ފުރތަމަ ބުނެލަން ބޭނުންވަނީ ދަރިން ލިބުމުން ދަރިންގެ ޙައްޤުތައް އަދާނުކުރެވޭނެނަމަ ދަރިން ހޯދުމުގެ ބޭނުމެއް ނެތެވެ. ދަރިންގެ ޙައްޤުތައް އަދާނުކުރުމަކީ އެކަމުގެ ޒިންމާ އުފުލަންޖެހޭނެ ކަމެކެވެ. ފާފަވެރިވާނެ ކަމެކެވެ. އެކަމަށް ބިރުވެތި ނުވެވޭނަމަ ދަރިން ހޯދުން ވާނީ އަމިއްލައަށް ލިބިގަނެވޭ ބޮޑު ގެއްލުމަކަށް ނޫންހެއްޔެވެ؟
ދަރިން ޔަތީމްވުމުގެ ވާހަކަ ދައްކާއިރު ފުރަތަމަ ވިސްނުމަށް އަންނާނީ މައިންބަފައިން މަރުވީކަމަށެވެ. ދެން އެބަސް ބޭނުންކުރެވެނީ ދެމަފިރިން ވަކިވެ ކުދިން ޙާލުގައި ޖެއްސުވުމަށެވެ. މައިންބަފައިން ދިރިތިބެމެ ދަރިން ޔަތީމްކުރުމުގެ ވާހަކައެވެ. 3 ވަނަ ގޮތް އަދި މާނުބައިކަން ބޮޑެވެ. އެއީ ދަރިންނާއިއެކު ދަރިން ގޮވައިގެން އެއްގެއެއްގައި ދެމަފިރިން ދިރިއުޅެމުން ދަރިން ޔަތީމްކުރުވުމެވެ.
މައިންބަފައިން ގަދަވެ ހެޔޮޙާލުގައި ދިރިތިބެ ދަރިންނަށް ޚަރަދުވެސް ކުރަމުން ދަރިންނާއި އެއްގެއެއްގައި ދިރިއުޅޭ ހާލުގައި ދަރިން ޔަތީމްކޮށްގެން ދަރިން ބެލުމުގެ ވާހަކައަކީ ޙައިރާންވާންޖެހޭ ވަރުގެ ވާހަކައެކެވެ. ނަމަވެސް އެކަން މިއަދު ދަނީ މެދުވެރިވަމުންނެވެ.
މައިން ބަފައިން ދިރިތިބެ އަދި މައިން ބަފައިންނާއި އެއްގެއްގައި އެމީހުންގެ ގާތުގައި ގެންގުޅެ ބަލަހައްޓާ ގިނަ އަދަދެއްގެ ކުޑަކުދިން މިއަދު ވަނީ ޔަތީމްވެފައެވެ. މިއީ މިއަދު އިސްލާމީ މުޖުތަމައުގައި ވަރަށް ބޮޑަށް ކަންބޮޑުވާންޖެހިފައިވާ ކަމެކެވެ. މައިން ބަފައިން ދުނިޔޭގައި ނެތިގެން ޔަތީމްވެއްޖެނަމަ ބުނެވޭނެ އެއްޗެއް ނެތެވެ. ނަމަވެސް މައިންބަފައިން ދިރިތިބެ އެމީހުން ގެންގުޅޭ ދަރިން ޔަތީމްވުމަކީ ވަރަށް ބޮޑު މައްސަލައެއް ނޫން ހެއްޔެވެ؟
ބައްޕައިން މިބުނަނީ އެމީހުން "ބިޒީ" ކަމުން ދަރިންނަށް ވަގުތު ދެވެން ނެތް ކަމަށެވެ. މަންމަ ދަރިންނަށް ދޭ ވަގުތަށްވުރެ ގިނަ ވަގުތު ހޭދަކުރަނީ "މޭކަޕް" ކުރުމަށެވެ. ގެއަށް މީހަކު ޒިޔާރަތްކުރާނަމަ އެމީހާ އާއި ބައްދަލުކުރަން މޭކަޕްކުރަން ބައިގަޑިއިރު ނަގައެވެ. ޖެހިގެން ހުރި ފިހާރައަށް ދެވެނީ ވެސް އެވަރަށް މޭކަޕްކޮށްގެންނެވެ. ދެން ނިކަން ބުނެބަލާށެވެ! ދަރިން އެތިބީ މައިން ބަފައިން ދުނިޔޭގައި ތިބެ ޔަތީމްވެފައި ނޫން ހެއްޔެވެ؟ މިދައްކަނީ ހުރިހާ މައިންބަފައިންގެ ވާހަކައެއް ނޫނެވެ. މިގޮތަށް އުޅޭ މައިން ބަފައިން އިތުރުވަމުން އަންނަ ވާހަކައެވެ.
ދަރިން އެކަނިވީމާ މިޒަމާނުގައި އެމީހުން ތިބެނީ ދުނިޔެއާއި ގުޅިގެންނެވެ. އެކިކުދިން ޝައުޤުވެރިވާނީ އެކި ކަންކަމަށެވެ. އެގޮތަށް ދުނިޔެއާއި ގުޅޭނެ ވަގުތު އިތުރުން ފައިދާހުރި ކަމެއް ކުރާނީ މަދު ކުއްޖެކެވެ. ގިނަ ކުދިން ކުރާނީ ގެއްލުންހުރި ކަންކަމެވެ. މައިންބަފައިންނަށް އެކަން މިއެނގެނީ ނުބައިކަމުގެ ތެރެއަށް ކުއްޖާއަށް ރަނގަޅަށް ވަދެވި މަގުފުރެދޭ ފަހުންނެވެ. އެހިސާބުން އެކުދިން ދެކެ ރުޅި އަުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ އެހިސާބަށް ދަރިފުޅު ފޮނުވީ އަމިއްލައަށް ނޫން ހެއްޔެވެ؟
އެންމެ ބޮޑަށް ބިޒީވެ ޢާއިލާ ޢާއި ދުރުހެލިވަނީ އަމިއްލަ މަސައްކަތްކުރާ މީހުންނެވެ. އެފަދަ މީހުންނަށް ހީވަނީ ހުރިހާ ކަމަކީވެސް ވީހައި ގިނަ ފައިސާ ޖަމާކުރުން ކަމަށެވެ. އެގޮތަށް މަސައްކަތްކޮށްގެން ގިނަ ފައިސާތަކެއް ޖަމާ ކުރެވިދާނެއެވެ. ނަމަވެސް އެކަން ކުރެވޭއިރު އަނބިދަރިން ގެއްލި މަގުފުރެދިފައިވާނަމަ ހޯދި ފައިސާތަކުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ އެއިން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ އާޚިރަތް ދުވަހު ޖެހޭނީ ޢާއިލާއަށް ވީ އިހްމާލުގެ ޒިންމާ އުފުލާށެވެ! އަދި އެފަދައިން އަމަލުކުރާ މައިން ބަފައިންގެ ދަރިން ބޮޑެތިވާއިރު އެކުދިންނަށްވެސް ދަސްވެފައި އޮންނާނީ ކުރންޖެހޭ ހުރިހާ ވެސް ކަމަކީ ވީހައި ގިނަ ފައިށާ ޖަމާކުރުން ކަމަށެވެ. އެހިސާބުން ދަރިންކޮޅު އެގޮތުންވެސް ގެއްލިގެން ދިއައީއެވެ.
މިހާމަކުރީ ހަމަ ކޮންމެ ބެލެނިވެރިއަކުވެސް ފުންކޮށް ވިސްނައިލަން ޖެހިފައިވާ ކަމެކެވެ. ތިމާއަށް އަމަލުކުރެވެނީ މިފަދަ ގޮތަކަށް ކަމުގައިވާނަމަ ކަންކަން އަވަހަށް އިޞްލާޙްކޮށްލާށެވެ. ތިމާމެންގެ ދަރިންނަށް ރަނގަޅު ތަރުބިއްޔަތެއް ނުދެވިއްޖެނަމަ، ދަރިންގެ ހިތްތަކުގައި އިސްލާމް ދީނަށް ލޯބި ނުޖެއްސުވިއްޖެ ނަމަ ޖަމާކުރި ފައިސާތަކުން ކުރާނީ ކޮންފައިދާއެއް ހެއްޔެވެ؟ އެކަމުން ކުރިމަތިލާން ޖެހޭނީ ގެއްލުމާއި އަނިޔާ އާއި ނޫން ހެއްޔެވެ؟ ގަދަފަދަ ޢަޛާބާއި ނޫން ހެއްޔެވެ؟
--މުފްތީ މެންކުގެ ދަރުސަކުން