ކޮންމެ މީހަކުވެސް ހުރި ޙާލު ﷲ ތަޢާލާ ދެކެދެނެވޮޑިގެންވެއެވެ. މިއަދު ތިބާގެ އަތުގައި އޮތީ އެންމެ ރިޔާލައެއް ނަމަ އެކަންވެސް ދެކެދެނެވޮޑިގެންވެއެވެ. ތިބާގެ އަތުގައި އޮތް އެންމެ ރިޔާލަ، ޞަދަޤާތްކުރީމާ ދެއްވަވާނެ ޘަވާބު ހިސާބުކުރަންވެސް އަހަރެމެންނަކަށް ނުއެނގޭނެއެވެ. އަހުރެމެންނަށް ޢަދަދުކުރަންވެސް ނުއެނގޭހައި ގިނަ ޘަވާބު ދެއްވެވުމަށް ﷲ ތަޢާލާ ދީލަތިވެވޮޑިގެންވެއެވެ.
މިއަދު ކުރެވެން އޮތް އެއްވެސް ހެޔޮކަމެއް މާދަމާ ކުރަން ލަސްނުކުރުމަށް ދީނީ ޢިލްމުވެރިން އިރުޝާދު އެދެއްވަވަނީ އެކަން އެގޮތަށް ކުރެއްވެވުމުގައި އަހަރެމެންގެ ލޮބުވެތި ސާޙިބާ މުޙައްމަދު (ﷺ) ނަމޫނާ ދައްކަވާފައިވާތީއެވެ. އަދި އެއިގެ ފަހުން ތިއްބެވި ޚަލީފާއިންނާއި ޞަޙާބީން ވެސް އެކަމުގައި ނަމޫނާ ދައްކަވާފައިވާތީއެވެ.
މިކަމުގެ މުހިންމު ކަމުގެ ކުޑަކުޑަ މިސާލަކަށް ބަލާނަމަ ތިބާއަށް ﷲ ތަޢާލާ ދެއްވަވާފައިވާ ތަނަވަސްކަމުގެ ތެރެއިން ތިބާގެ އަތުގައި ހުރި ފައިސާއިން 100000 ރިޔާލަ މިއަދު ޞަދަޤާތް ކުރެވެން އެބައޮތެވެ. ނަމަވެސް ތިބާ ޤަޞްދުކުރީ އެކަން މާދަމާ ކުރަން ފަސްކުރާށެވެ! މާދަމާ އެކަންކުރުމުގެ އިންތިޒާރުގައި ހުއްޓައި މާދަމާވުމުގެ ކުރީގައި ތިބާގެ ފުރާނަ ގެންދަވައިފިނަމަ އެ ފައިސާއިން ތިބާއަށް ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟
އެ ފައިސާ މިއަދު ޞަދަޤާތް ނުކުރެވުނުކަން އެއީ ޤިޔާމަތް ދުވަހު އެންމެ ބޮޑު ހިތާމައެއް ކުރަން ޖެހިދާނެ ކަމަކަށް ވެގެން ހިނގައިދާނެއެވެ. މަރުވުމަށްފަހު ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ހިތާމަކުރާނީ އެމީހަކަށް ޞަދަޤާތްކުރެވުނު މަދުކަމުންނެވެ. ހުރިހާ މުދައު އެކުގައިވެސް ޞަދަޤާތް ނުކުރެވިހުރީތީއެވެ. މީޒާނުގައި ހެޔޮކަމުގެކޮޅު ބުރަކޮށްލަން ﷲ ތަޢާލާގެ ހަޟްތަށް ނުގެންދެވި ތިމާއަށް އެއްވެސް ފައިދާއެއް ނުކުރާނެ ގޮތުގައި ދުނިޔެއަށް ދޫކޮށްފައި ކައްވަޅަށްދާން ޖެހުނީތީއެވެ.
މިސާލަކަށް މީޒާނުގައި އަމަލުތައް ކިރާއިރު ތިބާއަށް މަދުވީ މިންވަރުގެ އެތައް ގުނައެއް އިތުރަށް ތިބާ ދުނިޔޭގައި ހުރެ ތިބާއާއި ﷲ ޙަވާޤލުކުރެއްވެވި ތަނަވަސްކަމުން ޞަދަޤާތް ކުރެވިފައިވީނަމަ މީޒާނުގައި ތިބާގެ ހެޔޮ ކަމުގެ ކޮޅަށް ބަރުވުމުގެ ފުރުޞަތު އެބަ އޮތެވެ. އެކަން ކުރެވިފައި ނެތުމަކީ ތިބާއަށް ނަރަކައަށް ވަންނަން ޖެހޭ ސަބަބަކަށްވެސް ވެދާނެއެވެ! ވީމާ އެއްވެސް ހެޔޮ ކަމެއް ކުރުން މާދަމާއަށް ފަސް ނުކުރާށެވެ! ދިރިހުރި ދުވަހު އެކަންކޮށް ނިންމައިލާށެވެ!
ދެންމެ މިސާލު މިޖެހުނީ ވަރަށް ބައިވަރު ފައިސާ ޞަދަޤާތްކުރާ ވާހަކައިންނެވެ. އެއީ ހަމަ ބުނެދިން މިސާލެކެވެ. އަތުގައި އޮތީ އެންމެ ރިޔާލައެއް ނުވަތަ ޕެނީއެއް ނަމަވެސް ޞަދަޤާތްކުރާށެވެ! ﷲ ތަޢާލާގެ ޙަޟްރަތުގައި އެވަކިފައިސާފޮތީގެ ބުރަދަން ބިލިއަނަރަކު ދޭ 100 މިލިއަން ޑޮލަރަށްވުރެ މާބޮޑުވެދާނެއެވެ!
އެހެނީ ބިލިއަނަރަކަށް 100 މިލިއަން ޑޮލަރު ދިނުމަކީ ފެންބޮއެފައި ވައިލުން ފަދަ ކަމެކެވެ. ނިކަމެތި މީހާ އޭނާގެ އަތުގައި އޮތް އެންމެ ރިޔާލަ ﷲ ގެ ރަޙްމަތަށް އެދި އެދޫކޮށްލަނީ މިރޭ ކާނެ ފަދަ ވެސް ގޭގައި ނެތިއެވެ. މިހުރިހާ ކަންކަން ﷲ ތަޢާލާ ހަމަ އެންމެ މޮޅަށް ދެނެވޮޑިގެންވެއެވެ. ޖަޒާ ދެއްވެވުމުގައި 10 ގުނައިން 700 ގުނައަށް އުފުލިގެންދަނީ މިފަދަ ކަންކަމުގެ ސަބަބުންނެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން