މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބޭ ބައެއް މީހުން އެކަމުން ސަލާމަތްވެ ތަޤްވާވެރި ދިރިއުޅުމެއް އުޅެން ބޭނުންވެއެވެ. އެޙާލަތުގައިވެސް އެމީހުން ބަލައިގަންނަން ގިނަ ބއަކު ދެކޮޅު ހަދައެވެ. އެމީހުންނަކީ އިޞްލާޙްނުވާނެ ބައަކު ކަމަށް ނިންމައެވެ. އެއީ ވަރަށް ދެރަކޮށް ކުރެވޭ ކަމެކެވެ.
އެއްވެސް ފާފައަކީ ކުރުން ހުއްޓައިނުލެވޭނެ ފާފައެއް ނޫނެވެ. ބޭނުންވަނީ ހިތްވަރެވެ. ވަރުގަދަ ޢަޒުމެކެވެ. ހެޔޮ ނިޔަތެވެ. އެންމެ މުހިންމީ ދުޢާއެވެ. ތިރީގައިވާ ވާހަކަ ކިޔައިލާށެވެ! އިތުރު ހިތްވަރު ލިބޭނެއެވެ. އިން ޝާ ﷲ
މިކިޔުންތެރިޔާއަށްޓަކައި ހެޔޮދުޢާކޮށްދެއްވަން ކިޔުންތެރިންގެ އަރިހުންވެސް އެދެމެވެ. އޭނާއަކީ އިރުއޮއްސިއްޖެ ނަމަ މަސްތުގެހާލަތުގައި ބަޣްދާދުގެ މަގުތަކުގައި އުޅުނު ޒުވާނެކެވެ. މިސްކިތަށް ނަމާދަށްދާ މީހަކު ފެނުނު ނަމަވެސް ފޮށި ފުރައްސާރަކޮށް އުޅުނު ޒުވާނެކެވެ. އެއްރޭގެ ފަތިސްނަމާދު ނިމިގެން މިސްކިތުން ފައިބަން މީސްތަކުން ހިނގައިގަތްއިރު އެ ޒުވާނާ މިސްކިތުގައި އިންދައި ފެނުމުން މީސްތަކުން ހީކުރީ އޭނާއަށް މަގުއޮޅިގެން މިސްކިތަށް ވަދެއިނދެވުނީ ކަމަށެވެ. މެންދުރު ނަމާދުގެ ޖަމާއަތުގައިވެސް އޭނާ ބައިވެރިވުމުން އިމާމް މީހާ އޭނާ އާއި ބައްދަލުކޮށް އޭނާއަށް ބަދަލު އައިގޮތާއިމެދު ސުވާލުކުރުމުން އޭނާ ކިޔައިދިނެވެ. "ރޭގެ ޢިޝާނަމާދަށް ބަންގިގޮވީ އަހަރެން މިސްކިތް ކައިރީގައި ހުއްޓައެވެ. އާދައިގެމަތިން އެއިރުވެސް ހުރެވުނީ މަސްތުވެގެންނެވެ. އިމާމް މީހާ "ﷲއަކްބަރު" ގޮވައިލުމުން އަހަރެންނަށްވެސް ހަމައެގޮތަށް ގޮވައިލެވުނެވެ. އެހިސާބުން އަހަރެންނަށް ހުއްޓުން އެރިއެވެ. ބަންގިގޮވައި ނިމެންދެން ހުއްޓިހުރުމަށްފަހު އަހަރެންނަށް ހިނގައިގަނެވުނީ ގެއައިދިމާއަށެވެ! ކޮޓަރިއަށް ވަދެ ތަޅުލީމެވެ. އޮށޯތްތަނުން ނިދިއްޖެއެވެ. ހޭލެވުނީ މެންދަންވެ ދިއަ ފަހުންނެވެ. ހޭލެވުމުން ވިސްނައލެވުނެވެ.
އެންމެހައި މަތިވެރިކަމެއް ލިބިވޮޑިގެންވަނީ ﷲ އަށެވެ. މިރޭ އެކަން އަހަރެންނަށްވެސް އިއުލާނުކުރެވިއްޖެއެވެ. މިހެން މަސްތުގެ ޙާލަތުގައި އުޅެނިކޮށް ފުރާނަ ގެންދަވައިފިނަމަ ﷲ އަހަރެން ލައްވަވާނީ ނަރަކައަށެވެ! ނަރަކައިގެ އަލިފާނުގައި އެންމެ ހިނދުކޮޅަކަށްވެސް ކެތެއް ނުކުރެވޭނެއެވެ! ވީމާ އަހަރެން ނަރަކައަކަށް ނުދާނަމެވެ.
މިބާވަތުގެ ކަންތައްތަކެއް ވިސްނުމަށް އައުމުން އެނދުން ތެދުވެގެން ގޮސް ފެންވަރައި ހިނައިގަނެ ވުޟޫކޮށްގެން ނުކުމެ ތަޅުންގަނޑުމަތީގައި އިނދެ ﷲ އަށް ދެންނެވީމެވެ. "ޔާ ﷲ! އިނބަ ﷲ އީ ކޮންމެ ކަމަކަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ! އިނބަ ﷲ އާއި ކުއްތަންވާން ބޭނުމެވެ. ނަމަވެސް މިއަޅާ އާއި އިނބަ ﷲ ޢާއި ދެމެދުގައި ވަރުގަދަ ހުރަހެއް (ކުއްތަންވުމަށް) ވެއެވެ! އެ ހުރަސް ނައްތަވައިލަދެއްވަވާނދޭވެ!"
އިމާމްއެވެ! އެހިސާބުން ދެންވީގޮތެއް ނުއެނގުނެވެ. ޢޝާ ނަމާދު ނުކުރެވޭކަން ހަނދާންވެއްޖެއެވެ. ޢިޝާ ނަމާދުކުރިތަނާ ދަމުނަމާދުކުރާހިތްވެއްޖެއެވެ. ދަމުނަމާދުކޮށް ނިމުނުތަނާ ޤުރްއާން ކިޔަވާހިތް ޖެހިއްޖެއެވެ. އެގޮތުގައި އިނުމަށްފަހު ފަތިސްވުމުން މިސްކިތަށް އައީއެވެ. މިހާރު މިހުރީ މެންދުރު ނަމާދުކޮށްގެންނެވެ! ކުރިނަ އަޅުގަނޑު އުޅުނީ ބާތަކުގައެވެ. އިރާދަކުރެއްވިއްޔާ ދެން އަޅުގަނޑު އުޅޭނީ މިސްކިތުގައެވެ."
މިއީ އެޒުވާނާގެ ވާހަކައެވެ. އެނގިގެން މިދަނީ ﷲ ތަޢާލާ އާއި ކުއްތަންވުމުގެ ނިޔަތުގައި އިކްލާޞްތެރިކަމާއިއެކު ކުރާ އެންމެ ދުޢާއަކުން އެކަން ހިންމަވައި ދެއްވަވާކަމެވެ! ނަރަކައިން ސަލާމަތްވެ ސުވަރުގެ ވަނުމުގެ މަގު ފަހިކުރައްވަވައި ދެއްވަވާކަމެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމަކީ އިޚްލާޞްތެރިކަމާއިއެކު ކުރާ އެންމެ ދުޢާއަކުންވެސް ޙާޞިލުކުރެވެން އޮތްކަމެއް ކަމެވެ!
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މާޔޫސްނުވާށެވެ! ކޮންމެފަދަ ގޮތަކަށް އުޅެވެމުން އައިނަމަވެސް އަވަހަށް ތައުބާވާން މަސައްކަތްކުރާށެވެ! އިޚްލާޞްތެރިކަމާއިއެކު ދެންނެވުމުން މަގުދައްކަވާނެތެވެ. އިން ޝާ ﷲ
--އިސްލާމީ ތިލަފަތުގެ ދަރުސަކުން