އެއްވެސް މީހަކަށް އަނިޔާވެރިވެއްޖެނަމަ އެކަމުގެ ޝަޒާ ނުދެއްވަވައި ދޫކޮށް ނުލައްވަވާނެކަން ވަޙީބަސްފުޅުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 16ސ
އެއްވެސް މީހަކަށް އަނިޔާވެރިވެއްޖެނަމަ އެކަމުގެ ޝަޒާ ނުދެއްވަވައި ދޫކޮށް ނުލައްވަވާނެކަން ވަޙީބަސްފުޅުން!

މީހަކު މީހަކަށް އަނިޔާކޮށްފިނަމަ އެކަމަކީ ވަރަށް ބޮޑު ކަމެއްކަމުގައި ދެކެމުއެވެ. ނަމަވެސް ތިމާ އެހެން މީހުންނަށް އަނިޔާވެރިވަމުއެވެ. އަނިޔާވެރި ނުވާނީ ކޮން ބައަކަށް ހެއްޔެވެ؟ އަނބިދަރިންނަށާއި މައިންބަފައިންނަށާއި ޢާއިލާގެ މީހުންނަށްވެސް އަނިޔާވެރިވަމުއެވެ. 

ދެން އޮތީ އެންމެ ބޮޑު އަނިޔާއެވެ. އެއީ ﷲ ތަޢާލާގެ ދީނަށް އަނިޔާވެރިވުމެވެ. މީހަކު ދީނަށް އަނިޔާވެރިވެއްޖެނަމަ އެކަން ކުށްވެރި ކުރަމުއެވެ. މިޘާލަކަށް މީހަކު ކީރިތި ޤުރްއާން އަންދައިލީއެވެ. އެކަމާއި ދެކޮޅަށް އެތައް ހާސް، އެތައް ލައްކަ ބައަކު ނުކުމެއެވެ. މިލިއަނުންވެސް ނުކުމެއެވެ. ނަމަވެސް އެއިގެ ތެރެއިން ޤުރްޢާން ކިޔަވައި ޢަމަލުކުރަނީ ކިތައް މީހުން ހެއްޔެވެ؟ 

އެއިރުން މިވީ ކިހިނަކުން ހެއްޔެވެ؟ މިއަދު އެފަދަ މީހުން ވަރަށް ގިނަވެއްޖެއެވެ. އަނިޔާވެރިން ގިނަވެއްޖެއެވެ. އަމިއްލަ ޢާއިލާއަށާއި ދީނަށް އަނިޔާވެރިވާ މީހުން ގިނަވެއްޖެއެވެ. 

ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވަނީ މިފަދައިންނެވެ. 

"އަނިޔާވެރިން ކުރާ ކަންތަކާމެދު، ﷲ، ޣާފިލުވެ ވޮޑިގެންވާކަމަށް ކަލޭގެފާނު ހީފުޅުނުކުރައްވާ ހުށިކަމެވެ! އެކަލާނގެ އެއުރެން ފަސްކުރައްވާކަން ކަށަވަރީ (ކަންތައް ބޮޑުވެ) ލޯތައް ހުޅުވޭ ދުވަހަކަށެވެ." (އިބްރާހީމް: 42) 

އަނިޔާގެ ތެރެއިން އެންމެ ބޮޑު އަނިޔާ: 

އަނިޔާވެރިވާ މީހުންނަށް އެންމެ މުހިންމުވާ ވަގުތު ﷲ ތަޢާލާ އެމީހުން ހިއްޕަވަތެވެ! އެމީހުންނަށް ﷲ ތަޢާލާ ދެއްވެވި ބާރު ކަނޑުއްވަވައި ނިކަމެތި ކުރައްވަވަތެވެ! އެމީހުންގެ ބާރުވެރިކަން ނެތިކުރައްވަވަތެވެ! ދުނިޔޭގެ ބޮޑެތި ބާރުތަކުގައި ކަންކަން ބަދަލުވަމުންދާ ގޮތުންވެސް މިފަދަ އެތައް މިސާލުތަކެއް ދަނީ އަބަދުވެސް ފެންނަމުންނެވެ! 

ބާރުގަދަ އެތައް ވެރިކަމެއް ވަނީ ލޮލުގެ އެސްފިޔަ ޖަހައިލަން ބޭނުންވާހައި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ނެތިކުރައްވަވައިފައެވެ. އެހައިމެ ފަސޭހައިން ވަނީ ބާރުގަދަ އެތައް ވެރިކަމެއް  ބަދަލުވެފައެވެ. މިއީ ހަމަ ކޮންމެ މީހަކަށް ވެސް ފެންނަން ހުރި ކަންކަމެވެ! 

އަދި ކީއްހެއްޔެވެ؟ ދުނިޔޭގައި ބާރުގަދަވެގަނެގެން އުޅޭ އެތައް ބައަކު ﷲ ތަޢާލާ ވަނީ ހިއްޕަވައިފައެވެ. ނިކަމެތި ކުރައްވަވައިފައެވެ. މީސްތަކުންނަށް އެކަންކަން އަބަދުހެން އެގެންދަވަނީ ދައްކަވަމުންނެވެ. ޖައްބާރު ހެދިގެން އުޅޭ އެތައް ބައަކަށް ކުރިމަތިކުރައްވަވާ ކަންކަން މީސްތަކުންނަށް ދައްކަވަމުން އެގެންދަވަނީ ޢިބްރަތަކަށެވެ. 

އިންސާނުންނަށް ކުރެވޭނެ އެންމެ ބޮޑު އަނިޔާއަކީ ﷲ ތަޢާލާ ބާވައިލެއްވެވި އެކަލާނގެ ދީނަށް، އިސްލާމް ދީނަށް އަނިޔާކުރުމެވެ! އަހުރެން ދެކޭ ގޮތުގައި އިސްލާމް ދީނަށް އަނިޔާކުރުމަކީ ދީނުގެ ޙުކުމްތައް އެމީހަކު ބޭނުންވާ ގޮތަށް ބަދަލުކޮށް ދީނުގެ ޙުކުމްތަކަށް އިންކާރުކުރުމެވެ. އަދި އެންމެ ބޮޑު އަނިޔާއަކީ މުސްލިމުންނަށް ވަސްވާސްދީ ދީނުގެ ޙުކުމްތަކާއި ޚިލާފަށް ޢަމަލުކުރަން ބާރު އެޅުމެވެ!  

އެހެނީ މީހަކު ކާފިރުވުމުން އެކަން އޮތީ އެމީހަކަށެވެ! މީސްތަކުން ﷲ ތަޢާލާގެ ދީނުން ބޭރުކުރުވަން މަސައްކަތްކުރުމަކީ އެކަމުގެ އަސަރު އެތައް ބައަކަށް ކުރާނެ ކަމެކެވެ! އެއީ ކުޑަކުޑަ ކަމެއް ކަމަށް ހީނުކުރާށެވެ! އަދި އެފަދަ މީހުންނަށް ޢުޤޫބާތް ނުދެއްވަވައި ދޫކުރައްވަވާނެ ކަމަށް ހީނުކުރާށެވެ! 

"ނިކަން ވިސްނައިލަބަލާށެވެ! ދާދިފަހުން އެންމެ ކަޅު މީހަކަށް އަނިޔާކޮށް މަރައިލުމުން މުޅި އެމެރިކާ ވަނީ އެކަމާއި ދެކޮޅަށް ނުކުމެފައެވެ! ހައްދުފަހަނައަޅާފައިވާ ޔަހޫދީން ކޮންމެ ދުވަހަކު މުސްލިމުން މަރަމުން ގެންދާއިރު މުސްލިމުންނަށް އެކަމަށް އެބަ ދެކޮޅު ހެދޭ ހެއްޔެވެ؟ މުސްލިމުން އެކަމާއި ދެކޮޅަށް ނުކުންނާނީ ކޮން ދުވަހަކުން ހެއްޔެވެ؟" 

މިއީ ޑރ. ޔާސިރު ޤާޟީ ވިދާޅުވެފައިވާ ބަސްފުޅެކެވެ. ޝައިޚް ބަޔާންކުރައްވާފައި އެވަނީ މުސްލިމުންނަކީ އެމީހުންގެ އަޚުންގެ ޙިމާޔަތުގައި ނުކުންނަން ޖެހޭނެ ބައެއް ކަމެވެ. 

މުސްލިމުންނަކީ ޚާއްޞަކޮށް އިސްލާމް ދީނަށް އަނިޔާކުރާނަމަ އެކަންކަމާއި ދެކޮޅަށް ކެރިގެން ތެދުވެ، ނުކުންނަން ޖެހޭނެ ބައެކެވެ. އިސްލާމް ދީނަށް އަނިޔާކުރުން ހުއްޓުވަން އެމީހަކަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށްވެސް އޮތް އެންމެ ބޮޑު ފަރުދީ ޒިންމާއެވެ! ދީނީ ވާޖިބެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން