މިމެސެޖަކީ ހުވަފެނުގައި ނަމަވެސް ތިބާއަށް ކައްވަޅުން ލިބުނު މެސެޖެއް ކަމަށް ވިސްނާފައި ނިކަން ބުނެބަލާށެވެ! މިހާރުވެސް ތިއަކުރާ ގޮތަށް ފާފަކުރުންމަތީގަ ދެމިހުންނާނީހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 8ސ
މިމެސެޖަކީ ހުވަފެނުގައި ނަމަވެސް ތިބާއަށް ކައްވަޅުން ލިބުނު މެސެޖެއް ކަމަށް ވިސްނާފައި ނިކަން ބުނެބަލާށެވެ! މިހާރުވެސް ތިއަކުރާ ގޮތަށް ފާފަކުރުންމަތީގަ ދެމިހުންނާނީހެއްޔެވެ؟

މަރުވުމަކީ މީހާގެ ނިމުމެއް ނޫނެވެ. މަރުވުމަކީ މީހާގެ ނިމުން ޤަބޫލުކުރަނީ ތިމާއަކީ ހަށިގަނޑުކަމަށް ބަލާ މީހުންނެވެ. ހަޤީޤަތަކީ ތިމާއަކީ ތިމާގެ ފުރާނަ ކަމެވެ. ފުރާނަކުރާކަމަކީ އެހަށިގަނޑުގެ ދުނިޔޭގެ ޙަޔާތް ނިމުމުގެ ވަޤުތު ޖެހުމުން ހަށިގަނޑުން ނުކުންނަނީއެވެ. އެހިސާބުން ފުރާނަވާނީ ﷲ ތަޢާލާ ލެއްވެވި ސިފައަކަށް އަދި ލެއްވެވި ޙާލަތެއްގައެވެ. އެކަންކަން ﷲ ތަޢާލާ މިންވަރުކުރައްވަވަނީ ދުނިޔޭގައި އެމީހަކު އުޅުނު ގޮތުގެ މައްޗަށެވެ. 

ދުނިޔޭގެ ޙަޔާތް ނިމުން ދާންޖެހެނީ ކައްވަޅަށެވެ. މިތަނުގައި ކައްވަޅުގެ މާނައަކީ މަރުވުމުން ހަށިގަނޑު ވަޅުލަން ކޮންނަ ވަޅުގަނޑެއް ނޫނެވެ. ބަރުޒަޚުގެ ޢާލަމެވެ. ބިމުގައި ވަޅުލެވޭ މީހުންގެ ފުރާނައާއި އަދި އެކިއެކި ސަބަބުތައް މެދުވެރިވެގެން ވަޅުނުލެވޭ މީހުންގެ ފުރާނަވެސް ވާނީ ބަރުޒަޚުގެ ޢާލަމުގައެވެ. އެއްވެސް ތަފާތެއް ނެތިއެވެ.  

ޤިޔާމަތާއި ހަމައަށް ދަންދެން ހުރިހާ ފުރާނަތަކެއްވެސް ތިބޭނީ ބަރުޒަޚުގެ ޢާލަމުގައެވެ. ބަރުޒަޚުގެ ޢާލަމުގައި ޢަޛާބު ޙައްޤު މީހުންނަށް އެމީހަކަށް ޙައްޤުވާ މިންވަރަށް ޢަޛާބު ލިބެމުންދާނެއެވެ. ޘަވާބު ލިބުން ޙައްޤުވާ މީހުންނަށް، ޙައްޤުވާ މިންވަރަށް ޘަވާބުވެސް ލިބެމުންދާނެއެވެ.  

ކޮންމެ މީހަކުވެސް ބޭނުންވާނީ އެންމެ ގިނަ ޘަވާބު ލިބުމަށެވެ. ނަމަވެސް އެކަން ޙާޞިލްކުރެވެން އޮތީ ދުނިޔޭގައި އެމީހަކު އެކަމަށް އެދިގެން ކުރި މަސައްކަތަކުންނެވެ. އެކަމަށް މަސައްކަތްކުރި ވަރަކަށެވެ.  

މިބަޔާންކުރެވުނު ބަސްކޮޅަށް ވިސްނައިގެން އަޑުއަހާށެވެ! އާޚިރަތް ކާމިޔާބުކުރަން އެދޭމީހާ ވީހާ ގިނައިން މަރުހަނދާންކުރަން އޮތް ބަސްފުޅުގެމަތިން މިއަދު ހަނދާންކުރަނީ މަދުމީހެކެވެ. އެހެންވީމާ މިކިޔައިދެނީ ޢިބްރަތްތެރި ވާހަކައެކެވެ.  

"އަހަރެމެން މިތިބީ ކައްވަޅުގައެވެ. މިތާ ތިބެ ބުނަން ޖެހެނީ އަހަރެމެންނަކީ މަރުވެފައި ތިބި ބައެއް ނޫން ކަމަށެވެ. ސަބަބަކީ އަހަރެމެންނާއިމެދު ކަންކަން ދަނީ ބަރާބަރަށް ހިނގަމުންނެވެ. އެއްވެސް ކަމެއް ހުއްޓުމަކަށް އައިސްފައެއް ނުވެއެވެ.  

