ކޮންމެ ދުވަހަކުވެސް ކުރަން ފައިދާހުރި ދުޢާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ކޮންމެ ދުވަހަކުވެސް ކުރަން ފައިދާހުރި ދުޢާއެއް!

ކޮންމެ މީހަކުވެސް ވާދަކުރަން ޖެހެއެވެ! އެކަމކު ތަޤްވާވެރިކަމުގައެވެ! ދަހިވެތިވާންޖެހެއެވެ. އެކަމަކު ސުވަރުގެ ލިބުމަށެވެ. ދުނިޔަވީ ކަންކަމަށް ދަހިވެތިވާނަމަ މިބަޔާންކުރި 2 ކަންތައް ޙާޞިލުކުރަން ހުރަސްތަކެއް ހުންނާނެއެވެ.

ﷲ ތަޢާލާއަށް އަޅުކަންކުރުން ޙައްޤުވެގެންވާ ގޮތުގައި އަޅުކަން ނުކުރެވޭ ސަބަބުތަކުގެ ތެރޭގައި އިންސާނުންނަށް ކުރިމަތިވާ ނާކާމިޔާބީއާ، މާޔޫސްކަން ހިމެނެއެވެ. ނަމަވެސް ގިނަފަހަރު މިފަދަ އިޙްޞާޞްތައް ކުރެވުން އިތުރުވެގެންދަނީ އެހެން މީހުންނާއި އަޅުވައި ކިޔޭތީއެވެ. އެހެން ކޮންމެވެސް މީހަކަށް ލިބިފައިވާ މަތީ މަޤާމާއި މުއްސަނދިކަމާއި، ރީތި ބައިވެރިޔާ ފަދަ ކަންކަން އިޙްޞާޞްކުރެވުމުންނެވެ.

ﷲ ތަޢާލާ ކޮންމެ މީހެއްގެ ކިބައިގައިވެސް ދަހިވެތިކަން ވަނީ ލައްވަވައިފައެވެ. އެއީ ﷲ ތަޢާލާއަށް ކިޔަމަންތެރިވުމާއި އަޅުކަންކުރުމަށް ދަހިވެތިވުމަށެވެ. ނަމަވެސް އަހަރެމެން ދަހިވެތިމިވަނީ ދުނިޔޭގެ އެދުންތަކަށެވެ. އަމިއްލަ ބޭނުންތަކަށެވެ. ދަހިވެތިކަން މީހުންގެ ކިބައިގައި ލެއްވެވި މަޤްޞަދާއި މުޅިން ޚިލާފަށެވެ.

ދުނިޔޭގައި އެންމެ ފުރަތަމަ ހިންގި ލޭއޮހޮރުވުން، އާދަމްގެފާނުގެ ދެދަރިކަލުންގެ މެދުގައި ހިނގަން މެދުވެރިވީ ކޮންކަމެއް ހެއްޔެވެ؟ ދަހިވެތިކަމެވެ. ހަސަދަވެރިކަމެވެ. އެ ޙާދިސާއިންވެސް ލިބިގެންދާ ޢިބްރަތަކީ ޢާއިލާތަކަށް އުފާވެރިކަން ލިބެން އޮތީވެސް ދަހިވެތިކަން އެއިގެ ރަނގަޅު މާނައިގައި ބޭނުންހިފައިގެންކަމެވެ.

ދަހިވެތިކަމުން ސަލާމަތްކުރެއްވެވުން އެދި މިފަދަ މޭރުމުން ދުޢާކުރާށެވެ!

"ޔާ ﷲ! އިނބަ ﷲ އަށް ކުއްތަންވުމަށް މަސައްކަތްކުރުމުން ފިޔަވައި އެހެން އެއްވެސް ކަމަކަށް މިއަޅާގެ ހިތުގައި ދަހިވެތިކަން ނުލައްވަވާނދޭވެ! އިނބަ ﷲ އާ ވީހައި ބޮޑަށް ކުއްތަންވުމަށާއި ސުވަރުގޭގެ އެންމެ މަތީ ދަރަޖަ ލިބުމަށް އެންމެ ދަހިވެތިކަންބޮޑު މީހުންގެ ތެރެއިން މިއަޅާ ލައްވަވާނދޭވެ! އާމީން."

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން