ކޮންމެ ދުވަހަކު އެއްކަމެއް ތަކުރާރުކޮށް ކުރަންޖެހޭނަމަ އެކަމެއްގެ މަތިން ފޫހިވެ ފަރުވާ ކުޑަކުރެވެއެވެ. ނަމަވެސް އެއްވެސް ޙާލެއްގައި އަދި އެންމެ ދުވަހަކުވެސް ފަރުވާ ކުޑަކުރެވެން ނެތް ކަމެއް އެބަ އޮތެވެ. އެއީ ނަމާދުކުރުމެވެ.
ވީމާ ނަމާދާއި ބެހޭ ގޮތުން ކުޑަ ބަހެއް ބުނެލާނަމެވެ. މީސްތަކުންނޭވެ! ބަލިވެގެން ދެއްކުމުން ޑޮކްޓަރަކު ކަސްރަތު ކުރާށޭ ބުނެފިނަމަ އެބުނި ވަރަށްވުރެ ގިނައިންވެސް ކަސްރަތު ކުރަމުއެވެ. ނަމަވެސް ﷲ ތަޢާލާ ނަމާދުކުރަން އަމުރުކުރެއްވެވުމުން އެކަމެއް ނުކުރެވެއެވެ.
ނިކަން ވިސްނައިލަބަލާށެވެ! ޝިފާ ދޭނީ ޑޮކްޓަރުން ހެއްޔެވެ؟ ކާބޭސްތައް ހެއްޔެވެ؟ ކުރާ ކަސްރަތު ހެއްޔެވެ؟ ނޫނީ ޝިފާ ދެއްވަވާނީ ﷲ ތަޢާލާ ހެއްޔެވެ؟ އެއްވެސް ޝައްކެއް ނެތް ގޮތުގައި ކޮންމެ ބައްޔަކަށްވެސް ޝިފާ ދެއްވަވާނީ ﷲ ތަޢާލާއެވެ.
މިއީ ހަމަ ކޮންމެ މުސްލިމަކަށްވެސް ވަރަށް ރަނގަޅަށް އެނގޭނެ ކަމެކެވެ. ނަމަވެސް ޢަޤީދާ ބަލިކަށިވުމުން ފުރިހަމއަށް ޤަބޫލު ނުކުރެވެނީއެވެ. އިހްމާލްވެވި އަމަލުވެސް ނުކުރެވެނީއެވެ. އަވަހަށް ޢަމަލުތައް އިޞްލާޙްކޮށް ނަމާދުކުރަން ފަށާށެވެ.
ބަލިތަކަށް ޝިފާލިބޭނީވެސް އަދި ނަރަކައިން ސަލާމަތް ވެވޭނީވެސް އެއިރުންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން