އެއްވެސް ޙަޤީޤަތެއް ނެތް ކަންކަންވެސް ހުވަފެނުން ފެނުމުން ކޮންމެވެސް ކަމެއް ވެއްޖެކަމަށް ނުވަތަ ވާން އެބައުޅޭކަމަށް ޤަބޫލުކުރެވޭ މީހުން ވަރަށް ގިނައެވެ. ހެޔޮލަފާ މީހުންނަށް ތެދު ހުވަފެން ފެނެއެވެ. ނަމަވެސް ހެޔޮލަފާ މީހުންނަށްވެސް ފެންނަ ކޮންމެ ހުވަފެނަކީ ތެދުހުވަފެނެއް ނޫނެވެ.
ވީމާ ހުވަފެނެއް ފެންނައިރަށް އެއީ ތެދުހުވަފެނެއް ކަމަށް ޤަބޫލުނުކުރާށެވެ! މިޘާލަކަށް ބުނާނަމަ ބައިވެރިޔާއާއިމެދު ހުވަފެނެއް ފެނިދާނެއެވެ. ލޯބިވެރިއަކު ގެންގުޅެނިކޮށްވެސް ފެނިދާނެއެވެ. ވަރިކުރަނިކޮށްވެސް ފެނިދާނެއެވެ. އެފަދަ ހުވަފެނެއް ފެނުނަސް އެއީ ޙަޤީޤަތެއް ކަމަށް ޔަޤީންނުކުރާށެވެ. ބޭނުންނަމަ ފާރަޗެރިވުމަކީ މައްސަލައެއް ނޫނެވެ.
ދެމަފިރިއަކު ލޯބިން ދިރިއުޅޭނަމަ ޝައްކުތައް އުފައްދުވަން ޝައިޠޯނާ ބޭނުންވާނެއެވެ. ބައިވެރިޔާއަކީ ތެދުވެރިއެއްނަމަ ކުށެއް ނުދެއކޭނެއެވެ. އެހެންވެ ދައްކާނީ ދޮގުހުވަފެންތަކެވެ. އެގޮތުންވެސް މައްސަލައެއް އުފެއްދުވޭޔޯއެވެ. ޝައްކުތައް ކުރެވި ފިތުނައެއް އުފެއްދުވޭތޯއެވެ.
ހަމައެކަގޮތަށް ޢާއިލީ މީހުންނާއި ގާތް އެކުވެރިންނާއިމެދުގައިވެސް މިފަދަ ދޮގުހުވަފެންތައް ދައްކުވާނެއެވެ. އެއީ ހަމަ އެއް ބޭނުމަކު ކުރާ ކަމެކެވެ. ވީމާ އެކަމަށް އަހުރެމެން ތިބެންވާނީ ވަރަށް ރަނގަޅަށް ތައްޔާރުވެގެންނެވެ.
ދެމަފިރިއަކު ލޯބިން އުޅެމުން ދަނިކޮށް ނުވަތަ ޢާއިލާގެ މެދުގައި އެކުވެރިކަން އޮއްވައިވެސް އެއިގެ ތެރެއިން ކޮންމެވެސް މީހަކު ތިބާއަށް ގެއްލުންދޭން އުޅޭކަން ހުވަފެނުގައި ފެނިދާނެއެވެ. މިފަދަ ހުވަފެންތައް ދައްކުވަނީ ޝައިޠޯނާއެވެ. ޝައިޠޯނާގެ ބޭނުމަކީ ހިތުގައި ޝައްކުތައް އުފައްދުވައިގެން ފިތުނަ އުފެއްދުވުމެވެ.
މިފަދަ ހުވަފެނަކުން ހޭލެވިއްޖެނަމަ ފުރަތަމަކަމަކަށް އެފަދަ ކަންކަމުން ރައްކައުތެރިކުރައްވަވައި ދެއްވެވުން އެދި ﷲ ތަޢާލާއަށް ދުޢާކުރާށެވެ! ދެވަނަ ކަމަކަށް އަޢޫޛް ކިޔައި ވައތަފަރާތަށް 3 ފަހަރު ހިކިކުޅުޖަހާށެވެ!
3 ވަނަ ކަމަކަށް އެއްވެސް މީހަކާއި އެހުވަފެނުގެ ވާހަކަ ހިއްޞާނުކުރާށެވެ! އެހެނީ އެފަދަ ތިމާއަށް އެކަމަކުން އެއްވެސް ފައިދާއެއް ނުކުރާނެ ކަންކަމުގެ ހުވަފެނުގެ ވާހަކަތައް އެއްވެސް މީހަކާއި ހިއްޞާނުކުރުމަށް ރަސޫލް (ﷺ) ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ.
ހިއްޞާކޮށްފިނަމަ އެމީހަކަށް ބުނެވޭ ބަހެއްގެ ސަބަބުން ޝައިޠޯނާގެ މަސައްކަތް އެއީ ޙަޤީޤަތްކަމަށް ޤަބޫލުކުރެވި ޝައިޠޯނާގެ މަސައްކަތް ކާމިޔާބުކުރަން މަގުފަހވެދާނެއެވެ. އެއިރުން ކާމިޔާބު އެލިބެނީ ޝައިޠޯނާއަށެވެ!
4 ވަނަ ކަމަކީ ނިދުމުގެކުރިން ވުޟޫކުރުމާއި ކިޔަންޖެހޭ ޛިކުރުތައް ކިޔުމާއި ޚާއްޞަކޮށް އާޔަތުލްކުރުސި ކިޔުމެވެ!
- ޝައިޚް ޢަބްދުލްމަޖީދު މަޙްމޫދުގެ ދަރުސަކުން