ﷲ ތަޢާލާ ދެއްވެވި އިޚްތިޔާރުގެ ބޭނުން ނަހަމަ ގޮތުގަ ހިފައި އެއްވެސް މީހަކު ހިތްދަތިކުރުވައި އަނިޔާ ކުރާކަށް ﷲ ދޫކޮށެއް ނުލައްވަވާނެ! ދަތި އުނދަގޫ ޙާލަތުތައް ކުރިމަތިކުރައްވަވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 26ސ
ﷲ ތަޢާލާ ދެއްވެވި އިޚްތިޔާރުގެ ބޭނުން ނަހަމަ ގޮތުގަ ހިފައި އެއްވެސް މީހަކު ހިތްދަތިކުރުވައި އަނިޔާ ކުރާކަށް ﷲ ދޫކޮށެއް ނުލައްވަވާނެ! ދަތި އުނދަގޫ ޙާލަތުތައް ކުރިމަތިކުރައްވަވާނެ!

އެއްވެސް މީހެއްގެ ހިތްދަތިކުރުވަން، ނުވަތަ އެއްވެސް މީހަކަށް ގެއްލުމެއް ދޭން ނުވިސްނާށެވެ. އިންސާނުންނަށް ﷲ ތަޢާލާ ވަނީ އިޚްތިޔާރުތަކެއް ދެއްވަވައިފައެވެ. އެއިޚްތިޔާރުގެ ބޭނުން ހިފަންވާނީ ހެޔޮ ގޮތުގައެވެ. ނޫންނަމަ ﷲ ތަޢާލާ އެމީހަކަށް ދަތި އުނދަގޫ ޙާލަތުތައް ކުރިމަތިކުރައްވަވާނެއެވެ.

އަމިއްލައަށް ކުރިއަރައިދެވިދާނެކަމަށް ހީކޮށް ބައެއް މީހުން ﷲ ތަޢާލާ ނަހީކުރެއްވެވި އަމަލުތައް ކުރެއެވެ. ތިމާއަށް ކުރިއެރުން ލިބިދާނެކަމުގެ އުންމީދުގައި އެހެންމީހުންނަށް ގެއްލުންދެއެވެ. އެހެންމީހުންނަށް ގެއްލުންދީފައި ތިމާ ކުރިއަރައިގެންދާން މަސައްކަތްކުރެއެވެ.

މިބާވަތުގެ އަމަލުތައް ކުރާމީހުންނަށް ކޮންމެވެސް މިންވަރެއްގެ ހިތްހަމަޖެހުމެއްވެސް ލިބޭފަދަ ގޮތްތަކެއްވެސް މެދުވެރިކުރައްވަވައިފާނެއެވެ. ނަމަވެސް އެފަދަ ކަންކަން އެއީ ޙަޤީޤަތެއްގެ ގޮތުގައި ފެންނަން މާގިނަ ދުވަހަކަށް ދެމިހުންނާނެ ކަންކަމެއް ނޫނެވެ! ލިބޭ އުފާވެރިކަން ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އޮންނާނީ ފުން ހިތާމައަކަށް ބަދަލުވެފައެވެ.

އަހަރެމެންގެ ތެރެއިން ގިނަބައަކަށް މިއަދު ވަރަށް ބޮޑަށް މިވަނީ ބައެއްކަންކަން އޮޅިފައެވެ. އެއިގެ ތެރެއިން އެންމެ ބޮޑަށް އޮޅިފައިވާ އެއްކަމަކީ އެމީހާ ކުރަން ބޭނުންވާ ކަންކަން އަމިއްލައަށް ނުކުރެވޭނެކަމެވެ. ތަނަވަސްކަން ލިބި ކިތަންމެ މަތީ މަޤާމެއް ލިބި އަދި ގައިގައި އާރާއި ބާރުހުރިނމަވެސް ނުކުރެވޭނެކަމެވެ. އެންމެކުޑަމިނުން އަޅުކަންވެސް ނުކުރެވޭނެކަމެވެ. ކޮންމެ ކަމެއްވެސް ކުރެވޭނީ ﷲ ތަޢާލާ އެކަމަކަށް އިރާދަކުރެއްވެވުމުންކަމެވެ.

ނަމާދުގެ ކޮންމެ ރަކްޢަތެއްގައި އަހަރެމެން އަލްޙަމްދުކިޔަމުއެވެ. ﷲ ތަޢާލާއަށް މިދަންނަވަނީ "އަޅަމެން އަޅުކަން ކުރަނީވެސް އަދި ވާގިއެދެނީ އިނބަ ﷲގެ ޙަޟްރަތުން" ކަމަށެވެ. އަދި ނަމާދު ނިމުމުން ﷲ ތަޢާލާއަށް ޝުކުރުވެރިވެ އަޅުކަންކުރުމުގެ ކުޅަދާނަކަން ދެއްވެވުން އެދި ދުޢާކުރަމުއެވެ. އެދުޢާ ނުކޮށް ދޫކޮށް ނުލުމަށް ރަސޫލް (ޞޢވ) ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ.

ހަމައެކަނި އަޅުކަންކުރުމުގައެއް ނޫނެވެ. ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް އެންމެ ފުރަތަމަ ކަމެއްގެ ގޮތުން ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދޭށެވެ! ﷲ ތަޢާލާ އެކަމެއް އިރާދަކުރެއްވެވުމުން މެނުވީ ޙާޞިލުކުރެވޭނެ އެއްވެސް ކަމެއް ނެތެވެ.

ވީމާ އަޅުކަމެއް ކުރަން ފަށާއިރުވެސް އެކަން ފުރިހަމަ ގޮތުގައި ކުރުމުގެ ކުޅަދާނަކަން ދެއްވެވުން އެދި ދުޢާކުރާށެވެ! އަދި ދިއުޅުމުގެ ކޮންމެ ކަމެއް ކުރަން ފެށުމުގެ ކުރިންވެސް ހަމައެފަދައިން ދުޢާކުރާށެވެ! ﷲ ތަޢާލާގެ ޙަޟްރަތުން ވާގިލިބިގެން ކުރަން މަސައްކަތްކުރާ ކަމަކުން މެނުވީ އެއްވެސް ފައިދާއެއް ނުކުރާނެއެވެ!

މިކަންކަން ހާމަކުރަން މިޖެހެނީ މިހާރަކަށް އައިސް އަތުގައި ފައިސާ އާއި ވަސީލަތް ހުރިނަމަ، މަތީ މަޤާމާއި ބާރާއި ނުފޫޒު ލިބިފައިވާނަމަ، ތިމާއަމިއްލައަށް ކޮންމެ ކަމެއްވެސް ކުރެވިދާނެ ކަމަށް ޤަބޫލުކުރާ މީހުން ވަރަށް ގިނަކަމުންނެވެ. އެފަދައިން ޤަބޫލުކުރާ މީހުންނަށް އެވިސްނެނީ ރަނގަޅު ވިސްނުމެއް ނޫނެވެ. ވަރަށް ނުބައި ޝައިޠޯނީ ވިސްނުމެކެވެ. އެފަދަ ވިސްނުންތަކާއި ކައިރިވެސްނުވާށެވެ! އެފަދަ ނުބައި ވިސްނުމެއް ކުރެވުނަސް އަވަހަށް ތައުބާވެ ތިމާގެ ހުރި ނިކަމެތިކަން ބަޔާންކުރާށެވެ! ކުރަން ބޭނުންވާ ކަންކަން ކުރެވޭނެ މަގު ފަހިކޮށްދެއްވެވުން އެދި ދުޢާކުރާށެވެ! ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދޭށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން