ބިލިއަނަރެއްގެ ގެއަށް ދިއުމަށް ތިބާއަށް ދަޢުވަތެއް ލިބުނީއެވެ. ކޮންމެވެސް ހަދިޔާއެއް ގެންދަން ބޭނުންވާނެއެވެ. އަތުގައި އެއްވެސް ފައިސާއެއް ނެތެވެ. އަތުގައި ހުރި ވަކިލާރިކޮޅު އެއްކޮށްގެންވެސް ގަންނަން ލިބުނީ އެންމެ ޢާފަލެކެވެ.
ނިކަން ބުނެބަލާށެވެ! ރަށުގެ ހުރިހާ ފިހާރަތަކެއް ގެނެލެވޭވަރުގެ މީހަކަށް ތިބާ ގެންދިއަ އާފަލު އެއްވެސް ވަރަކަށް ބޭނުންވާނެ ހެއްޔެވެ؟ ބިލިއަނަރުގެ ކުރިމަތީގައި އެއިގައި ހުންނާނީ ކޮންއަގެއް ހެއްޔެވެ؟ އެއާފަލު ހިފައިގެން ތިބާ ގޮސް އެ ބިލިއަނަރުގެ ކުރިމަތީގައި ހުއްޓިހުންނާނީ މާއަގުހުރި އެއްޗެއް ގެންދެވިގެން އެކަމުގެ ފަޚުރުވެރިކަމުގައި ހެއްޔެވެ؟ ނުވަތަ ގެންދާނެ އެއްޗެއް ނުލިބުނީތީ ލަދުންހެއްޔެވެ؟
ދެން އަޑުއަހާށެވެ! ތިބާކުޅަ ހެޔޮ ޢަމަލުތައް ކިތަންމެ ގިނަ ނަމަވެސް އެޢަމަލުތައް ހިފައިގެން ގޮސް ﷲ ތަޢާލާގެ ޙަޟްރަތުގައި ހުއްޓި ހުންނަން ޖެހޭނެ ވަޤުތު ހިތަށް ގެންނާށެވެ.
ހެޔޮ ޢަމަލުކުރެވޭނަމަ އަހުރެމެންނަށް ޤަބޫލުމިކުރެވެނީ މިކުރެވެނީ މާބޮޑު ކަމެއް ކަމަށެވެ. ނަމަވެސް ނިކަން ވިސްނައިލަބަލާށެވެ! ނަމާދުކުރަނީ އަހުރެމެންނަށްޓަކައެވެ. ޞަދަޤާތްކުރަނީވެސް އަދި އެހެންކަންކަން ކުރަނީވެސް ހަމަ އަހުރެމެންނަށްޓަކައެވެ. އެކަމުން ފައިދާކުރާނީ ހަމައެމީހަކަށެވެ.
އަހުރެމެން އެއްވެސް މީހެއްގެ ކިބައިން ނުވަތަ އެނޫންފަރާތަކުންވެސް ﷲ ތަޢާލާ އެއްވެސް ކަމަކަށް ބޭނުންފުޅުވެވޮޑިގެނެއް ނުވެއެވެ. އެކަލާނގެއީ ހުރިހާ ކަމަކުން ފުދިވޮޑިގެންވާ ރަސްކަލާނގެއެވެ. މުޅި ދުނިޔެއާއި ދުނިޔޭގައިވާހައި އެއްޗަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެއްވެސް އެއްޗެއް ނޫނެވެ. ޙަދީޘްފުޅުގައި އޮތީ މަދިރިއެއްގެ ފިޔައިގެ ބުރަދަންވެސް ނެތް ކަމަށެވެ.
ވީމާ ހެޔޮ ޢަމަލުތައް ކުރުން ގިނަކުރަންވީ ހަމަ އެމީހަކަށް ފައިދާއަކަށެވެ. މިކަންކަމަށް ނުވިސްނޭނަމަ އެމީހަކު އހުރީ ވަރަށް ބޮޑު ނުކުޅެދުންތެރިއެއްގެ ގޮތުގައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން