނުން ނޫން ކަމަށެވެ. އެއިރު އޭނާ ހުރީ ދަންޖެހެން ވައުގަނޑެއްވެސް އެލުވައިގެންކަމަށްވެސް ބުންޏެވެ. އަދި މިގުޅީ އޭނާ ދަންޖެހިމަރުވުމުން އެކަމުގެ ތުހުމަތު އެހެން ބައެއްގެ ބޮލުގައި އެޅުވުމުން ސަލާމަތްވުމަށް ކަމަށްވެސް ބުންޏެވެ.   

އަހުރެން ވިސްނައިދިނީމެވެ. ތިއަވައުގަނޑަކީ މަރުވަން އެލިގަންނަ ވައުގަނޑަކަށް ނުހަދައި ތިބާއަށް ކުރެވުނު ފާފަތަކުން އަރައިގަނެ ދެން ފާފަނުކުރަން ހިފާ ވައުގަނޑެއް ކަމުގައި ހަދާށެވެ. އަހުރެން ހަނދާންކޮށްދިނީމެވެ. ފާފައެއް ކުރެވިގެން ތައުބާވުމަށް އެދޭއިރަށް އެމީހެއްގެ ފާފަ ވަޤުތުން ފުއްސަވައި ދެއްވަވާނެ ކަމަށާއި ގިނަގިނައިން ތައުބާވާ މީހުންގެ ދަރަޖަ މަތިވެރިކުރައްވަވާނެކަމަށް ކީރިތި ޤުރްއާނުގައި އޮތް ބަސްފުޅެވެ. 

އަހުރެން ވިސްނައިދިނީމެވެ. ތިބާގެ ހިތުގައި ﷲ ތަޢާލާއަށް ލަދުވެތިކަމާއި ބިރުވެތިކަން ތިއަވަރަށް އޮވެ އަމިއްލައަށް މަރުވެއްޖެނަމަ އެކުރެވެނީ މާބޮޑު ފާފައެކެވެ. ކުރިން ތިއަކުރެވުނު ފާފައަށްވުރެ މާބިރުވެރި އަދި މާނުރައްކައުތެރި ފާފައެކެވެ. ތިއަ ކުރެވެނީ ދާއިމަށް ނަރަކައިގައި ދަންޖެހި، ދަންޖެހި އޮންނަންޖެހިދާނެ ކަމުގެ ބިރު އޮތް ފާފައެކެވެ. ޒިނޭކުރެވުމަކީ ބިރުވެތިވެ އިޚްލާޞްތެރިކަމާއިއެކު ތައުބާވުމުން ފުއްސަވައިދެއްވަވާނެ ފާފައެކެވެ. އިން ޝާ ﷲ

އޭނާ އަހުރެންގެ ނަޞޭޙަތް ޤަބޫލުކުރިއެވެ. މިއަދު އޭނާއަކީ ކައިވެނިކޮށް އަނބިދަރިންނާއިއެކު އުފާވެރި ދިރިއުޅުމެއް އުޅެމުން އަންނަ ޒުވާނެކެވެ. ނުހަނު ތަޤްވާވެރި ޒުވާނެކެވެ. 

މިވާގޮތަކީ ފާފަކުރުވަންވީމާ އިބިލީސް ބުނާނެއެވެ. "އެންމެ ފަހަރަކަށް ނޫންހެއްޔެވެ؟ އުފާކޮށްލާށެވެ! ތައުބާވީމާ ފާފަ ފުއްސަވައިދެއްވަވާނެތެވެ." ފާފަކުރެވޭއިރަށް ބުނާނެއެވެ. "ކަލޭ ތިއަކުރީ ބޮޑުފާފައެކެވެ. ކަލޭގެ ފާފަ ނުފުއްސަވާނެތެވެ." އިބިލީހުގެ މިމަޅީގައި އަހަރެމެންނަށް ޖެހެވެނީއެވެ. 

ﷲ ތަޢާލާ ބައްލަވައި ވޮޑިގެންވަނީ ކުރެވުނު ފާފައިގެ ބޮޑުކުޑަމިނަކަށް ނޫނެވެ. ތައުބާވުމަށެވެ. ފާފަފުއްސަވައިދެއްވެވުން އެދި ދަންނަވާއިރަށް ފާފަފުއްސަވައި ދެއްވަވާނެތެވެ. މުޅި ކައުނު ފުރޭހައި ގިނައިން ފާފަތައް ކުރެވިފައިވީނަމަވެސް ތައުބާވެ ﷲ ތަޢާޅާގެ މަގަށް އެނބުރި ރުޖޫޢަވުމުން ފާފަތައް ފުއްސަވައިދެއްވަވާނެކަމަށް ވަޙީކުރައްވަވާފައި އެއޮތީ އެހެންވެގެންނެވެ.

ކިތަންމެ ފުން، ކިތަންމެ ބިރުވެރި، ދަތި އުނދަގޫ އަނދަވަޅަކަށް މީހާ ވެއްޓުނު ކަމުގައިވީނަމަވެސް އަރައިގަނެވޭނެ ހަރުގަނޑެއް ﷲ ތަޢާލާ ދެއްވަވާނެތެވެ. ކުރަން އޮތް ކަމަކީ ﷲ ތަޢާލާގެ ރަޙްމަތުން އުންމީދު ކަނޑާނުލައި ދުޢާކުރިވަރަކަށް ދާނީ އަރަން މަގުފަހިވަމުންނެވެ. 

އެހެންވީމާ އަހުރެންގެ ނަޞޭޙަތަކީ ކިތަންމެ ގިނައިން ފާފަތައް ކުރެވިފައިވީނަމަވެސް އަވަހަށް ތައުބާވުމެވެ. ކުރެވުނު ފާފަތައް ފުއްސަވައިދެއްވެވުން އެދި ދުޢާކުރުމެވެ. އެމަގުން ޢަމަލުކުރި ހަމަ އެކަކުވެސް މާޔޫސް ނުކުރައްވަވާނެތެވެ. އިން ޝާ ﷲ

 

- ޝައިޚް މާޖިދް މަޙްމޫދުގެ ދަރުސަކުން

މިއަދު އޮންލައިން