ޢާއިޝަތު ރަފާޙް ޢަލީ
5 ބާވަތުގެ އަންހެނުންނާ ކައިވެނިކުރުމުގައި ސަމާލުވާށެވެ. އެ 5 ބާވަތުގެ މީހުންނަކީ
އަންނާނާ
ހަންނާނާ
ހައްދާގާ
ބައްރާގާ
ޝައްދާގާ އެވެ.
އަންނާނާއަކީ އަބަދުވެސް ޝަކުވާކުރާ އަދި އާދޭސްކުރާ މީހެކެވެ. އެއްވެސް އެއްޗަކާމެދު ހިތްހަމަނުޖެހޭ އަދި އެއްވެސް އެއްޗަކުން އުފާނުވާ މީހެކެވެ. އަދި ފިރިމީހާއާއެކު އޮންނަ ގުޅުމުގައި އަރާމުކަމެއް ނުލިބޭ މީހެކެވެ. އޭނާއާއެކު ދިރިއުޅުމަކީ އުފާވެރި ކަމަކަށް ނުވާނެއެވެ. ފިރިމީހާ ގެއަށް ވަންނަ ވަގުތުން ފެށިގެން ނިދާ ވަގުތާ ހަމައަށް އަދި ގެއިން ނުކުންނަންދެން އަބަދުވެސް ޝަކުވާކުރަމުން ދާނެއެވެ.
ހަންނާނާއަކީ އެހެން ފިރިއަކަށް ބޭނުންވާ މީހެކެވެ. އެބަހީ އޭނާ އަމިއްލަ ނަފްސު ފިރިމީހާގެ ކުރިމަތީގައި ފަޚުރުވެރިވެ، އަބަދުވެސް ހަނދާންކޮށްދެމުންދާނެއެވެ. "ކީއްވެގެންތަ ތިބާއާ އެކު އަހަރެން ނިމުނީ؟ އަހަރެން ކަހަލަ މީހަކަށް ތިބާ ކަހަލަ މީހަކު ޙައްޤުވާނެތަ؟ އަހަރެން ކަހަލަ މީހަކަށް އޭނާ ކަހަލަ މީހަކު ޙައްޤުވާނެއެވެ." ކޮންމެ ފަހަރަކު ފިރިމީހާއަށް ބަލާލާއިރު އޭނާ ބުނާނެއެވެ އަހަރެންގެ ނަސީބު ދެރައޭ. އެހެންނޫނަމަ އަހަރެން ކަހަލަ މީހަކު މިވެނި މިވެނި ސިފަތަކެއް ހުރި މީހަކާ ކައިވެނިކުރީހެވެ.
ހައްދާގާއަކީ ކޮންމެ އެއްޗަކަށްވެސް ލޯ ހުޅުވާލައިގެން ބަލާ މީހެކެވެ. އަދި އެ އެއްޗެއް ހޯދަން ބޭނުންވާ މީހެކެވެ. އޭނާ ގެއަކަށް ދާނަމަ، ފިރިމީހާގެ ގާތަށް އަނބުރާ އަންނާނީ ހިތާމަވެރި މޫނަކާއެކުގައެވެ. "މާޝާﷲ، މިވެނި މީހެއްގެ ގޭގައި މިވެނި އެއްޗެއް އެބަހުއްޓޭ، އަހަރެންނަކީ ފަގީރެކޭ" ބުނަމުންނެވެ. އަދި އޭނާ މާރުކޭޓަށް ދާނަމަ، ހުރިހާ އެއްޗެއް ގަންނަން ބޭނުންވާނެއެވެ.
ބައްރާގާއަކީ އަމިއްލަ ނަފްސާ މެދު މަޝްޣޫލުވާ މީހެކެވެ. ފިރިމީހާއާއި ގެއަށްވުރެ ބޮޑަށް އަމިއްލަ ނަފްސަށް އަހައްމިއްޔަތުކަން ދޭ މީހެކެވެ. އަމިއްލަ ސިފައާއި އަމިއްލަ ކަންތައްތަކާ މެދު މަޝްޣޫލުވެފައި ހުންނަ މީހެކެވެ. ފިރިމީހާއާއި ގެ އިހުމާލުކުރާ މީހެކެވެ. މިހާރު ކިޔާ ގޮތުން ބުނާނަމަ، އަމިއްލަ ނަފްސަށް ލޯބިކުރާ މީހެކެވެ.
ޝައްދާގާއަކީ ބަހުން ވަރަށް ބޮޑަށް ފަޚުރުވެރިވާ މީހެކެވެ. ވަރަށް ގިނައިން ވާހަކަދައްކާ އަދި ހަނުހުންނަ މީހެއް ނޫނެވެ.
- ޝައިޚް ސުލައިމާން އަލްރުހައިލީގެ ދަރުސަކުން