"މިވެނި އެވެނި ޢިލްމްވެރިންނަށް އެތައް ފަހަރަކު ގުޅައިފިން! ފޯނެއް ނުނަންގަވާ! މެސެޖްުވެސް ކޮށްފިން. ޖަވާބެއް ނުދެއްވާ!" މީގެ އިތުރުން "އެތައް ފަހަރަކު މެސެޖްކުރީމާ ދެއްވީ ނުވެސ ގުޅޭ ޖަވާބެއް" ކަމަށް ބުނެ ޝަކުވާ ކުރާ މީހުން މަދެއް ނޫނެވެ.
މިޔުންތެރިންގެ ކިބައިން ލިބޭ މިފަދަ ޝަކުވާތަކާއި ގުޅިގެން ފުރަތަމަވެސް ބުނަން ޖެހެނީ އެފާހަގަ ކުރައްވަވަނީ ބައެއް ޢިލްމުވެރިންގެ މައްސަލައެވެ. ވަޤުތުވާވަރަކުން ފޯނުކޯލްތަކަށާއި މެސެޖްތަކަށް ފަރުވާތެރިކަމާއިއެކު ޖަވާބު ދެއްވާ ޢިލްމްވެރިންވެސް އެބަތިއްބެވިއެވެ.
ބޭރުގެ ބައެއް ޢިލްމްވެރިން ހިލޭ ސާބަހަށް މީހުންގެ ސުވާލުތަކަށް ޖަވާބުދެއްވައެވެ. އެވަޤުތުގައި ސުވާލުނުކުރެވޭ މީހުންނަށް، ނުވަތަ ގިނަ ވަޤުތު ބޭނުންވާ މީހުންގެ އަތުން އަގެއް ނަންގަވައިގެންވެސް ކަންކަން އޮޅުންފިލުންވައިދެއްވައެވެ. އެބޭފުޅުން ވިދާޅުވަނީ އަގު ނަންގަވަނީ އުނގަންނައި ދެއްވުމަށް ނޫންކަމަށާއި އަގުނަންގަވަނީ ހޭދަކުރައްވާ ވަޤުތައް ކަމަށެވެ. އޮންލައިންކޮށް ކިޔަވައިދެއްވަން އަގުނަންގަވާ އުޞޫލުން ކަމަށެވެ.
ޢިލްމްވެރިންނަކީ ދިރިއުޅުމުގެ ކަންކަމަށް ފައިސާ ބޭނުންވާނެ ބައެކެވެ. ވީމާ އަގެއް ނެންގެވުމަކީ މައްސަލައެއް ނޫނެވެ. އަގެއް ނަންގަވާފައިވެސް ކަންކަން އޮޅުންފިލުވައި ދެއްވުމަކީ މުހިންމު ކަމެކެވެ.
ޢިލްމް އުނގެނިވަޑައިގެން ތިއްބަވައި ވަޤުތު އޮންނަ މިންވަރަކުން އެހެން މީހުންނަށް މަޢުލޫމާތު ޙިއްޞާ ނުކުރައްވާނަމަ އެއީ ހިތާމަހުރި ކަމެކެވެ.
ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!
ޢިލްމު އުނގެނެންވާނީ އެ ޢިލްމެއްގެ ސަބަބުން މީސްތަކުންނަށް ފައިދާއެއް ކޮށްދިނުމުގެ ނިޔަތުގައެވެ. ތިމާގެ އަމިއްލަ މަންފާއަކަށްޓަކައި ޢިލްމު އުނގެނުމަކީ ބިރުހުރި ކަމެކެވެ. އެހެނީ ޙަދީޘްފުޅުގައި އޮތީ އެމީހާގެ އަމިއްލަ މަންފާއަށް ޢިލްމު އުނގެނޭ މީހުން ސުވަރުގޭގެ ވަސްވެސް ނުދެކޭނެ ކަމަށެވެ.
މިޙަދީޘްފުޅުގައި މިވަނީ ހަމައެކަނި ދީނީ ޢިލްމުވެވާހަކައެއް ނޫނެވެ! މީސްތަކުންނަށް ފައިދާކުރާނެ ކޮންމެ ޢިލްމެއްވެސް ޙާޞިލުކުރަންވީއެވެ. ޙާޞިލުކުރުމަށްފަހު އެ ޢިލްމުގެ ފައިދާ އެހެންމީހުންނަށް ފޯރުކޮށްދޭންވީއެވެ.
މިޙަދީޘްފުޅުން އެނގިގެން މިދަނީ ޢިލްމް ޙާޞިލުކުރުމަށްފަހު އެޢިލްމް އެހެން މީހުންނަށް އުނގަންނައިދިނުމުގެ މުހިންމުކަމެވެ. އެކަމުގެ ފައިދާ އެހެން މީހުންނަށް ފޯރުކޮށްދިނުމުގެ މުހިންމުކަމެވެ.
މިޒަމާނުގައި ވައްކަންކުރުމާއި މަކަރާ ހީލަތް ހެދުމާއި މަސްތުވާތަކެއްޗާއި ބަނގުރާ އުފެއްދުމާއި ހެކްކުރުމާއި އެނޫންވެސް މީހުންނަށް ގެއްލުންދޭ އެތައް ޢިލްމެއް އެބައުނގެނެއެވެ. ﷲ ޙަރާމް ކުރެއްވެވި އެއްވެސް ކަމެއްގެ ޢިލްމު ޙާޞިލުކުރުން މުސްލިމުންނަށް ހުއްދައެއް ނޫނެވެ.
- މަޢްލޫމާތު: އުސްތާޛް ޙުސައިން ރަޝީދު އަހްމަދު