ބުއްދިވެރި އަންހެނަކު ހެޔޮލަފާ މާތް މީހަކު ކަމަށް ހެދިގެން އުޅުނު މީހަކު ފަޟީޙަތްކޮށް ލަދުގަންނަވާލި ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 15ސ
ބުއްދިވެރި އަންހެނަކު ހެޔޮލަފާ މާތް މީހަކު ކަމަށް ހެދިގެން އުޅުނު މީހަކު ފަޟީޙަތްކޮށް ލަދުގަންނަވާލި ގޮތުގެ ވާހަކަ-

އޭނާއަކީ އަވަށުގެ އެންމެ ރީތި އަންހެންކުދިންގެ ތެރެއިންވެސް ރީތި އަންހެން ކުއްޖެކެވެ. ހަމައެކަނި ރީތީއެއް ނޫނެވެ. ބުއްދިވެރިކަމާ ޙިކުމަތްތެރިކަމުގައިވެސް އެންމެ ކުރީގައި ހުރި އަންހެނެކެވެ. އެހެންވެ ތަފާތު ފެންވަރުގެ މީހުންގެ ކިބައިން އެކިވަރުގެ ހުށަހެޅުންތައް ލިބެމުން އަންނައިރުވެސް އޭނާ އުޅެމުން އައީ އެއްވެސް ފިރިހެނެއްގެ އަތްދަށުނުވެއެވެ.  

އަވަށުގެ އެންމެ ހެޔޮލަފާ މާތް މީހުންގެ ތެރޭގައި ހިމެނޭ ފިރިހެނަކު އޭނާއާއި މަގުމަތިން ބައްދަލުކޮށް އޭނާގެ ގެއަށ ގޮސްދިނުމަށް އެދުމުން އެކަމަށް އޭނާ ދެކޮޅު ހެދިއެވެ. އެމީހާ ބުނީ އަހުރެން ފަދަ ހެޔޮލަފާ މާތް މީހުން ދޭ ދަޢުވަތު ޤަބޫލުނުކުރާނަމަ ކުރިމަތިވާނީ ވަރަށް ދެރަ ގޮތްތައް ކަމަށާއި ކައިވެނިކުރާނެ މީހަކުވެސް ނުވާނެ ކަމަށެވެ.  

އަންހެން ކުއްޖާ ބުނީ އެކަންކަމަށް އޭނާ ބިރުގަންނަ ކަމަށާއި ނަމަވެސް އޭނާގެ ގެއަށް ދާން ނުކެރޭނެ ކަމަށެވެ. އަންހެން ކުއްޖާގެ ކޮޓަރިއަށް ހިނގައްޖެނަމަ ބައްދަލުކުރެވިދާނެ ކަމަށެވެ. އެހެން ބުނެ އެރޭ 10 ޖަހާއިރަށް ދަޢުވަތުދިނެވެ.  

ގަޑިއަށް ދިއުމުން ކޮޓަރިއަށް ވައްދައި ތަޅުލުމަށްފަހު ބުނީ ފޭރާން ބާލައި ފާޚާނާއަށްވަދެ ދޮވެލައިގެން އައުމަށެވެ. އަންހެން ކުއްޖާ އޭނާއަކަށް ނުބަލައެވެ. ފާޚާނާއަށް ވަދެ ދޮވެލައިގެން ނުކުތްއިރު އަންހެން ކުއްޖާ ކޮޓަރިއަކު ނެތެވެ. ދޮރުގައި ހިފައިލިއިރު ދޮރުހުރީ ތަޅުލައިފައެވެ. ކޮޓަރީގައި ބަންދުވީއެވެ. ބޭލި ފޭރާން ކޮބައިތޯ ބަލައިލިއިރު ފޭރާމެއްވެސް ނެތެވެ. ކަންތައް ގޯސްވެއްޖެކަން ވިސްނުނެވެ. ނަމަވެސް ކުރެވޭނެ ހަމައެއްކަމެއްވެސް ނެތެވެ. ހަތަރު އުދަރެސް ފެނުޖެހުނީއެވެ.  

އަންހެން ކުއްޖާ ފޭރާން ހިފައިގެން މަގުމައްޗަށް ނުކުމެ ގޮވަން ފެށިއެވެ. "މިއީ ކާކުގެ ފޭރާމެއް ހެއްޔެވެ؟ މިއީ އަހުރެންގެ ކޮޓަރީގައި ހުރި ފޭރާމެވެ!" 

އަންހެން ކުއްޖާއަށް ޑިމާންޑް ބޮޑުކަމުން ގިނަ ބައަކު އެއްވުމުން އެމީހުން ގޮވައިގެން ކޮޓަރިއަސް ގޮސް ދޮރުހުޅުވާފައި އެމީހަކު އެތެރޭގައި ވެއްޖެކަމަށާއި އޭނާ ނެރެދިނުމަށް އެދުނެވެ. ޒުވާނުންތައް ކޮޓަރިއަށް ވަންއިރު އޭނާ ހުރީ ގައިގައި ބެދްޝީޓެއް އޮޅައިގެންނެވެ.  

ޒުވާނުންތައް އޭނާ އެހުރި ގޮތަށް މަގުމައްޗަށް ނެރުމުން އަންހެން ކުއްޖާ، އޭނާގެ ގާތުގައި އެމީހާ ދެއްކި ވާހަކަކިޔައިދީ އޭނާ ކަންތައް ކުރި ގޮތް ކިޔައިދިނެވެ. އެހިސާބުން އަވަށުގެ މީހުން އޭނާއާއި ވާހަކަދެއްކުން ހުއްޓައިލިއެވެ. ނަމަކަށްވެސް ކިޔަނީވެސް ބެދްޝީޓް މީހާއެވެ.  

ހިތުގައި ﷲ ތަޢާލާއަށް ބިރުވެތިކަމެއް ނެތި މާތް މީހުން ކަމަށް ހެދިގެން އުޅުމަކީ މުނާފިޤުންގެ ސިފައެކެވެ. މިވާހަކަ މިކިޔައިދިނީ އެއްވެސް މީހަކަށް މިފަދަ ގޮތއް ހަދަން ހިތްވަރުދޭކަށް ނޫނެވެ. މުނާފިޤަކަށް ނުވުމަށް ބާރުއެޅުމަށެވެ. އެމީހަކު ދުނިޔޭގައިވެސް ފަޟީޙަތް ކުރައްވަވާނެ ކަން ވިސްނައިދިނުމަށެވެ.  

ބިރުވެތިވާށެވެ! މުނާފިޤުން ތިބޭނީ ނަރަކައިގެ އެންމެ އަޑިގައެވެ. އެންމެ ގަދަފަދަ ޢަޛާބް ދެއްވަވާނީ މުނާފިޤުންނަށެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން