އަހުރެންގެ ވާހަކަ ކުރިއަށް ގެންދިއުމުގެ ކުރިން ބުނެލާނަމެވެ. ސުރުޚީއެއްގެ ގޮތުންނެވެ. މީސްތަކުންނަށް ދައްޖާލު ދައްކާ ކޮންމެ ކަމެއް ދެއްކެނީވެސް ކޮށްދޭ ކޮންމެކަމެއް ކޮށްދެވެނީވެސް އެކަމެއް ﷲ ތަޢާލާ ހިންމަވައިދެއްވެވުމުންނެވެ. އިރާދަކުރެއްވެވުމުންނެވެ. ދައްޖާލަކީ އެއްވެސް އަމިއްލަ ބާރެއް ލިބިގެންވާ މީހަކުނަމަ މަދީނާއަށް ނުވަދެވެނީ ކީއްވެގެން ހެއްޔެވެ؟ އޭތި ޤަތުލުކޮށްލެވެނީ ކީއްވެގެން ހެއްޔެވެ؟
އިހަށް ދައްޖާލުގެ ވާހަކަ ބާއްވާށެވެ! މިއަދުގެ ޙާލަތަށް ބަލައިފިނަމަ ކޮންމެ ކަމަކަށް ހެކި ލޮލަށް ފެންނަން އެބަޖެހެއެވެ. ލޮލަށް ނުފެންނަނަމަ އެކަމެއް ޤަބޫލުކުރަން ބޭނުމެއް ނުވެއެވެ. މިކަން އިތުރަށް ފުޅައުވަމުންގޮސް ލޮލަށް ﷲ ތަޢާލާ ފެންނަން ބޭނުންވާ ބައަކުވެސް އެބައުޅެއެވެ.
ކީރިތި ޤުރްޢާނާއި ޙަދީޘްފުޅުތައް ބަލައިގަންނަން ބައަކަށް އުނދަގޫވެގެން އުޅޭ ސަބަބަކީވެސް ހަމައެއީއެވެ. ހުރިހާ ކަންކަމުގެ ހެކި ލޮލަށް ނުފެންނާތީއެވެ. މަރުވީމާ ދެން ކަންތައްތައް ވާނެ ގޮތް ލޮލަށް ނުފެންނާތީއެވެ. ނަރަކަ އާއި ސުވަރުގެވެސް ލޮލަށް ނުފެންނާތީއެވެ.
މިގޮތުން ދެކެވޭ ވާހަކަތަކުގެ ޙަޤީޤަތަށް ބަލައިލަމާ ހިނގާށެވެ! ތެދެކެވެ. ޤުރްއާނާއި ޙަދީޘްފުޅުތަކުގައި ބަޔާންވެގެންވާ ކަންކަމުގެ ތެރެއިން ލޯތަކަށް އަދިވެސް ނުފެންނަ ބައެއް ކަންކަން އަދިވެސް އެބަހުއްޓެވެ. އެކަމަކު ލޯތަކަށް ފެނި ޔަޤީންކުރެވޭ އެއްކަމެއް އެބައޮތް ނޫންހެއްޔެވެ؟ އެއީ ޤުރްއާނާއި ޞަޙީޙް ޙަދީޘްފުޅުކުތަކުން ފެންނަން ހުރި ނުވަތަ އެގެންހުރި އެއްވެސްކަމެއް ދޮގުނުވާކަމެވެ. ފަހުން ވާނެކަމަށް ފެންނަންހުރި ހުރިހާ ކަމެއްވެސް ވަމުންދާ ކަމެވެ. އެވަރުންވެސް ހަމަ ނުފުދެނީ ހެއްޔެވެ؟
މީސްތަކުންނޭވެ! އެހައި ފަސޭހައިން މީސްތަކުން ދައްޖާލަށް މީސްތަކުން ހެއްލިގެންދަނީ މިބުނި ސަބަބުތަކަށްޓަކައެވެ. ދައްޖާލު ބުނަނީ އޭނާޢަކީ ކަލާނގެ ކަމަށެވެ. އެމީހުންނަށް އެކަލާނގެ އެބަ ފެނެއެވެ. މީސްތަކުން އެދޭކަންކަން ދައްޖާލުކޮށްދެނީ (އެކަންކަން ﷲ ތަޢާލާ ހިންމަވައިދެއްވަވަނީ) މީސްތަކުންގެ ކުރިމަތީގައެވެ. ވާރޭފެނަށް އެދުމުން ވާރޭވެހުން ފަދަ ކަންކަމެވެ. މޭވާއާއި ތަރުކާރީ ފަދަ ތަކެތި ވަޤުތުން ލިބުމެވެ.
މިކަންކަމަށް ވިސްނުމުން އެނގެނީ ދުނިޔެ ނިމެނީ ކަމާއި މައިދައްޖާލު ފައުޅުވުމުގެ ދުވަސް ދާދިގާތްވެއްޖެކަމެވެ. އަދި މީސްތަކުންނަށް މިދެވެނީ ދައްޖާލަށް މަރުޙަބާކިޔެން ތައްޔާރުވެވެމުން ކަމެވެ. ޤަޞްދުގައި ނޫންނަމަވެސް ކަންކަން ވަމުން މިދަނީ މިބަޔާންކުރި ގޮތަށް ނޫންހެއްޔެވެ؟
މީސްތަކުންނޭވެ! ޤުރްއާނާއި ޙަދީޘްފުޅުތަކުގައިވަނީ ތެދުކަން އެންމެ ބޮޑަށް ޔަޤީންވެގެންދާ ސަބަބަކީ ބަޔާންވެގެންވާ އެއްވެސް ކަމެއް ދޮގުނުވާކަމެވެ. ބަޔާންވެގެންވާ ތަރުތީބުން ކަންކަން ހިނގަމުން އަންނަކަމެވެ. ޢިމާރާތް އުސްކުރުމުގައި ވާދަކުރުން، އެކަމަށް ފަޚުރުވެރިވުން، ވިޔަފާރިތައް ގިނަވެ ކޮންމެ ދެމަފިރިއަކު ވިޔަފާރިކުރުން ފަދަ ފަހުޒަމާނުގައި ވާނެކަމަށް ބަޔާންވެގެންވާ ހުރިހާ ކަންކަން މިދަނީ ވަމުން ނޫންހެއްޔެވެ؟
ވީމާ ބުއްދީގެ ބޭނުންކުރާށެވެ! ﷲ ތަޢާލާގެ މަގުގައި ޘާބިތުވާށެވެ. ދައްޖާލުގެ ފިތުނަތަކުން ސަލާމަތްކުރެއްވެވުން އެދި ދުޢާކުރުން ގިނަކުރާށެވެ! ކިރިޔާވެސް ސަލާމަތްކަމެއް ލިބުންވަނީ ޝައްކުކުރުމަކާއި ނުލައި ޤުރްއާނާއި ސުންނަތް ޤަބޫލުކޮށް ޔަޤީންކޮށް ޢަމަލުކުރިވަރަކުންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން