މިހާރަކަށް އައިސް ސަލާންޖެހުން ވަރަށް ގިނަވެއްޖެއެވެ. ދިރިއުޅެންކުރާ މަސައްކަތަކީ ސަލާންޖެހުން ކަމަށް ހަދައިގެންވެސް އެބައުޅެއެވެ. ވީމާ މިކަން ދީނުގައި އޮތްގޮތް އެނގުމަކީ ވަރަށް މުހިންމު ކަމެއްކަން ފާހަގަކުރެވެއެވެ.
ޝައިޚުގެ ބަސްފުޅު:
އަޅުގަނޑުމެންގެ މުޖުތަމަޢުގަ ސަލާންޖެހުމަކީ މީ އެކި ސިފަސިފައަށް ކުރެވެމުން އަންނަ ކަމެއް. ހުރިހާ މުޖުތަމަޢެއްގަވެސް މިކަން އޮވޭ. އެހެންނަމަވެސް ދީނީ ގޮތުން މިކަމާ ބެހޭގޮތުން ކޮންމެސް ވަރަކަށް ބަލާލުން މުހިއްމު.
ސަލާންޖެހުމާ ބެހޭގޮތުން އިބްނި ޤައްޔިމް ރަޙިމަހުﷲ ވިދާޅުވަނީ ސަލާމްޖެހުމުގެ އަސްލަކީ އެއީ ހަރާމް ކަމެކެވެ. އެކަން ހުއްދަވެގެން މިއަންނަނީ ސަބަބަކާ ލައިގެންނެވެ.
އެއީ މިސާލަކަށް ޟަރޫރަތެއް ނުވަތަ ޟަރޫރަތާ ގާތް ހާލަތެއް މެދުވެރިވުމުންނެވެ. ދެން މިކަމުގެ ދަލީލަކީ ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މާތް ޞަޙާބީ ބޭކަލެއް ޤަބީޞް ރަޟިޔަﷲ ޢަންހު، އެކަލޭގެފާނު އެއްދުވަހަކު ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހަށް ވަޑައިގަންނަވަނީ. އެއާއެކީގަ ޤަބީޞް ރަޟިޔަﷲ ޢަންހު ވިދާޅުވަނީ ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމައޭ، ތިމަންނާގެ ބޮލުގަ ބޮޑު ދަރަންޏެއް އެޅިޖެއޭ. ތިމަންނައަށް އެހީވެދެއްވާށޭ. އިތުރު އެކަލޭގެފާނު ޙަދީޘް ކުރައްވަނީ އިހަށް މަޑުކޮށްލައްވާށޭ. އިރުކޮޅަކުން އެބައާދެއޭ ޞަދަޤާތުގެ ފައިސާ ނުވަތަ ޒަކާތުގެ ފައިސާ. އެ އައީމަ ތިބާއަށް އެހީތެރިވެދެއްވާނަމޭ.
ދެން އެއާއެކީގަ މި ޙަދީޘްފުޅު އެކަލޭގެފާނު މި ތަފްޞީރު ކޮށްދެއްވަނީ. ތަފްޞީރު ކޮށްދެއްވަމުން އެކަލޭގެފާނު މި ހަދީޘްފުޅުކުރައްވަނީ، ޤަބީޞްއަށް އިނގޭހެއްޔެވެ. ސަލާންޖެހުން ވަނީ 3 ކަމަކުންނެވެ.
ފުރަތަމަ ކަމަކީ އެއީ ބޮޑު ދަރަންޏެއް އެމީހެއްގެ ބޮލުގަ އެޅިގެން ސަލާންޖެހުމެވެ. އެފަދަ ކަމެއް މެދުވެރި ވެއްޖެއްޔާމު އޭނާގެ މައްޗަށް ސަލާންޖެހުން ހުއްދަވެއްޖެއެވެ.
ދެވަނަ ކަމަކީ އެއީ ބޮޑު މުޞީބާތެއް ޖެހިގެން އޭނާގެ ފައިސާ އެއްކޮށް ހަލާކުވީ. މިސާލަކަށް މިހާރަށް ބަލަންޏާމު ވަރަށް ގިނައިން ހިނގާ ހާދިސާއެއް އެއީ އަލިފާނުގެ ހާދިސާ. ހިފައިގެން އޭނާގެ ފައިސާ އެއްކޮށް ދިޔައީ. އެހެންވެއްޖެއްޔާ އެހާލަތުގަ އޭނާގެ މައްޗަށް ސަލާންޖެހުން ހުއްދަވެއްޖެއެވެ.
ތިންވަނަ ހާލަތަކީ އެއީ އޭނާގެ މައްޗަށް ބޮޑު ފަޤީރުކަމެއް އައުމެވެ. ފަޤީރެއްކަމުގައި އޭނާވުމެވެ. ފަޤީރުންނަކީ އަދި މިސްކީނުންނަށްވުރެވެސް އަދި މާ ދަށު ދަރަޖައިގަ އުޅޭ، ފަޤީރުކަމުގެ ހާލަތުގައި ދަށު ދަރަޖައިގައި އުޅޭ ބައެއް.
އެހެންވީމާ އެކަލޭގެފާނު އަދި އިތުރަށް އެވާހަކަ ތަފްޞީލު ކޮށްދެއްވަމުން ޙަދީޘް ކުރައްވަނީ، އަދި އޭނާ އެއީ ފަޤީރެއް ކަމުގައި ހެކި ވުމަށްޓަކައި އޭނަ އެއުޅޭ ސަރަޙައްދުން 3 މީހެއްގެ ހެކިބަސް ބޭނުންވާނެއެވެ. އެހިކަބަހުން އޭނާއަކީ ފަޤީރެއްކަމުގައި ބެލެވި ދެން އޭނަގެ މައްޗަށް ސަލާންޖެހުން ހުއްދަވެއްޖެއެވެ.
މި ކޮންމެ ފަހަރެއްގަވެސް އެކަލޭގެފާނު މި ޙަދީޘް ކުރައްވަނީ މި ސަބަބެއް މެދުވެރިވުމާ އެކީގަ އޭނާގެ މައްޗަށް ސަލާން ޖެހުން ހުއްދަ ވެއްޖެއެވެ. އޭގެ މާނައަކީ އެ ސަބަބެއް މެދުވެރި ނުވާހާ ހިނދަކު އޭނާގެ މައްޗަށް ސަލާންޖެހުން ހުއްދަ ވެގެނެއް ނުވެއެވެ. އޭގެ މަފްހޫމް މުޚާލަފާއަކީ އެއީ.
އެހެންވީމާ އަހަރެމެން ކިރިޔާ ކަމެއް ބޭނުންވާއިރަށް މީސްމީހުން ކައިރީގައި ކަންކަމަށް އެދި ސަލާންޖެހުމުގެ ބަދަލުގައި އަމިއްލަ އަތުން މަސެއްކަތް ކުރުން އެއީ ވަރަށް މުހިއްމު. ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އެހެން ޙަދީޘްފުޅެއްގަ ވަނީ މީހާ ކާ އެންމެ ހެޔޮވެގެންވާ ކާއެތިކޮޅު އޭނާ ކާނީ އޭނާގެ އަމިއްލަ އަތުން މަސެއްކަތް ކޮށްގެން ހޯދާ ފައިސާއިންނެވެ. (ނަބިއްޔުﷲ ދާޢޫދު ޢަލައިހިއް ސަލާމް) ﷲ ގެ ނަބިއްޔާ ދާވޫދު ޢަލައިހިއް ސަލާމް ފަރިއްކުޅުއްވީ އެކަލޭގެފާނުގެ އަތްޕުޅުން ކުރެއްވި މަސެއްކަތުންނެވެ. މީ ﷲގެ ނަބިއްޔެއް. އަހަރެމެން މީ ކޮން ބައެއްތޯ އެބޭކަލުންނާ އަޅާ ބަލާއިރު.
އެހެންވީމަ އަހަރެމެން އެބަޖެހޭ އަހަރެމެންގެ އަމިއްލަ މަސައްކަތުން، ކިތަންމެ ދަތި ޙާލުގަ އުޅުނުކަމުގައި ވިޔަސް އަމިއްލަ މަސެއްކަތުން ފައިސާ ހޯދައިގެން އަނބިދަރިންނާއި އަމިއްލަ ޚަރަދުތައްވެސް ކުރެވޭތޯ ބަލަން. ދުނިޔެއަކީ މީ އިމްތިޙާނުގެ ގޮވެއްޗެއް. މި ގޯތީގައި އަހަރުމެންނަށް އުޅުން ފަސޭހައެއް ނުވާނެ. މި ދުނިޔޭގަ ފަސޭހައިން އުޅެން މަސެއްކަތް ކޮށްފިކަމުގަ ވާނަމަ ފަހަރެއްގަ އާޚިރަތުގަ އަހަރެމެންނަށް ކާމިޔާބާ ފަލާޙް ނުލިބިދާނެ.
- އައްޝައިޚް މުޠީއު އިސްމާޢީލް މުޙައްމަދު