މީހުންގެ ނުބައި ވާހަކަތައް ދައްކަމުން ހިނގުން މިވަނީ ޢާންމުވެފައެވެ. މިހެންބުނުނަމަވެސް ވާހަކަ ދައްކަމުން ހިނގުން މިހާރުމަދެވެ. ގިނައިން ދައްކަނީ ފޯނުން ނުވަތަ ސޯޝަލް މީޑިއާ މެދުވެރިކޮށެވެ. ކޮންމެ ގޮތަކަށް ކުރިނަމަވެސް މިކުރެވެނީ ހަމައެއްކަމެކެވެ. މީހުންގެ ނުބައި ވާހަކަ ދެއްކުމެވެ.
ޢުޤްބާ ބިން އަމްރު (ރޢ) ގެ އަރިއަހުން ރިވާވެގެންވެއެވެ.
ރޯދައަށް ތިބި 2 އަންހެނެއްގެ ބަނޑާއި ބޮލުގައި ރިއްސާތީ ރަސޫލް ﷺ އަށް ދެންނެވުނު ހިނދު ޙަދީޘްފުޅުކުރެއްވެވީ 2 އަންހެނުންގެ ކުރިމަތީގައި ބޯތަށްޓެއް ބަހައްޓާފައި އެއަށް ހޮޑުލުމަށެވެ. ހޮޑުލުމުން އެމީހުންގެ ބަނޑުން ނުކުތީ އިންސާނުންގެ މަހެވެ.
އެއީ އެމީހުން ރޯދައަށް ތިބެ ޣީބް ބުނެ ނެތިމޮށެ ނުބައިވާހަކަތައް ދައްކާތީއެވެ. އެކަން މީސްތަކުންގެ ލޮލަށް ދެއްކެވީ އެކަންކަން ކުރުމަކީ މުޅަމަސް ކެއުންކަން މީސްތަކުންނަށް ދައްކަވައިދެއްވެވުމުގެ ގޮތުންނެވެ.
ލޮބުވެތިއަޚުންނާއި އުޚުތުންނޭވެ! ދޫ ރައްކައުތެރި ނުކުރެވޭނަމަ ހިފާ ރޯދައިގެ ޘަވާބެއްވެސް އަދި ކުރާ ނަމާދާއި އެހެން އަޅުކަމުގެ ޘަވާބެއްވެސް އެމީހަކަށް ނުލިބޭނެއެވެ. ޤިޔާމަތް ދުވަހު އެމީހަކުވާނީ ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ.
ދޫރައްކައުތެރިކުރަންވީ ހަމައެކަނި ރޯދަމަހަކު ނޫނެވެ. ހުރިހާ ދުވަސްތަކެއްގައެވެ. އެމީހާގެ ދުލުން ނުބައި ވާހަކަދައްކާނަމަ ރޯދަހިފުމުގެ ނަމުގައި ނުކައި ނުބޮއި ހުރުމުގެ ބޭނުމެއް ނެތްކަމަށް އޮތީ އެހެންވެގެންނެވެ. އެކަމުގެ ހުރި ނުބައިކަމުގެ ބޮޑުކަން މީސްތަކުންނަށް ބަޔާންކުރައްވަވައި ދެއްވެވުމަށެވެ. ވީމާ ދޫ ރައްކައުތެރިކޮށް ނަރަކައިން ސަލާމަތްވާން މަސައްކަތްކުރާށެވެ!
- ޢުމަރު ސުލައިމާންގެ ދަރުސަކުން