ދެމަފިރިންކަމުގައިވީނަމަވެސް ސިއްރުން ނުބައިރޭވުންތައް ރާވައި ކަންކަންކުރަން އުޅުމަކީ ބިރުހުރިކަމެއްކަން ޤުރްއާނުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 23ސ
ދެމަފިރިންކަމުގައިވީނަމަވެސް ސިއްރުން ނުބައިރޭވުންތައް ރާވައި ކަންކަންކުރަން އުޅުމަކީ ބިރުހުރިކަމެއްކަން ޤުރްއާނުން-

އަނެކާއަށް މަކަރު ހެދިދާނެއެވެ. ނުބައި ރޭވުންތައް ރޭވިދާނެއެވެ. ނުބައި ކަންކަންވެސް ކުރެވިދާނެއެވެ. ނަމަވެސް ހުރިހާ ކަމެއް ދެކެދެނެވޮޑިގެންވާ ﷲ ތަޢާލާ އެކަން އެންމެ މޮޅަށް ދެނެވޮޑިގެންވެއެވެ.  

ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވަނީ މިފަދައިންނެވެ.

"އުޑުތަކާއި، ބިމުގައިވާހާކަމެއް އެކަލާނގެ ދެނެވޮޑިގެންވެތެވެ. އަދި ތިއަބައިމީހުން ސިއްރުކުރާ ކަންތަކާއި، ފާޅުކުރާ ކަންތައް އެކަލާނގެ ދެނެވޮޑިގެންވެތެވެ. އަދި ﷲ އީ، ހިތްތަކުގައިވާހާކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."

(އައްތަޣާބުން: 4) 

މިއާޔަތުގެ މާނަ އެމީހަކު ބޭނުން ކަމަކާއި ގުޅުވާލެވިދާނެއެވެ. ސިއްރިޔާތުގައި ކަންކަން ރާވައި މީސްތަކުންނަށް މަކަރުހަދައި އެކަމުގެ ނާޖާއިޒު ފައިދާ ނަގަން ކުރާ ކޮންމެ ކަމަކާއި މިއާޔަތުގެ މާނަ ގުޅިގެންދެއެވެ. މީސްތަކުންގެ ކުރިމަތީގައި ވަރަށް ރިވެތި ޢިބާރާތްތަކުން ވާހަކަދައްކައި އެމީހުންގެ ހަމްދަރުދީ ހޯދަމުން އެމީހުން ނިކަމެތިކުރަން ކުރާ ކޮންމެ ކަމަކާއިވެސް ގުޅުވައިލެވިދާނެއެވެ. ޖުމުލަގޮތެއްގައި ބުނާނަމަ މަކަރުވެރިންގެ ކޮންމެ ރޭވުމަކާއިވެސް ގުޅުވައިލެވިދާނެއެވެ.  

އަހުރެން މިރޭ މިއާޔަތް ގުޅުވައި މިލަނީ ޒަވާޖީ ޙަޔާތާއިއެވެ. ދެމަފިރިން އެކަކު އަނެކަކަށް މަކަރުހެދުމާއިއެވެ. އަނެކާއަށް ނުއަންގައި ސިއްރުން ކުރާ ކަންތައްތަކާއިއެވެ. ވަރިކޮށްލަން ނުވަތަ ވަރިވާން ސިއްރިޔާތުގައި ރާވާ މަކަރުވެރި ރޭވުންތަކާއިއެވެ.  

އަހުރެން ބުނާނީ ޒަވާޖީ ޙަޔާތެއްގައި ދުވަސްތައް ވޭތިކުރަމުންދާއިރު އަނެކާއަށް ގެއްލުންދެވޭނެ، އަނިޔާލިބޭނެ، ހިތްދަތިވާނެ މަކަރުވެރި ރޭވުންތައް ނުރާވާށެވެ. ޙަޔާތުގެ ބައިވެރިޔާއަށް ކަންކަން އޮޅުވައިލެވިދާނެއެވެ. އެހެނަސް ކުރާ ކިތަންމެ ކުޑަކުޑަ ޢަމަލެއްވެސް، ބުނާ ބަހެއްވެސް، ރާވާ ރޭވުމެއްވެސް ﷲ ތަޢާލާއަށް އޮޅުވައެއް ނުލެވޭނެއެވެ! އެންމެ ކުޑަމިނުން ހިތަށްއަރާ އެއްޗެއްވެސް އޮޅުވައެއް ނުލެވޭނެއެވެ.  

ބައިވެރިޔާއަށް މަކަރުހެދިދާނެއެވެ! އޮޅުވައިލެވިދާނެއެވެ. ކޮޅުކެހިވެސް ދެވިދާނެއެވެ. މީހުން ކުރާ ނުބައި ކޮންމެ ކަމަކަށް ﷲ ތަޢާލާ ވަޤުތުން ޢަޛާބެއް ނުދެއްވަވަތެވެ. އަދި ނުބައި ކަންކަން ކުރާނެ ފުރުޞަތުވެސް ދެއްވަވަތެވެ. އެކަން ވަނީ އެމީހެއްގެ އިޚްތިޔާރަށް ދޫކޮށްލައްވަވައިފައެވެ. އެހެނަސް މުޙުލަތު ދެއްވެވުމަށްފަހު ކުރިމަތިލާންޖެހޭނެއެވެ. ސަލާމަތެއް ނުވެވޭނެއެވެ!  

ތެދެކެވެ! އަހަރެމެންގެ މައިންބަފައިން އިޚްތިޔާރުކުރަނީ އަހްރެމެންނެއް ނޫނެވެ. އެކަން ނިންމަވަނީ ﷲ ތަޢާލާގެ ޙަޟްރަތުންނެވެ. ނަމަވެސް ޙަޔާތުގެ ބައިވެރިން އިޚްތިޔާރުކުރަނީ އަމިއްލައަށެވެ. މައިންބަފައިން އިންތިޒާމްކުރިނަމަވެސް އެކަމަށް ނުރުހޭނަމަ ދެކޮޅު ހެދުމުގެ ޙައްޤުވެސް ﷲ ތަޢާލާ ވަނީ ދެއްވަވައިފައެވެ.  

ބުނެލަން ބޭނުންވަނީ އަމިއްލަ އިޚްތިޔާރުން ބައިވެރިއަކު ހޯދައި ލޯބިވެގެން އެތައް ދުވަހަކު އެކުގައި އުޅެ، ކައިވެނިކުރުމަށްފަހު ކައިވެނިކޮށް ބައިވެރިޔާއަށް މަކަރުހަދަން، ހިތްދަތިކުރުވަން ހެޔޮވެދާނެ ހެއްޔެވެ؟ އަހުރެންގެ ނަޒަރުގައި ކައިވެނިކުރެވުމުން ޢަމަލުކުރަން އެންމެ ރަނގަޅު ގޮތަކީ ވަކިނުވާން މަސައްކަތް ކުރުމެވެ. އެކަން ކާމިޔާބުކުރެވޭނީ މަކަރު ނުހަދައި ތެދުވެރިވެވިގެންނެވެ. އެކަކު އަނެކަކަށް ތެދުވެރިވެވަފާތެރިވެގެންނެވެ.  

އެގޮތުގައި ދެމަފިރިން ދިރިއުޅެމުން ގެންދާނަމަ ޒަވާޖީ ޙަޔާތުގައި ބަރަކާތް ލައްވަވާނެތެވެ. އުފާވެރިކަން ދެއްވަވާނެތެވެ. ކާމިޔާބީވެސް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން