3 މިނިޓްގެ 3 ކަންތަކުން ކަންބޮޑުވުންތައް ސިކުނޑިން ދުރަށް ޖައްސައިލެވިދާނެ ގޮތެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
3 މިނިޓްގެ 3 ކަންތަކުން ކަންބޮޑުވުންތައް ސިކުނޑިން ދުރަށް ޖައްސައިލެވިދާނެ ގޮތެއް!

އެއްވެސް މީހަކީ އަބަދު ސިކުނޑިއަށް ހަމަޖެހުން ލިބިގެން ހުންނާނެ މީހެއް ނޫނެވެ. ކޮންމެ މީހަކަށްވެސް ކޮންމެވެސް ވަރެއްގެ ކަންބޮޑުވުންތަކެއް އަބަދުވެސް ހުންނާނެއެވެ. މައްސަލައަކަށްވަނީ ކަންބޮޑުވުންތަކުގެ ސަބަބުން ދިރިއުޅުމަށް އުނދަގޫވާވަރުވުމެވެ. ލޮލަށް ނިދިނާންނަ ޙާލަތަށް ދިއުމެވެ.  

އެޙާލަތަށް ކަންކަން ދާނަމަ ފެންވަރާލައި ހަށިގަނޑަށް އަރާމުލިބޭނެ ގޮތް ހަދާފައި ހަމަޖެހިލައިގެން ތަނެއްގައި އިށީނދެލާށެވެ! އަދި ދެލޯ މަރާލައިގެން އިނދެ ﷲ ތަޢާލާ ތިމާއަށް ދެއްވަވާފައިވާ ނިޢުމަތްތަކާއިމެދު ވިސްނައިލާށެވެ. 3 މިނިޓްވަރު އެކަމަށް ހޭދަކޮށްލާފައި ދެން ދެލޯ ހުޅުވައިގެން އިނދެ 3 މިނިޓް އިރު ޛިކުރުކޮށްލާށެވެ! ދެން 3 މިނިޓް ވަންދެން ދުޢާކޮށްލާފައި މަޑުމަޑުން ތެދުވާށެވެ!  

ގިނަ ބައެއްގެ ތަޖުރިބާއިން އެނގެނީ އެގޮތަށް ކަންތައް ކުރުމުން އެމީހުންގެ ސިކުނޑިއަށް ހަމަޖެހުން ލިބޭ ކަމެވެ.  ސަބަބެއް ކަމަށް ބެލެވެނީ ސިކުނޑިއަށް ބުރަ ބޮޑުވާ ސަބަބާއި ދެކޮޅަށް މަސައްކަތްކުރުމުން ސިކުނޑިއަށް ހަމަޖެހުން ލިބޭ ކަމެވެ.  

ކަންބޮޑުވެވެނީ ކޮންމެވެސް ކަމެއް ޙާޞިލްނުކުރެވިގެން ފިކުރުކުރެވޭތީއެވެ. ދެއްވަވާފައިވާ ނިޢުމަތްތަކަށް ވިސްނުމުން އެކަން (ނުވެ އޮތް ކަންތައް) ޙާޞިލުނުކުރެވުނަސް ތިމާއަށް މިހުރެވެނީ ﷲ ތަޢާލާގެ ރަޙްމަތުގައިކަން ޔަޤީންކުރެވޭނެއެވެ. އަދި ޛިކުރުކޮށް ދުޢާކުރުމުން ތިމާއާއި ﷲ ތަޢާލާ އާއި ދެމެދުގައި ގުޅުން ބަދަހިވެގެންދާނެއެވެ. އިން ޝާ ﷲ  

އަޅެނިކަން މިކަން ތަޖުރިބާކޮށްލަބަލާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން