އެދެމަފިރިންގެ ނުވަތަ ދެމަފިރިންގެ ތެރެއިން މީހެއްގެ ނުބައި ވާހަކަ ދައްކައި ފާފަވެރިވާ ގިނަމީހުން އެމީހުންނަށްވުރެ މާނުބައި! ފުރަތަމަ އިޞްލާޙްވާންވީ ތިމާ ނޫންތަ؟: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 42ސ
އެދެމަފިރިންގެ ނުވަތަ ދެމަފިރިންގެ ތެރެއިން މީހެއްގެ ނުބައި ވާހަކަ ދައްކައި ފާފަވެރިވާ ގިނަމީހުން އެމީހުންނަށްވުރެ މާނުބައި! ފުރަތަމަ އިޞްލާޙްވާންވީ ތިމާ ނޫންތަ؟: މުފްތީ މެންކް

ވަރަށް ގިނަ ބައަކު ކުރާ ކަމަކުން ފަށާނަމެވެ. ބައްދަލުވުންތަކުގައި އެންމެ ގިނައިން ދެކެވޭ އެއްވާހަކައަކީ މިވެނި މީހެއްގެ ފިރިމީހާ ޢާއިލާއަށް އަޅައިނުލާވހަކައެވެ. މިވެނިމީހެއްގެ އަނބިމީހާ މިވެނިކަމެއް ކުރިކަމުގެ ވާހަކައެވެ.

މިފަދަ ވާހަކަތައް ދައްކާއިރު ގިނަ ފަހަރު އެވާހަކަދައްކާ މީހާގެ ނުބައިކަން މާބޮޑެވެ. މާގިނަ ނުބައި ކަންތައްތައް ކުރެއެވެ. ވީއިރު އަނެކާގެ ވާހަކަދައްކައިގެން ފާފަވެރިވުމުގެ ބަދަލުގައި ތިމާއަށް ކުރެވޭ ނުބައިކަންކަން އިޞްލާޙްކޮށް ތިމާ ފާފަވެރިވުމުން ސަލާމަތްވެހުރުން މާމުހިންމު ނޫންހެއްޔެވެ؟ އެކަމުން ލިބޭނެ ފައިދާވެސް މާބޮޑުވާނެ ނޫން ހެއްޔެވެ؟

މީހުންގެ ވާހަކަ ދެއްކިދާނެއެވެ. އެއީ އެއްވެސް މައްސަލައެއް ނޫނެވެ. ނަމަވެސް ދައްކަންޖެހޭނީ އެމީހުންކޮށްފައި ހުންނަ ރަނގަޅުކަންކަމުގެ ވާހަކަތަކެވެ. އެމީހުންގެ ޒާތީ ކަންކަމުގެ ވާހަކައާއި އެމީހުންނަށް ކުރެވިފައި ހުންނަ ނުބައިކަންކަމުގެ ވާހަކަ ދެއްކުން އިސްލާމް ދީން ހުއްދައެއް ނުކުރެއެވެ. އެއީ މަނާކުރެވިގެންވާ ކަމެކެވެ. ޢަޖާބު ލިބޭނެ ފާފައެކެވެ.

މައްސަލައަކަށްވެގެން މިއުޅެނީ މީސްތަކުން ކޮށްފައި ހުންނަ ރަނގަޅު ކަންކަމުގެ ވާހަކަތައް ނުދައްކާކަމެވެ. 100 ކަންތައް ރަނގަޅަށް ކުރިނަމަވެސް އެކަންކަމުގެ ވާހަކަތަކެއް ނުދައްކާކަމެވެ. ނަމަވެސް ހަމަ އެންމެ ކަމެއް ނަމަވެސް ނުބައިކޮށްކުރެވިއްޖެ ނަމަ ހުއްޓުމެއް ނެތި އެކަމުގެ ވާހަކަތައް ދައްކާކަމެވެ.

އެއްވެސް މީހެއްގެ ކުރިމަތީގައި ދައްކަން ނުކުރޭނެ ވާހަކަތައް އެމީހަކު ނެތް ތަންތަނުގައި ދެއްކުމަކީ ހަމަ ބޮޑުވެގެންވާ ފާފައެކެވެ. ނެތިމޮށުންކަމުގައި މާނަކުރެވެނީ މިބާވަތުގެ ވާހަކަތައް ދެއްކުމަށެވެ.

އެހެނަސް ދެމީހަކު ބައްދަލުވެއްޖެ ނަމަ މިއަދު އެންމެ ގިނައިން ކުރާ އެއް ކަމަކީ ކޮންމެވެސް މީހެއްގެ ވާހަކަ ދެއްކުމެވެ. ބައްދަލުނުވެ ފޯނުން ގުޅައިގެންވެސް ކުރާކަމަކީ އެއީއެވެ. ތިމާމެންގެ އަމިއްލަ ކަންކަމުގެ ވާހަކަ ދެއްކުމުގެ ބަދަލުގައި އެހެން ކޮންމެވެސް މީހެއްގެ ވާހަކަ ދެއްކުމެވެ. އެހެން ޢިބާރާތަކުންނަމަ ހެޔޮކަމެއްކޮށްގެން ޘަވާބު ނުހޯދިގެންއުޅޭތަނުގައި އިތުރަށް ފާފަވެރިވަމުންދަނީއެވެ. ވިސްނައި ބިރުވެތިވާން ނުވޭހެއްޔެވެ؟

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން