ލޮބުވެތި ކަނބަލުންގެ ސަމާލުކަމަށް!: ލޯބީގެ އަވާގަ ޢިއްފަތްތެރިކަން ނަގާލުމަށްފަހު އަނެކާ ކުށްވެރިކުރުމުން ކުރާނީ ކޮންފައިދާއެއް؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ލޮބުވެތި ކަނބަލުންގެ ސަމާލުކަމަށް!: ލޯބީގެ އަވާގަ ޢިއްފަތްތެރިކަން ނަގާލުމަށްފަހު އަނެކާ ކުށްވެރިކުރުމުން ކުރާނީ ކޮންފައިދާއެއް؟

ލޯބިވެގެން ކައިވެނިނުކޮށް އުޅެމުން ޖިންސީ ގުޅުން ހިންގައި ތިބާގެ ޢިއްފަތްތެރިކަން ދުއްވާލުމަށްފަހު ތިބާ ދޫކޮށްލާފައި ދިއުމުން ވަރަށް ދެރަވަމުއެވެ. އެޙާލަތުގައި ބުނެވެއެވެ. "އޭނާ އަހުރެންނަށް ލަނޑުދިނީއެވެ. މަކަރުހެދީއެވެ. ބޭވަފާތެރިވީއެވެ. ޢަރުޝީގެ ހިޔާވަހިކަން އެންމެ ފަސޭހައިން ލިބެން އޮތް ފުރުޞަތުވެސް ގއްލުވައިލީއެވެ."  

ލޮބުވެތި އުޚުތުންނޭވެ! ތިއަބުނަނީ ހަމަތެދުވާހަކަތަކެވެ. އޭނާ ތިބާއަށް ހަމަ ލަނޑުދިނީއެވެ. ތިބާގެ ބޭނުން ހިފުމަށްފަހު އެއްލައިލީއެވެ. ބާކީކޮށްލީއެވެ. ދުނިޔެއަށް ގިނަކޮށްލީއެވެ. މަކަރުވެސް ހެދީއެވެ. ބޭވަފާތެރިވެސްވީއެވެ.

ނަމަވެސް އެހެން ބުނުމުން ތިބާއަށް ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ ތިބާއަކީ ތަންދޮރު ނުވިސްނޭ ކުޑަކުއްޖެއް ނޫނެވެ. ޖިންސީ ގުޅުން ހިންގުން، ޒިނޭކުރުން މިއީ ދީނުގައި ޙަރާމްކުރައްވަވާފައިވާ ކަންކަން ކަންތިބާއަށް ވެސް ވިސްނޭނެއެވެ. އެނގޭނެއެވެ. ވީމާ ފާފަވެރިވުމުގައި ދެމީހުންވެސް ވާނީ އެއްވަރެވެ. ބޭވަފާތެރިވުން އެއީ ތަފާތު މައްސަލައެކެވެ.  

ދެން އޮތްކަމަކީ އެފަދަ ޢަމަލެއް ކުރެވިއްޖެނަމަ ކައިވެނިކުރުން ހުއްދަވާނެތޯ ކުރާ ސުވާލެވެ. އެ ސުވާލުގެ ޖަވާބުގައި ބުނަން އޮތީ އެފަދަ ފާފައެއް ކުރެވިއްޖެނަމަ ފުރަތަމަ ކަމަކަށްވެސް ދެމީހުންވެސް ތައުބާވާން ޖެހޭނެއެވެ. ވީމާ ތައުބާވާށެވެ. ތައުބާވުމަށްފަހު ރަންކިޔުއްވައި ވަލީ ހޯދައިގެން ދީނުގައި އޮތް ގޮތުގެ މަތިން ކައިވެނިކުރާށެވެ.  

ދެން އޮތީ ކައިވެންޏަށްފަހުގައި ދެމީހުންވެސް ސަމާލުވާންޖެހޭނެ ކަންތަކެވެ. އެއީ ފާފައަކަށްވެދާނެ އެއްވެސް ޢަމަލެއް ނުކުރުމެވެ. ހިލޭ މީހަކާއެކު އެއްވެސް ގުޅުމެއް ނުހިންގުމެވެ. ދެމީހުންކުރެ އެކަކުނަމަވެސް ހިލޭ މީހުންނާއިއެކު ގުޅުން ހިންގުމަކީ ކައިވެނީގެ ބަރަކާތް ކެނޑިގެންދާނެ ކަމެއްކަމަށް ބިރުވެތިވާންވާނެއެވެ. އުފާވެރި ދިރިއުޅުމެއް ލިބުން އޮތީ އެއިރުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން