ޒަމާން ފަސްވާވަރަކަށް ކުއްލި މަރުތައް ގިނަވާނެއެވެ. ބޭސްފަރުވާގެ ގޮތުން ކިތަންމެ ބޮޑަށް ކުރިއަރައިދިއަނަމަވެސް އެކަމެއް ނުހުއްޓުވޭނެއެވެ. ޑޮކްޓަރުން ބުނާނީ ހާޓް އެޓޭކެއް ޖެހުން ފަދަ ކަމެއް މެދުވެރިވީކަމަށެވެ. އެއީ ސަބަބެއް ހެއްޔެވެ؟ މަރުވާނީ ހިތްހުއްޓިގެންކަން ނުއއެނގެނީ ކާކަށް ހެއްޔެވެ؟
ވަކި ޤައުމެއްގައެއް ނޫނެވެ. މިފަހަކަށް އައިސް ހުރިހާ ޤައުމުތަކެއްގައިވެސް ކުއްލި މަރުތައް އިތުރުވަމުންދާކަން މުޅި ދުނިޔެވެސް ޤަބޫލުކުރެއެވެ. އެންމެ ބޮޑަށް ތަހްޒީބުވެ ިއްޙީ ގޮތުންވެސް އެންމެ ކުރިއަރާފައިވާ ޤައުމުތަކުގައިވެސްމެއެވެ.
ކުއްލިމަރުގައި ކޮންމެ ދުވަހަކު އެތައް ބައަކު އެބަ މަރުވެއެވެ. ކޮންމެ ޤައުމެއްގެ ނޫސްތަކުގައިވެސް މިފަދަ ޚަބަރުތައް ކޮންމެ ދުވަހަކުވެސް ލިޔެ ހާމަކުރެއެވެ. ހަމަ އެފަދައިން އާދައާއި ޚިލާފް ޙާދިސާތަކުގައި ކޮންމެ ދުވަހަކު އެތައް ބައަކު އެބަ މުރުވެއެވެ. މީގެ އިތުރުން ފެތުރެމުންދާ ގޮތް ނުއެނގޭ ބަލިތަކުގައި ކޮންމެ ދުވަހަކު އެތައް ބައަކު ދަނީ މަރުވަމުންނެވެ.
މިކަންކކަމުގެ ޚަބަރުތައް ނޫސްތަކުން އެބަ ކިޔަމުއެވެ. ޓީވީން ބަލަމުއެވެ. އެވަގުތު ހިތަށް ގޮތްތަކެއްވެސް ވެއެވެ. ނަމަވެސް އިރުކޮޅެއްވާއިރަކު ކަމެއްވީކަންވެސް ހަނދާނެއް ނުހުރެއެވެ. މިއަދު މަރުވި މީހުން ފަދައިން ހަމަ ކުއްލިއަކަށް ތިމާ މަރުވެދާނެތީ ބިރެއްވެސް ނުގަނެއެވެ. އަޅެ އިންސާނުން ވެފައި މިތިބީ ކިހިނެއް ހެއްޔެވެ؟
މީސްތަކުންނޭވެ! ހޭލުންތެރިވާށެވެ! ކަންބޮޑުވާންވީ މީހަކު މަރުވެގެނެއް ނޫނެވެ. މިބުނަނީ މީހަކު މަރުވުމުން އެކަމުގެ ހިތާމައިގައި ބައިވެރިނުވާ ވާހަކައެއް ނޫނެވެ. މިބުނަނީ އެހެން މީހަކު މަރުވެގެން ކަންބޮޑުވުމަށްވުރެ މުހިންމުކަން ބޮޑި އެމީހަކު މަރުވެދާނެކަމަށް ބިރުގަތުން ކަމަށެވެ.
ކިތަންމެ ވަރަކަށް ބިރުގަތް ނަމަވެސް މަރުވާނެ ކަމަށް ބުނެ ނިންމައެއް ނުލެވޭނެއެވެ! އެހެނީ ކޮންމެ ވަގުތަކުވެސް މަރުވެދާނެ ކަމުގެ އިންޒާރަކީ ﷲ ތަޢާލާ ދެއްވަވާފައިވާ އިންޒާރެކެވެ. ހަމައެކަނި އެ އިންޒާރު ދެއްވެވީއެއް ނޫނެވެ. އަބަދުވެސް ހުންނަން ޖެހޭނީ މަރަށް ތައްޔާރުވެގެން ކަމަށްވެސް ވަނީ އަންގަވާފައިވަނީ ހަމަ ﷲ ތަޢާލާއެވެ.
ކުއްލި ގޮތަކަށް އެތައް ބައަކު މިއަދު މަރުވި ޚަބަރު މިއަދު ތިއަ ކިޔަނީ ތިބާއެވެ! ކުއްލި ގޮތަކަށް ތިބާ މިއަދު މަރުވި ޚަބަރު މާދަމާ ނުވަތަ މިއަދު ކިޔާނީ އެހެން ބައެކެވެ. ނިކަން މިކަންކަމަށް ވިސްނައި ފިކުރުކޮށްލައިބަލާށެވެ! ހޭލުންތެރިވެބަލާށެވެ! ﷲ ތަޢާލާ ދެއްވަވާފައިވާ ބުއްދީގެ ބޭނުން ނިކަން ހިފައިބަލާށެވެ!
މުސްލިމް އަޚުންނާއި އުޚުތުންނޭވެ! ކޮންމެ ވަގުތަކުވެސް މަރާއި ކުރިމަތިލާން ޖެހިދާނެކަން އަހަރެމެން އެނެމެން ވެސް އެބަ ޤަބޫލުކުރަމުއެވެ. ނަމަވެސް އެކަމުގެ ސަބަބުން ހިތަށް ބިރުވެރިކަން ނުވަންނަ ނަމަ އީމާންތެރިކަން ހިތުގައި އެބައޮތްތޯ އަމިއްލަ ނަފުސާއި ނިކަން ސުވާލުކޮށްލައިބަލާށެވެ!
ހޭލުންތެރިވުން އަވަސްކުރާށެވެ! ތައުބާވާށެވެ! ހެޔޮ އަމަލުތައް ކުރުން ގިނަކުރާށެވެ. މަރަށް ތައްޔާރުވެ ހުރުމަކީ އެއީއެވެ. ޚަބަރުތައް ކިޔައި ކަންބޮޑުވުމެއް ނޫނެވެ! ޚަބަރުތައް ކިޔައި ކަންބޮޑުވާނަމަ ކުރަން ޖެހޭ ކަންކަން މިބަޔާންކުރީއެވެ. އަދިވެސް އެއްފަހަރު ތަކުރާރުކޮށްލާނަމެވެ. ކޮންމެ ވަގުތަކުވެސް މަރާއި ކުރިމަތިލާން ޖެހިދާނެކަމަށް ބަލައި އެކަން ހިތުގެ އަޑިން ޤަބޫލުކޮށް ހޭލުންތެރިވުން އަވަސްކުރާށެވެ! އަވަހަށް ތައުބާވާށެވެ! ހެޔޮ އަމަލުތައް ކުރުން ގިނަކުރާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން