ބައެއް މީހުން އެމީހުން ބުނަނީ އެމީހުންގެ ދަރިން ދެކެ ލޯބިވާ ކަމަށެވެ. ނަމަވެސް މައިމިހާދެކެ ލޯބިނުވާ ކަމަށެވެ. އެހެންވެ ވަރިކޮ ނިކަމެތިކޮށްލައެވެ. އެގޮތަށް ކަންތައް ކުރުމަށްފަހު ޚަރަދުކުރަނީވެސް މަދު ބައްޕައެކެވެ.
ސުވާލަކީ ދަރިފުޅު ދެކެ ލޯބިވާނަމަ އެގޮތަށް ކަންތައް ކުރާނެހެއްޔެވެ؟ އަދި އަނބިމީހާ އާއި ވަކިވާފަދައިން ދަރިންނާއި ވަކިވާނެ ހެއްޔެވެ؟ އަޅާނުލައި ލޯބިނުދީ ހުންނާނެ ހެއްޔެވެ؟ ޚަރަދުނުކޮށް ނިކަމެތިކޮށްލައި ދަތިޙާލުގައި އުޅެން ޖައްސާނެ ހެއްޔެވެ؟
ކޮންމެއަކަސް ދަރިން ދެކެ ލޯބިވާނަމަ ދަރިންގެ މައިމީހާއަށް ހެޔޮކޮށް ހިތަން ޖެހެއެވެ. ލޯބިނުވިޔަސް އެކުގައި އުޅެންވެސް ޖެހެއެވެ. އޭނާގެ ކުށް ގިނަވެ އެހެން ގޮތެއް ނެތިގެން ވަރިކުރަން ހެޔޮނުވާނެއެވެ.
ދަރިންނަށް ބޭނުންވަނީ މަންމަ ނުވަތަ ބައްޕަގެ ލޯތްބެއް ނޫނެވެ. މަންމައާއި ބައްޕަގެ ލޯތްބެވެ. އެލޯބިން ދަރިން މަޙްރޫމްކުރުމަކީ ސަބަބުތައް ކުރިމަތިވެ ދެމަފިރިން ވަކިވާންޖެހުނަސް ދެމީހުންކުރެ އެކަކުވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ.
ދެން އޮތީ ބައިވެރިޔާ ދެކެ ލޯބިވުމުގެ މައްސަލައެވެ. ހިތުގެ ލޯބި ދެވެން ނެތްނަމަ ބައިވެރިޔާދެކެ ވާލޯތްބަކީ ﷲ ތަޢާލާގެ ޙަޟްރަތަށް ވާލޯބިކަމަށް ނިންމާށެވެ! އެއިރުން އެމީހަކަށް ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ދާނީ ލިބެމުންނެވެ. އިން ޝާ ﷲ. އެމީހަކަށް އުފަލާއި ހިތްހަަމޖެހުން ﷲ ތަޢާލާ ދެއްވަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން