އަހުރެމެން މުސްލިމުންގެ މެދުގައިވެސް މިއަދުގެ ޙާލަތަށް ބަލައިފިނަމަ ކަންކަން ހިނގމުން މިދަނީ ހުވަފެނުންވެސް ނުފެންނަފަދަ ގޮތްގޮތަށެވެ. ވަމުން މިދަނީ އެކަމެއް ވެދާނެ ކަމަށް ދުވަހަކުވެސް ހީވެސް ނުކުރާ ކަންކަމެވެ. އެކަމުގެ ކުޑަކުޑަ މިޘާލެއް ބުނެލާނަމެވެ.
މިޘާލަކަށް ދަރިފުޅު މީހަކާއި ކައިވެނިކުރަން ބޭނުންވެގެން މައިންބަފައިން ގާތު ބުނުމުން ތިމާމެން ދުނިޔޭގައި ތިއްބައި ތިއަ ކައިވެނި ނުކުރެވޭނެ ކަމަށް އެބަ ބުނެއެވެ؟ އެކަމުގެ ނަތީޖާ އެނގޭ ހެއްޔެވެ؟ ދަރިފުޅު ތަހައްޖުދު ނަމާދުކޮށްފައި ދުޢާކުރަނީ އޭނާއަށް ރަނގަޅު އެހެން ބައިވެރިއަކު ދެއްވެވުމަކަށްނޫނެވެ. ދުޢާ ކުރަނީ އަވަހަށް މައިންބަފައިން މަރުވުމަށް އެދިއެވެ. ޤަބޫލުކުރަން ބޭނުން ނުވި ނަމަވެސް މިއީ މިއަދު ހަމަ އަހަރެމެން މުސްލިމުންގެ ތެރޭގައި ކަންކަން ހިނގަމުންދާގޮތެވެ!
މިގޮތަށް ކަންތައްތައް ހިނގުމުގައި މައިންބަފައިންގެ ޒިންމާވެސް ކުޑައެއް ނޫނެވެ. އެނގިގެންދަނީ ދަރިން ތަރުބިއްޔަތުކުރުމުގައި އިހްމާލުވެވިފައިވާކަމެވެ. ދަރިންނާއި ވާހަކަދައްކަން ޖެހޭ ކަންކަމުގައި ވާހަކަ ނުދެކެވި އޮތްކަމެވެ. ކައިވެނިކުރާނެ ބައިވެރިއަކު އިޚްތިޔާރުކުރުމުގައި އެއްވެސް ވަރަކަށް މަޝްވަރާނުކުރެވި އޮތް ކަމެވެ. އެހެނީ އެކަންކަމަށް ކުރިންސުރެ މަޝްވަރާކުރެވިފައި އޮތް ނަމަ ދަރިންގެ ކިބައިން މިފަދަ މައްސަލަތައް ކުރިމަތިވާނީ ވަރަށް މަދުންނެވެ. ނުވަތަ ކުރިމަތިނުވީހެވެ.
ދަރިންގެ ހިތްތަކުގައި ﷲ ތަޢާލާއަށާއި މައިންބަފައިންގެ މައްޗަށް ލޯބި އުފައްދުވައިދެވިފައި އޮތްނަމަ ވެސް މިފަދަ ކަންކަން ހަމަ މެދުވެރިއެއް ނުވާނެއެވެ. މިހެން ބުނި ނަމަވެސް އިސްތިސްނާއެއް ހުރެދާނެއެވެ. ކިތަންމެ ރަނގަޅަށް ތަރުބިއްޔަތުކުރި ނަމަވެސް ހާހަކުން ކުއްޖަކު ނުބައި ކަމެއް ކުރުމަކީ އެކަންހިނގަމުންދާގޮތް ކަމަކަށް ނުބުނެވޭނެއެވެ.
މިހާމަކުރީ ހަމަ ހުރިހާ މައިންބަފައިންވެސް މިއަދު އެންމެބޮޑަށް ވިސްނަންޖެހިފައިވާ އެއްކަންތަކެވެ. ދަރިން ކައިވެނިކުރަންޖެހޭނީ ކޮންޝަރުޠުތަކެއް ފުރިހަމަވެފައި ތިބި ބައަކާއިކަން ކުރިއާލައި އަންގައި ނުދެވިއްޖެ ނަމަ "ލޯބި" ދަރިފުޅުގެ ހިތުގެ މައްޗަށް ގަދަވެގަނެ ބާރު ހިންގާނެއެވެ! އެހާލަތުގައި ދަރިފުޅުގެ ހިތް އެހެން ބަދަލުކުރުމަކީ ފަސޭހައިން ކުރެވޭނެ ކަމެއް ނޫންކަން ވިސްނައި ކުރިއާލައި ބައިވެރިޔާ ދެކެ ލޯބިވުމުގެ ޝަރުޠުތައް ރަނގަޅަށް ދަސްކޮށްދޭށެވެ!
- މުފްތީ މެންކުގެ ދަރުސަކުން