މައިންބަފައިން ރަނގަޅު ނޫން ގޮތުގައި ދަރިންނަށް ކަންކަން ކުރާނަމަ އެކަމުގެ ވާހަކަ އެމީހުްނގެ ގާތުގައި ބުނުމަކީ ކުށެއް ނުވަތަ ފާފައަކަށްވެދާނެ ކަމަށް ބިރުގަންނަކަން ބައެއް ކިޔުންތެރިން ފާހަގަކުރެއެވެ.
އެފަދަ ކަމެއްގެ ވާހަކަ މައިންބަފައިންގެ ގާތުގައި ބުނުމަކީ ކުރަންޖެހޭނެ ކަމެކެވެ. ރިވެތި ގޮތުގައެވެ. ހަމައެއާއިއެކު މައިންބަފައިންގެ ނުބައި ކަމުގެ ވާހަކަ މީހުންގެ ގާތުގައި ނުދައްކާށެވެ. ކޮންމެހެން ދައްކަން ޖެހިގެން ނޫނީ އެފަދަ ވާހަކަ ދެއްކުން ރަނގަޅެއް ނޫނެވެ. އެވާހަކަ މީހުންނަށް ކިޔައިދިނުމުން ކުރާނެ ފައިދާއެއްވެސް ނެތީމައެވެ.
މައިންބަފައިން ދަރިއަކަށް ނުވަތަ ދަރިންނަށް ގޯސްކޮށް ކަންކަން ކުޜާނަމަ އެކަމުގެ ވާހަކަ މައިންބަފައިންގެ ގާތުގައި ދެއްކުން ހިމެނިގެންދާނީ އެމީހުން އިޞްލާޙްކުރަން ކުރެވޭ މަސައްކަތުގެ ތެރެއިންނެވެ. އިން ޝާ ﷲ. އެއީ ދަރިންނަށް ކުރަންޖެހޭ މަސައްކަތެކެވެ.
ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!
މައިން ބަފައިން ދަރިންނާއި މެދުގައި ގޯސްކޮށް ކަންތައް ކޮށްފައިވުމަކީ ދަރިން މައިންބަފައިންނާއި މެދުގައި ގޯސްކޮށް ކަންތައް ކުރުމަށް އޮތް ޙުއްޖަތެއް ނޫނެވެ. މައިންބަފައިން އެބައިމީހުންގެ ބޮލުގައި އެޅިފައިވާ ޛިންމާ ހެޔޮ ގޮތުގައި ނުއުފުލީއެވެ. ނަމަވެސް ދަރިފުޅު އޭނާގެ ބޮލުގައި އެޅިފައިވާ ޛިންމާ ފުރިހަމަ ގޮތުގައި އުފުލުމަށް ގަދައަޅާ މަސައްކަތް ކުރަން ޖެހޭނެއެވެ.
ދެންއޮތީ މަންމަ/ބައްޕަގެ އުޅުން އިޞްލާޙު ކުރުމަށް މަސައްކަތް ކުރުމެވެ. އެގޮތުން މަންމަ/ބައްޕަ އަށް ނަޞޭޙަތްދޭށެވެ. ނުކެރުން އެއްފަރާތްކޮށްފައި މަންމަ/ބައްޕަ އާއި ވާހަކަ ދައްކާށެވެ. މަންމަ/ބައްޕަގެ ކިބައިގާ ހުރި އިޞްލާޙު ކުރަން ޖެހޭ ކަންތައްތަކުގެ ވާހަކަ ބުނެދޭށެވެ. އަދި މަންމަ/ބައްޕަ އަށް ހެޔޮވިސްނުން ދެއްވުން އެދި ދުޢާ ކުރާށެވެ. އިން ޝާ ﷲ ކާމިޔާބުވާނެއެވެ. والله أعلم
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް