އަހަރެމެން ﷲ ތައާލާގެމަތިން ހަނދުމަކުރަމުއެވެ. ޛިކުރުވެސް ކުރަމުއެވެ. އަދި ކަންކަމުގައި ﷲ ތަޢާލާގެ ޙަޟްރަތުންވާގިވެސް އެދެމުއެވެ. ކަންކަން ހިންމަވައިދެއްވެވުން އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވަމުއެވެ. ނަމަވެސް ބައެއް ފަހަރު، އެދޭކަންކަން އެދޭ ފަދައިން ހިންމަވައި ނުދެއްވަވައި ލަސްވެގެންދެއެވެ. އެހިނދު ހިތުގައި ޝަކުވާތައް އުފެދެއެވެ.
މިހާލަތުގައި މާޔޫސްވުމުގެ ކުރިން ޗެކްކޮށްލަން ޖެހޭ ވަރަށް މުހިންމު ކަމެއް އޮވެއެވެ. އެއީ ތިމާއަށް ﷲ ތަޢާލާ ހަނދުމަކުރެވޭ ގޮތާއިމެދުގައެވެ. ﷲ ތަޢާލާ ހަނދުމަކުރެވޭގޮތް ރަނގަޅުތޯއެވެ؟ ﷲ ތައާލާގެމަތިން ހަނދުމަކުރެވެނީ އެކަމުގެ ފުރިހަމާނައިގައިކަމާއިމެދުގައެވެ.
އެހެނީ ﷲ ތައާލާގެ މަތިން ހަނދުމަކުރުމާއި ޛިކުރުކުރުމަކީ އެއްބައެއްވެ. އެބައި ފުރިހަމަކުރުމަށް އަދި އެއްބައި އޮވެއެވެ. އެއީ ތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންވުމެވެ. ކިޔަމަންތެރިކަން އަދާކުރުމުގެ ބައި ފުރިހަމަ ނުކުރެވޭނަމަ ދެން ކުރާ ކަންކަމުން ކުރަންޖެހޭ ފައިދާއެއް ނުކުރާނެއެވެ. އެހެންކަމުން ﷲ ތަޢާލާގެ އަމުރުފުޅުތަކަށް އަމަލުކުރުމަކީ އެންމެ މުހިންމު ބައެވެ.
ﷲ ތަޢާލާގެ މަތިން ހަނދުމަކުރާނަމަ އެމީހާގެ މަތިން ތިމަން ﷲ ހަނދުމަކުރައްވަވާނެ ކަމަށް އޮތް ވަޙީބަސްފުޅު ހަނދުމަކުރާށެވެ! މިބަސްފުޅުގައިވާފަދައިން އެދެނަމަ ފުރިހަމަ މާނައިގައި ހަނދުމަކުރާށެވެ! އެއީ ކިޔަމަންތެރިކަމާއިއެކު، ކިޔަމަންތެރިކަން އަދާކުރަމުން ހަނދުމަކުރުމެވެ.
ވަރަށް ކެރިހުރެގެން ބުނަމެވެ! ފުރިހަމަ މާނައިގައި ﷲ ތަޢާލާގެމަތިން ހަނދުމަކުރާ މީހާ އެއްވެސް ކަމަކަށް މާޔޫސްވާކަށް ނުޖެހޭނެއެވެ. އެމީހާއަށް ޖެހޭ ހުރިހާ ކަންކަމެއް ﷲ ތަޢާލާ ފުއްދަވައި ދެއްވަވާނެތެވެ. އަދި އާޚިރަތް ދުވަހުވެސް އެމީހާ ވާހުށީ އެންމެ އުފާކުރާނެ މީހުންގެ ތެރެއިންނެވެ. އެމީހާގެ މަންޒިލަކަށްވާނީ ނިޢްމަތްތަކުން ފުރިގެންވާ ސުވަރުގެއެވެ. އިން ޝާ ﷲ
--މުފްތީމެންކުގެ ދަރުސަކުން