ކައިވެނީގެ ކުރިންވެސް އަދި ފަހުންވެސް ކުށެއް ކުރެވިދާނެއެވެ. ފަޟީޙަތްވެސް ވެދާނެއެވެ. އަދި އެހެން ގޮތެއްވެސް މެދުވެރިވެދާނެއެވެ. ޔަޤީންކުރާށެވެ! އެއީ ތިބާގެ ނިމުމެއް ނޫނެވެ. ވީމާ މޫވަތަށްޖަހައި ފިލަން މަސައްކަތްނުކޮށް އެކަމަކަށް ކުރިމަތިލާށެވެ!
ބޮޑެތި ކުށްތައް ކުރެވުނު އަދި ކުރެވުނު ކަންތަކުގެ ސަބަބުން ފަޟީޙަތްވެފައި ތިބި އެތައް ހާސް ބައަކު މުޖުތަމަޢުގައި ޤަދަރުވެރިންގެ ގޮތުގައި އަންނަނީ ދިރިއުޅެމުންނެވެ. އެއީ އެކަންކަން ކުރިމަތިވުމުން ފިލަން ނޫޅެ ދިރިއުޅެން ހިތްވަރުކުރާތީއެވެ.
ކިތަންމެ ބޮޑަށް ދެރަވިނަމަވެސް ކުރެވުނު ކަމެއް ނުކުރެވޭ ކަމަކަށް ނުހެދޭނެއެވެ. ދެން އޮންނާނީ އެކަމަކާއި ކެރިގެން ކުރިމަތިލުމެވެ. ކުރެވުނު ކުށް ތަކުރާރުނުކުރަންވީއެވެ. އެކަމަކީ އެހެން މީހެއްގެ ކިބައިން މާފަށް އެދެންޖެހޭ ކުށެއްނަމަ އެމީހެއްގެ ކިބައިން މާފަށް އެދޭށެވެ. ތައުބާވާންޖެހޭ ކަމެއް ނަމަ އަވަހަށް ތައުބާވާށެވެ. އެހިސާބުން އެއޮތީ އެކަން ނިމިފައެވެ.
އެހެން މީހުން ދައްކާ ވާހަކައަކީ މައްސަލައެއް ނޫނެވެ. ވާހަކަދައްކާ މީހުންނަށް ބުނާށެވެ! އަހުރެންނަސްކުށެއް ކުރެވުމަކީ ހަމައެކަނި އަހުރެންގެ މައްސަލައެކެވެ. އެއީ ކަލޭމެންނާއި ބެހޭ ކަމެއް ނޫނެވެ. އަދަބުލިބެންޖެހޭނަމަ ލިބޭނީ އަހުރެންނަށެވެ! ފާފަވެރިވާނީވެސް އަހުރެންނެވެ. އަހުރެންގެ ވެރި ﷲ ތަޢާލާއީ ފާފަތައް ފުއްސވައިދެއްވެވުމުގައި ދީލަތިވަންތަ އިލާހްއެވެ. ﷲ ތަޢާލާގެ ރަހްމަތާއިމެދު އަހުރެން މާޔޫސެއް ނުވަމެވެ.
ކުށެއް ކުރެވުނަސް އަދި ފާފައެއް ކުރެވުނަސް މިމަގުން ޘާބިތުކަްނ ލިބިގެންފި މީހަކު ދެރަކުރެވޭނެ އެކަކުވެސް ނުހުންނާނެއެވެ. އިން ޝާ ﷲ
--އިސްލާމީ ތިލަފަތުގެ ދަރުސަކުން