މިޙަޤީޤަތްތަކަށް ވިސްނައިފި މީހަކު އެންމެ ފާފައެއްވެސް ނުކުރަން ގަދައަޅައި މަސައްކަތްކުރާނެ!: އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 15ސ
މިޙަޤީޤަތްތަކަށް ވިސްނައިފި މީހަކު އެންމެ ފާފައެއްވެސް ނުކުރަން ގަދައަޅައި މަސައްކަތްކުރާނެ!: އިން ޝާ ﷲ

ބައަކަށް ޤަބޫލުކުރެވުނަސް އަދި ނުކުރެވުނަސް މުސްލިމުންނަށް ބިރެއް ނެތި ފާފަތައް ކުރެވެނީ ހަމަ ވިސްނައި ނުލެވޭތީއެވެ. ކޮން ކަމަކަށް ހެއްޔެވެ؟ ޤިޔާމަތް ދުވަހާއިމެދުގައެވެ. ނަރަކައިން ލިބޭނެ ގަދަފަދަ ޢަޛާބާއިމެދުގައެވެ. 

ޤިޔާމަތް ދުވަހުގެ ނުވަތަ އާޚިރަތް ދުވަހުގެ ވާހަކަތައް ގިނަގިނައިން އަޑު އެހުމަކީ އީމާންކަން ވަރުގަދަވާ ކަމެކެވެ. މީހެއްގެ ހިތުގައި އީމާންކަން ވަރުގަދަވެ އެމީހެއްގެ ހިތުގައި އާޚިރަތް ދުވަހާއިމެދު ފުރިހަމައަށް ބިރުވެރިކަން އުފެދިއްޖެނަމަ އެމީހާ ފާފަ ކުރަން ޖެހިލުންވާނެއެވެ. ފާފައެއް ކުރެވެން އުޅެވުނު ނަމަވެސް އާޚިރަތް ދުވަސް މަތިން ހަނދާންވެ އެ ފާފައެއް ކުރުމާއި ދުރުހެލިވާނެއެވެ. 

ޤިޔާމަތް ދުވަސް އެއީ އަންނާނެ ދުވަހެއްކަމާއި ހިސާބު ބައްލަވާނެކަމާއި ހެޔޮ އަމަލުކުރިމީހުން ސުވަރުގެ ވައްދަވާނެކަމާއި ފާފަކުރި މީހުން ނަރަކައަށް ވައްދަވާނެކަން އެއީ ކޮންމެ މުސްލިމަކުވެސް ޤަބޫލުކުރާ ކަންކަމެވެ. ސުވާލަކީ އެކަންކަން ޤަބޫލުކުރި ނަމަވެސް ނަރަކައަށް ވަންނަން ޖެހިދާނެ ކަމަށް ގިނަބައަކު ބިރުވެތިނުވަނީ ކީއްވެގެންހެއްޔެވެ؟ 

ދުނިޔޭގެ އުފަލަށްޓަކައި ކުރާ ފާފަތަކުން ލިބެނީ ވަރަށް ކުޑަކުޑަ އުފަލެކެވެ. ދާދި ކުޑަހިނދުކޮޅަކަށެވެ. މިސާލަކަށް ބަލައިފިނަމަ ޙަރާމް ތަކެތި ބޭނުންކޮށް މަސްތުވާ މީހާއަށް އުފަލެއް މިލިބެނީ މަސްތުވެފައި ހުންނަ ވަގުތުކޮޅުއެވެ. ފާހިޝް އަމަލެއް ކުރާމީހާއަށް އުފަލެއް މިލިބެނީ ދާދި މަދު މިނިޓްކޮޅަކަށެވެ. ނަމަވެސް ޢާޚިރަތް ދުވަހުގެ ގަދަފަދަ އަޒާބަކީ ނިމުމެއް ނުވާ އެއްޗެކެވެ. އަދި ނަރަކައިން މީހަކަށް ސަލާމަތްވެވުނު ނަމަވެސް ސަލާމަތްވެވޭނީ ކިތައް ބިލިއަން އަހަރެއް ފަހުންކަން އެނގޭނީ ކިހިނަކުން ހެއްޔެވެ؟ އެކަން އެނގޭނެ އެއްވެސް ގޮތެއް ނެތެވެ. 

އެނގޭ ކަމަކީ ނަރަކައާއި އެންމެ ކުޑަމިނުން ކައިރިވާން ޖެހުމަކީވެސް ކެތް ކުރެވޭވަރުގެ ކަމެއް ނޫން ކަމެވެ. ވީއިރު ކިތަންމެ ކުޑަކުޑަ ހިނދުކޮޅަކަށް ނަމަވެސް ނަރަކައަށް ވަންނަން ޖެހުމަކީ ކާކަށް ކެތް ކުރެވޭނެ ކަމެއް ހެއްޔެވެ؟ 

ނިކަން ވިސްނައިބަލާށެވެ. ދުނިޔޭގައި މިބޭނުންކުރާ އަލިފާނަކީ ނަރަކައިގެ އަލިފާނުގެ ހޫނުމިނުގެ އެންމެ އިންސަތައެއްގެ ހޫނުމިން ހުރި އަލިފާނެވެ. އަލިފާން ހުޅުގަނޑަކަށް އެރުމަކީ ކުރެވޭނެ ކަމަކަށްނުވާއިރު އެފަދަ އަލިފާންގަނޑަކާއި ކައިރިވުމަކީވެސް ކުރެވޭ ކަމެއް ނޫނެވެ. 

ހަމައެއާއިއެކު ވިސްނައިލާށެވެ. ނަރަކައިގެ އެ ހޫނުގަދަ އަލިފާނަށް އެއްލައިލެވެނީ އެއަލިފާނުގެ ހޫނުކަން އިތުރަށް ގަދައަށް އިޙްޞާޞްކުރަން ޖެހުމަށްޓަކައި އެކަމަށް ޚާއްޞަކުރެވިފައިވާ ފޭރާމެއްވެސް ލެވި އެފޭރާމާއިވެސް އެކުގައެވެ. ވީއިރު އިޙްޞާޞްކުރަން ޖެހޭނެ ހޫނުމިން ވިސްނުމަށްވެސް ގެނައުމަކީ ކުރެވޭނެ ކަމެއް ނޫނެވެ! 

އިތުރަށް ވިސްނައިލާށެވެ! އަހަރެމެން ނަރަކައަށް އެއްލައިލެވެނީ ހަމަ އަހަރެމެން ކުރާ އަމަލުތަކުގެ ސަބަބުންނެވެ. ވީމާ އަހަރެމެން އަމިއްލައަށް އެރެނީ ނޫން ހެއްޔެވެ؟ ނަރަކައިގެ އެ ގަދަ ފަދަ އަޒާބު އަމިއްލައަށް ލިބިގަންނަނީ ނޫން ހެއްޔެވެ؟ ވީމާ ބުއްދީގެ ބޭނުން މިއަދު ހިފާށެވެ! ނަރަކައިން ސަލާމަތްވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ.!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

 

މިއަދު އޮންލައިން