ދަރިން ނިންދެވުމުން ސިއްސައިގެންދިއުން، ރުއިން ފަދަ ކަންކަން މެދުވެރިވާނަމަ ބެލެނިވެރިންނަށް ބޮޑަށް ބެލެވިފައި އޮންނަނީ ދަރިފުޅަށް ކޮންމެވެސް ކަމެއްވެގެން އުޅޭ ކަމަށެވެ. އެހެންވެ ދަރިފުޅު ޑޮކްޓަރަށް ދައްކައެވެ. އަދި ދަރިފުޅަށް ރުޤްޔާވެސް ކުރެއެވެ.
އަހުރެންގެ ތަޖުރިބާއަށް ބަލައި ބުނަންޖެހެނީ މިވަރަކުން ނުފުދޭނެ ކަމަށެވެ. ސަބަބަކީ މައިންބަފައިންނަށް ޞިޙުރު ޖެހި ޝައިޠޯނުން އަވަލާފައިވާނަމަވެސް ދަރިންނަށް މިފަދަ މައްސަލަތައް ކުރިމަތިވާތީއެވެ. ވީމާ އަޞްލު މައްސަލައަކީ މައިންބަފައިންނަށް ސިޙުރެއް ޖެހިފައިވުން ކަމަށްވެއްޖެނަމަ މައްސަލަ ޙައްލުކުރެވޭނީ މައިންބަފައިންނަށް ފަރުވާކޮށްގެން ކަމަށްވާތީއެވެ.
މިފަދަ ކަމެއް ދަރިންނަށް މެދުވެރިވާނަމަ: އަލްހަމްދު 7 ނޫނީ 10 ފަހަރު، ހަމަ އެގޮތަށް އާޔަތުލްކުރުސި ކިޔަވައި، އިޚްލާޞް، ފަލަޤް، އައްނާސް 3 ސޫރަތްވެސް އެގޮތަށް ކިޔަވައި، ޔޫނުސް ސޫރަތުގެ 76 ވަނަ އާޔަތުން ފެށިގެން 82 ވަނަ އާޔަތުގެ ނިޔަލަށް ކިޔަވައި، ޠާހާ ސޫރަތުގެ 69 ވަނަ ޢާޔަތް ކިޔަވައި، ނިސާ ސޫރަތުގެ 54 އާޔަތް ކިޔަވައި، އެންމެހައި ނުރައްކަލުން ސަލާމަތްކަން އެދިގެން ކުރަން ސުންނަތުގައި އޮތް ދުޢާކިޔާށެވެ.
)أَعُوذُ بِكَلِمَاتِ اللَّهِ التَّامَّةِ مِنْ كُلِّ شَيْطَانٍ وَهَامَّةٍ، وَمِنْ كُلِّ عَيْنٍ لاَمَّةٍ ފަދަ)
އެއަށްފަހު ހިކިކޮށް (ކުއްޖާގެ ގައަށް ކުޅު ނުދާނެ ގޮތަށް ހިކިކޮށް) 3 ކުއްޖާއާއި ދިމާއަށް ކުޅުޖަހާށެވެ. އަދި ދެއަތްތިލަ ޖައްސައި 3 ފަހަރު ފުމެލައި ކުއްޖާގެ މުލި ހަށިގަނޑުގައި އަތްތިލަ އުނގުޅައިލާށެވެ. މިކަންކުރަން ވާނީ ސިޙުރާއި އެސްފީނާއިން ދަރިފުޅު ސަލާމަތްކޮށްދެއްވެވުން އެދި ދުޢާކުރަމުންނެވެ.
އަހުރެން މިވާހަކަތައް ކިޔައި މިދިނީ ތަޖުރިބާގެ މައްޗަށެވެ. ޒުވާންކުދިންނަށް އެކިބާވަތުގެ ސިޙުރު ޖެހިގެން އައުމުން ކުރެވޭ ސުވާލުތަކުން އެމީހުންގެ މައިންބަފައިންނަށް ސިޙުރު ޖެހިފައިވާކަން ވަރަށް ގިނަ ފަހަރު އެނގިފައިވާތީއެވެ. ގިނަ ފަހަރު އެކުދިންގެ ގައިގައި ސިޙުރުގެ ކަންކަން އެހުންނަނީ ވަރަށް ތުއްތުއިރުންސުރެކަންވެސް ވަރަށް ގިނައިން އެނގެއެވެ.
ނިންމާލަމުންވެސް ބުނެލަން ބޭނުންވަނީ ދަރިންނަށް މިބުނި ޒާތުގެ ކަންކަން މެދުވެރިވާނަމަ މައިންބަފައިން ތިބި ޙާލު ދެނެގަންނަންވާނެއެވެ. ޙައްލެއް ހޯދޭނީ އެއިރުންނެވެ.
- މަޝްހޫރު ރާޤީއަކު ދެއްވާފައިވާ ނަޞީޙަތަކުން