އަހަރެމެންނަށް ދުނިޔޭގައި އުޅެވުނުއިރު ވިސްނައިނުލެވުނީއެވެ. މުޞީބާތަކީ ކޮންއެއްޗެއްކަމެވެ. މަރުވުމަކީ މުޞީބާތެއް ކަމަށް ﷲ ތަޢާލާ ވޙީކުރައްވަވާފައި އޮތްއިރުވެސްމެއެވެ. ދުނިޔޭގައި ތިބިއިރު އަހަރެމެންނަށް މުޞީބާތަކަށްވެފައި އޮތީ ދުނިޔޭގައި ކުރިމަތިވާ ދަތިތަކެވެ. ނަމަވެސް މިއަދު އެއެނގުމަކީ ރަނގަޅު އެނގުމެއް ނޫންކަން ވަރަށް ރަނގަޅަށް ޤަބޫލުކުރެވިއްޖެއެވެ.  

ޙަޤީޤަތުގައި މުޞީބާތަކީ ތިމާއަށް ހެޔޮ އަމަލު އިތުރަށް ނުކުރެވޭނެ ގޮތް މެދުވެރިވުމެވެ! ހެޔޮ ޢަމަލުކުރުން ހުއްޓައިލަން ޖެހުމެވެ. މަރުވުމުގެ ޙަޤީޤީ މާނައަކީވެސް ހަމަ އެއީއެވެ. ހެޔޮ އަމަލުތައް ކުރުން ހުއްޓާލަން ޖެހުމެވެ. އެކަމަށް ﷲ ތަޢާލާ ދެއްވެވި ފުރުޞަތު ބަންދުވެގެން ދިއުމެވެ.  

މިތަނުގައި މިތިބަ މީހުން ބެހިގެންވަނީ ދެބައަކަށެވެ! އެއްބައަކީ ކޮންމެ ވަގުތަކުވެސް މަރުވެދާނެކަމަށް ބަލައިގެން ދުނިޔޭގައި އުޅުނު މީހުންނެވެ. އަނެއްބައަކީ މަރާއިމެދު ޣާފިލުވެގެން ތިބެ ދުނިޔޭގައި އުޅުނު މީހުންނެވެ. އެމީހުން މިހާރުވެސް ދަނީ ﷲ ތަޢާލާގެ ގަދަފަދަ ޢަޛާބުގެ ރަހަ ދެކެމުންނެވެ. އެމީހުންނަށް ދަނީ ޢަޛާބު ލިބެމުންނެވެ. އަހަރެމެން މިތިބީ ނިޢްމަތުގައެވެ. އުފަލުގައެވެ. ޤިޔާމަތްވުން ލަސްވެފައެވެ. ވީހައި އަވަހަކަށް ސުވަރުގެ ވަދެވުމުގެ ދަހިވެތިކަމުގައެވެ! 

ތިއަބައިމީހުން ވެސް ސަލާމަތްކަން ބޭނުން ނަމަ ވީހައިގިނައިން ހެޔޮ ޢަމަލުތައްކުރާށެވެ! ހެޔޮ ޢަމަލަކަށް ނުވާނެ ހަމަ އެއްވެސްކަމެއް ނުކުރާށެވެ! ހެޔޮ ބަހަކަށް ނުވާނެ އެންމެ ބަހެއްވެސް ދުލުން ނުބުނާށެވެ!  މަރު އައިސް ބައްދަލުކުރާނީ ކޮން ވަގުތަކުކަމެއް ނުއެނގޭނެއެވެ. ކޮންމެވަގުތަކު ގެންދަން އައި ނަމަވެސް ދިއުމަށް ތައްޔާރުވެގެން ހުންނާށެވެ! ކިރިޔާވެސް ސަލާމަތްކަން ލިބުން އޮތީ އެއިރުންނެވެ!"  

ލޮބުވެތި އަޚުންނާ އުޚުތުންނޭވެ! މަރުވުމަށްފަހު އެއްވެސް މީހަކަށް ވާހަކައެއް ނުދެއްކޭނެއެވެ. ފުރާނަހަށީގައި ހުންނައިރުވެސް މަރުގެމަލާއިކަތާ ލޮލަށް ފެންނަ ހިސާބުން އިތުރު އެއްވެސް ވާހަކައެއް ނުދެއްކޭނެއެވެ. އެންމެކުޑަމިނުން ތިމާ އާއިމެދު ކަންކަން ހިނގާ ގޮތްވެސް ބުނެއެއް ނުދެވޭނެއެވެ. ވަރަށް ކުރު ގޮތަކަށް މެސެޖެއްގެ ސިފައިގައި އަހަރެން ބަޔާން މިކުރީ ކައްވަޅުގައި ތިބެ މެސެޖެއް ފޮނުވޭނެ ނަމަ އެމީހުން ހާމަކުރާނެ ބައެއް ކަންކަން ކަމަށް އަހަރެންނަށް ޤަބޫލުކުރެވޭ ކަންކަމެވެ. ޢިބްރަތަކަށްވާނެ ކަމަށް އުންމީދުކުރަމެވެ!

 

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

މިއަދު އޮންލައިން