ޢަލީ އިޙްޞާން ފިރާޤް
ދުލަކީ ކިތަންމެ ކުޑަ ގުނަވަނެއް ނަމަވެސް ދުލަކީ އެންމެ މުހިންމު އެއް ގުނަވަނެވެ. މިލިޔުމުގައި އެވަނީ ދުލާއި ބެހޭ ގޮތުން އެނގުން ވަރަށް މުހިންމު ގިނަ މަޢުލުމާތުތަކެކެވެ.
ދުލަކީ އިންސާނާގެ އަނގައިގެ ތެރޭގައިވާ ފިޔާތޮށި ކުލައިގެ ގުނަވަނެކެވެ. ދުލުގެ ތެތްކަން ހިފެހެއްޓިފައިވަނީ އަނގައިގެ ތެރޭގައިވާ ކުދި އަދި ބޮޑެތި ކުޅު ދޫކުރާ ގްލޭންޑްތަކުގެ އެހީގައެވެ. އެކި މީހުންގެ ދުލުގެ ދިގުމިން ތަފާތުވެފައިވެއެވެ. އެވްރެޖުގޮތެއްގައި އިންސާނާގެ ދުލުގެ ދިގުމިނެއް ގޮތުގައި ބެލެވިފައިވަނީ 10 ސެންޓިމީޓަރެވެ.
ދުލުގެ ބައިތައް މައިގަނޑުގޮތެއްގައި ތިން ބަޔަކަށް ބަހައިލެވިފައިވެއެވެ. އެއީ؛
• ދުލުގެ ކޮޅު ( tip or apex ) : މިއީ ދުލުގެ އެންމެ ހަރަކާތްތެރި ބައެކެވެ.
• ދުލުގެ މައިގަނޑު ނުވަތަ ހަށިގަނޑު (body of the tongue) : މިއީ ދުލުގެ ކޮޅާ ޖެހިގެން ފަހަތަށް އޮންނަ ބައެވެ. މި ބައިގައި ރަހަބެލުމަށް އެހީތެރިވެދޭ ތަންތަން އަދި ލިންގުއަލް ޕެޕިލާތައް ހުރެއެވެ.
• ދުލުގެ ބުޑު (base of the tongue) : މިއީ ދުލުގެ އެންމެ ފަހަތުބައެވެ. މިބަގައިގައި ފޮލިއޭޓް ޕެޕިލާ އާއި ލިންގުއަލް ޓޮންސިލް ހުރެއެވެ.
ދުލުގެ ވަޒީފާ:
ދުލަކީ އިންސާނާގެ ހަށިގަނޑުގައިވާ ވަރަށް މުހިންމު ގުނަވަނެކެވެ. ތިރީގައި މިދަންނަވައިލަނީ ދުލުގެ މައިގަނޑު ވަޒީފާތަކެވެ.
• ކާނާ ހެފުމުގައި އެހީތެރިވެދިނުން
• ކާނާ ދިރުވުމުގައި އެހީތެރިވުން
• ވާހަކަ ދެއްކުމަށް އެހީތެރިވުން
• ރަހަބެލުމަށް އެހީތެރިވުން
ޓޭސްޓް ބަޑްސް
ޓޭސްޓް ބަޑްސް ( taste buds) އަކީ، އޯރަލްކެވިޓީ ނުވަތަ އަނގައިގެ ތެރޭގައިވާ ކުދިކުދި ސެންސަރީ ގުނަވަންތަކެކެވެ. މި ކުދިކުދި ގުނަވަންތަކުގައި އިންސާނާގެ ހަމަލޮތައް ނުފެންނަވަރުގެ މައިކްރޯވިލައި ތަކެއް ހުރެއެވެ. އޭގެ މަސައްކަތަކީ އިންސާނާގެ ސިކުނޑިޔަށް މެސެޖް ފޮނުވައިގެން ކާތަކެތީގައި ނުވަތަ ބޯތަކެތީގައި ލަނީ ކޮން ރަހައެއްތޯބެލުމެވެ. އެންމެ ގިނައިން ޓޭސްޓް ބަޑްސް ހުންނަނީ ދުލުގައެވެ. އިންސާނާއަށް އާންމު ގޮތެއްގައި ލަންސު ކުރެވެނީ ފަސް ބާވަތެއްގެ ރަހައެކެވެ. އެއީ
• ހުތްރަހަ (sour) : ހުތްރަހަ އުފެދިގެން އަންނަނީ ވިނެގަރ އާއި ސިޓްރިކް އެސިޑްފަދަ ކޮމްޕައުންޑްތަކުންނެވެ.
• ލޮނުރަހަ (salty) : ލޮނު ރަހަ އުފެދެނީ ސޯޑިއަމް ކްލޮރައިޑް (ޓޭބަލް ސޯލްޓް) އަދި ސޯޑިއަމް ބައިކާބަނެޓް (ބެކިންގ ސޯޑާ) ފަދަ ސޯޑިއަމް އަޔަން ހިމެނޭ ލޮނުތަކުންނެވެ. ޕޮޓޭސިއަމް، ލިތިއަމް އަދި އެހެނިހެން އެލްކަލީ މެޓަލް އަޔަން، ހިމެނޭ ލޮނުތަކުން ވެސް މަޑު ލޮނު ރަހައެއް އުފެދެއެވެ.
• ހިތިރަހަ (bitter) : މިއީ ގިނަ އޯރގަނިކް ކޮމްޕައުންޑްތަކަކުން އުފެދިގެން އަންނަ ރަހައެކެވެ. މިއީ މީހުން އެހާ ގަޔާވާ ރަހައެއް ނޫނެވެ.
• ފޮނިރަހަ (sweet) : މި ފޮނި ރަހަ އުފައްދަނީ ސުކްރޯޒް އަދި ފްރަކްޓޯޒް ފަދަ ކާބޯހައިޑްރޭޓްތަކުގެ އިތުރުން އާޓިފިޝަލް ފޮނި މާއްދާތަކުންނެވެ.
• އުމާމީ (umami) : އުމާމީ ނުވަތަ ސެއިވްރީ (savory) އަކީ ރަހަތަކުގެ ތެރެއިން އެންމެ ފަހުން ހޯދުނު ރަހައެވެ. މި ރަހަ ލަނީ ކެމިކަލް ގްލޫޓަމޭޓް (glutamate) ހުރުމުގެ ސަބަބުންނެވެ. މަސް، މަސް، ޗީޒް، މި ހުރިހާ އެއްޗެއްގައި ވެސް ގްލޫޓަމޭޓް ހިމެނެ އެވެ.
ދުލުގައި ހުންނަ ޕެޕިލާތައް:
ދުލަށް ރާޅުކަން ގެނެސްދެނީ ދުލުގައި ހުންނަ ޕެޕިލާތަކުގެ ސަބަބުންނެވެ. ދުލުގައި ހުންނަ ޓޭސްޓްބަޑުތައް ހުންނަނަކީ ޕެޕިލާތަކުގައެވެ. ދުލުގައި ހަތަރު ވައްތަރެއްގެ ޕެޕިލާއެއް ހުރެއެވެ. އެއީ
• ފިލިފޯމް (Filiform papillae): ދުލުގައި ހުންނަ ޕެޕިލާތަކުގެ ތެރެއިން އެންމެ ގިނައީ މިބާވަތުގެ ޕެޕިލާއެވެ.
• ސާރކަމްވެލެޓް (ނުވަތަ ވެލެޓް) (Circumvallate (Vallate): ދުލުގައި ހުންނަ ޕެޕިލާތަކުގެ ތެރެއިން އެންމެ ބޮޑެތީ މިބާވަތުގެ ޕެޕިލާއެވެ.
• ފަންޖިފޯމް (Fungiform papillae):
• ފޮލިއޭޓް (Foliate papillae)
މިދެންނެވުނު ޕެޕިލާތަކުގެ ތެރެއިން ޓޭސްޓްބަޑު ނުހުނަ ހަމައެކަނި ޕެޕިލާއަކީ ފިލިފޯމް ޕެޕިލާއެވެ.
ދުލުގެ ރައްކާތެރިކަމަށް ކުރެވިދާނެ ބައެއް ކަންތައްތައް:
ދުންޔަވީ ގޮތުންނާއި އުޚުރަވީ ޙަޔާތަށްޓަކައި ދޫ ރައްކާތެރި ކުރާނެ ގޮތްތައްވަނީ އިސްލާމްދީނުގައި އަންގަވައިފައެވެ. އެގޮތުން ދުލުގެ ޞިއްޙަތަށްޓަކައި ދަތްއުނގުޅާ ކޮންމެ ފަހަރަކު ދޫވެސް އުނގުޅައިލުން ހިމެނެއެވެ. ނަމަވެސް ދޫ އުނގުޅާއިރު މަޑުމަޑު އުނގުޅުމަކީ ވަރަށް މުހިންމު ކަމެކެވެ. އެއީ ދުލަށް ގެއްލުމެއްވެދާނެތީއެވެ.
އަނގައިގެ ސާފުތާހިރު ކަމަކީ އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރު އަޅުވައިފައިވާ ކަމެކެވެ. އުއްމަތުގެ މީސްތަކުންނަށް ބުރަކަމެއްކަމުގައި ނުވާނަމަ ކޮންމެ ނަމާދަކަށް ދަތްއުނގުޅުމަށް އަމުރުކުރެއްވީސްކަމަށް މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ޙަދީޘް ބަސްފުޅުގައި އައިސްފައިވެއެވެ.
މީގެ އިތުރުން ގިނައިން ފެން ބުއިމާއި، ރަނގަޅު ކާނާ ކެއުމަކީވެސް ދުލުގެ ޞިއްޙަތު ދެމެހެއްޓުމަށްޓަކައި ކުރެވިދާނެ ކަންތައްތަކެވެ.
އުޚުރަވީ ޙަޔާތަށްޓަކައި ދޫ ރައްކާތެރިކުރުމުގެ މާނަ އަޅުގަނޑު ހިތުން ހަމަ ކޮންމެ މުސްލިމަކަށްވެސް އެނގޭނެއެވެ. ޢިލްމުވެރިންގެ ލިޔުއްވުންތަކުންނާއި، ދަރުސްތަކުން ނުބައިބަސްތަކުން ދޫރައްކާތެރިކުރުމުގެ މުހިންމުކަން ބަޔާންކޮށްދެއްވައެވެ.