ތިބާގެ އަގުވެއްޓޭ ގޮތަށް ކުރެވިފައި ހުންނަ ކަންކަން ލޯބިވެރިޔާއަށްވެސް އަދި އެއްވެސް މީހަކަށް ކިޔައިދީގެން ނުވާނެ ސަބަބު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ތިބާގެ އަގުވެއްޓޭ ގޮތަށް ކުރެވިފައި ހުންނަ ކަންކަން ލޯބިވެރިޔާއަށްވެސް އަދި އެއްވެސް މީހަކަށް ކިޔައިދީގެން ނުވާނެ ސަބަބު-

ލޯބިވެގެން އުޅޭއިރު ބައެއް މީހުންގެ ވަރަށް ސުވާލުތައް ގިނަވާނެއެވެ. ވަރަށް ގިނަ ކަންކަން އޮޅުންފިލުވަން މަސައްކަތްކުރާނެއެވެ. އެހެންވެ ބައެއްފަހަރު އެމީހަކު ދެކެ ބައެއް މީހުން ފޫހިވެ ގުޅުން ކަނޑާލައެވެ.  

އެގޮތަށް ކަންތައް ކުރުމަކީ ކުރެވޭ މޮޔަކަމެކެވެ. ހެދޭ ގޯހެކެވެ. ސަބަބަކީ ވިސްނުން ތޫނު، ދުރަށް ވިސްނާ މީހުން އެމީހުންނާއިއެކުގައި ޢުމުރަށް ދިރިއުޅޭނެ ބައިވެރިއަކު ހޯދާނަމަ އަނެކާގެ ހުރިހާ ޙަޤީޤަތްތަކެއް ހޯދަން މަސައްކަތްކުރާނެއެވެ. ފަހުން ކުރިމަތިވެދާނެ ކަންކަމަށް ވިސްނައި އެފަދަ ކަމެއް މެދުވެރިވެއްޖެނަމަ އަނެކާ ޢަމަލުކުރާނެ ގޮތްވެސް އޮޅުންފިލުވަން ބޭނުންވާނެއެވެ.  

އެއާއި ޚިލާފަށް ދިރިއުޅުމަށް މާބޮޑު ސަމާލުކަމެއް ނުދޭ މީހުންގެ ސުވާލުތައް މަދުވާނެއެވެ. އެމީހުން ވިސްނާނީ ހަމައެކަނި އުފާވެރިކަމަށެވެ. އެމީހުންނަށް އުފާވެރިކަން ލިބުމަށެވެ. ކުޑަ ދުވަސްކޮޅަކަށް ނަމަވެސް އެމީހުންނަށް އުފާވެރިކަން ލިބިއްޖެނަމަ އެމީހުންނަށް އެއޮތީ އެމީހުންގެ ބޭނުން ފުދިފައެވެ.  

ވީމާ ލޯބިވެރިޔާ ކިތަންމެ ގިނަ ސުވާލުތަކެއް ކުރިނަމަވެސް ފޫހިނުވެ ޖަވާބުދޭން މަސައްކަތްކުރާށެވެ. ޖަވާބު ދެވެން ނެތް ސުވާލެއް ކޮށްފިނަމަ ޖަވާބު ނުދިނުމަކީ މައްސަލައެއް ނޫނެވެ. މިޘާލަކަށް ކުރީގެ ލޯބިވެރިޔާ އާއި ގުޅުން އޮތް މިންވަރު ފަދަ، އޭނާއާއިއެކު މިވެނި އެވެނި ކަމެއް ކުރިންތޯ ސުވާލުތައް ކޮށްފިނަމަ އެއީ މިހާރު ނިމިފައި އޮތް ކަމެއް ކަމަށާއި އެދުވަސްތައްމަތިން ހަނދާންކުރަން ބޭނުންނުވާކަމަށް ބުނެފައި ނިންމައިލާށެވެ.

ސަބަބަކީ ކުރިން ކުރެވިފައިވާ ތިމާގެ އަގުވެއްޓޭފަދަ ކަންކަމުގެ ވާހަކަތަކަކީ ޙަޔާތުގެ ސިއްރުތަކެވެ. އެފަދަ ކަންކަން ހާމަކުރުމުން ލިބޭނީ އަނިޔާއެވެ. ﷲ ތަޢާލާ ތިބާގެ ޢަބުރު ރައްކައުތެރިކޮސް ދެއްވަވާފައި ވަނިކޮށް އެކަން ބޭޒާރުކޮށްގެން ނުވާނެއެވެ. އެހެނީ ކުރެވިފައި ހުންނަ ފާފަތަކުގެ ވާހަކަ ދެއްކުމަކީވެސް އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން