މިއީ އެކިމީހުން އެކި ގޮތަށް ވިސްނައި ބަސްބުނެފާނެ ކަމެކެވެ. އަހުރެން ބަސް މިބުނަނީ އަހުރެންގެ ވިސްނުމުންނެވެ.
ކޮންމެ ދެމަފިއަކުވެސް އަނެކާގެ ކިބައިން އެންމެ ބޮޑަށް ބޭނުންވާނެ ކަމަކީ ހިތަށް ނުތަނަވަސްކަން ލިބޭ ވަޤުތުތަކުގައި ހަމަޖެހުމާއި އުފާވެރިކަން ހޯދައިދޭން މަސައްކަތްކުރުމެވެ. މިކަމުގައި ދެމަފިރިންވެސް ހަމަހަމައެވެ. ނަމަވެސް ގިނަ ފިރިންނަށްވުރެ ގިނަ އަނބިން އެކަމަށް ބޮޑަށް ބޭނުންވާނެއެވެ.
އަނބިން ފިރިމީހާގެ ކިބައިން އެންމެ ބޮޑަށް ބޭނުންވާނެ ކަމަކީ އޭނާގެ ބޭނުންތައް ފުއްދައިދިނުނަ ކަމަށް ބުނެވޭ ބަހުގެ މާނައިގައިވެސް އެއީ ހަމައެކަނި ފައިސާކަމަށް ނިންމައިގެން ނުވާނެއެވެ. ޙިމާޔަތާއި ރައްކައުތެރިކަން ބޭނުންވާވަރު މާބޮޑުވީމައެވެ. އެކަމުގެ ހެއްކަކީ ހެޔޮލަފާއަނބިން، އެމީހުންގެ ފިރިމީހާގެ ކިބައިގައިގައި ތަނަވަސްކަން ކުޑަނަމަވެސް ފުދިގެން އުފަލުގައި ތިބޭކަމާއި ކިތަންމެ ހެޔޮލަފާ އަންތބަކު ނަމަވެސް ހިމާޔަތާއި ރައްކައުތެރިކަން ނުލިބޭނަމަ އެކުގައި އުޅެން ބޭނުންނުވާ ކަމެވެ.
ޙިމާޔަތާއި ރައްކައުތެރިކަން ކަމަށް ބުނުމުން އެކަމުގެ މާނަ އޮޅުވައިނުލާށެވެ! އެއީ ހަތިޔާރާއި ސެކިޔުރިޓީން ގިނަކޮށްގެން ފޯރުކޮށްދޭ ރައްކައުތެރިކަމެއް ނޫނެވެ. ފިރިމީހާގެ ދުލާއި ޢަމަލުތަކުން ފޯރުކޮށްދޭންޖެހޭ ރައްކައުތެރިކަމެވެ. ދުލުން ނުބައި ބަސްތައް ނުބުނެ ހެޔޮ ބަސްތައް ބުނުމާއި ހިތަށް އަނިޔާ ނުކުރުމެވެ. ޖިސްމަށް އަނިޔާވެރިނުވުމެވެ. ވަރިކޮށް ބާކީކޮށްނުލާނެ ކަމުގެ ޔަޤީންކަން ދިނުމެވެ.
މާލީ ގޮތުން ކިތަންމެ އަތްމަތި ދަތިނަމަވެސް މިބުނި ކަންކަން ކޮށްދޭނަމަ ހެޔޮލަފާ އަނބިން ތިބޭނީ ހިތްހަމަޖެހިގެންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން