ޢަލީ އިޙްޞާން ފިރާޤް
ހެޔޮކަންތައްތަކަށް އަމުރު ކުރެއްވުން
ތިމާގެ އަހުލުވެރިން ދެކެ ޙަޤީޤީ ލޯބިވާކަމުގައިވަނީ ނަމަ އެބައިމީހުން ނަކަރައިގެ ގަދަފަދަ ޢަޛާބުން ސަލާމަތް ކުރުމަށްޓައި މަސައްކަތް ކުރާނެއެވެ. އެބައިމީހުންނަށް ހެޔޮކަމުގެ މަގަށް ގޮވައިލާނެއެވެ. ހެޔޮކަންތައްތަކަށް އަމުރުކުރާނެއެވެ.
إسماعيل عليه السّلام އަކީ މިދެންނެވި އުޞޫލަށް ވަރަށް ފުރިހަމައަށް ޢަމަލުކުރެއްވި ނަބީބޭކަލެކެވެ. އެކަލޭގެފާނު އެކަލޭގެފާނުގެ އަހްލުވެރިންނަށް ނަމާދުކުރެއްވުމަށާއި، ޒަކާތްދެއްވުމަށް އަމުރުކުރައްވައި އުޅުއްވިއެވެ. މަރްޔަމް ސޫރަތުގެ 55 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
" وَكَانَ يَأْمُرُ أَهْلَهُ بِالصَّلَاةِ وَالزَّكَاةِ وَكَانَ عِندَ رَبِّهِ مَرْضِيًّا ﴿٥٥﴾"
މާނައީ: "އަދި އެކަލޭގެފާނުގެ أهل ވެރިންނަށް، ނަމާދު ކުރުމަށާއި، زكاة ދީ އުޅުމަށް، އެކަލޭގެފާނު أمر ކުރައްވާ ކަމުގައިވިއެވެ. އަދި އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ގައި، ރުއްސުންލައްވާފައިވާ ބޭކަލަކު ކަމުގައި އެކަލޭގެފާނުވިއެވެ."
إسماعيل عليه السّلام ގެ މި އުޞޫލަށް ޢަމަލުކުރުމަށް މާތްﷲ ވަނީ މިއުއްމަތަށްވެސް އިރުޝާދު ދެއްވައިފައެވެ. ތަޙްރީމު ސޫރަތުގެ 6 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
"يَا أَيُّهَا الَّذِينَ آمَنُوا قُوا أَنفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا النَّاسُ وَالْحِجَارَةُ عَلَيْهَا مَلَائِكَةٌ غِلَاظٌ شِدَادٌ لَّا يَعْصُونَ اللَّـهَ مَا أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ ﴿٦﴾ "
މާނައީ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ نفس ތަކާއި، ތިޔަބައިމީހުންގެ أهل ވެރިން، ނަރަކައިން ސަލާމަތްކުރާށެވެ! އެ ނަރަކައިގެ ދަރަކީ، މީހުންނާއި ހިލައެވެ. އެ ނަރަކައިގެ މައްޗަށް (ބަނޑޭރިންކަމުގައި) ހަރުކަށި، އަދި ގަދަފަދަ ملائكة ންވެއެވެ. اللَّه، އެބޭކަލުންނަށް ކުރައްވާ أمر އަކަށް އެބޭކަލުން ނުއުރެދޭނެތެވެ. އަދި އެބޭކަލުންނަށް أمر ކުރައްވާކަންތައް އެބޭކަލުން ކުރައްވާނެތެވެ."
ކޮންމެއަކަސް، إسماعيل عليه السّلام އަކީ މިދެންނެވި މަކާރިމުލް އަޚްލާޤުގެ މަތިވެރި ސިފަފުޅުތަކުގެ އިތުރުންވެސް އެންމެހައި ހޮޔޮ ޚުލުޤުފުޅުތަކަކުން ޒީނަތްތެރިވެވަޑައިގެން ހުންނެވި ނަބީބޭކަލެކެވެ.